Roadha Mihaaru
ގަރާޖު ސިޓީ އުވައިލަން ފާހެއް ނުވި

ގަރާޖު ސިޓީ އުވައިލަން މަޖިލީހުން ފާހެއް ނުވި

22 ނޮވެމްބަރ 2021

ގަރާޖެއްގައި ޕާކު ކުރެވޭނެ ކަމުގެ ލިޔުމެއް ނެތި ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ގަރާޖެއްގައި ޕާކު ކުރެވޭނެ ކަމުގެ ލިޔުމެއް ނެތި ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.

ކާރާއި ޕިކަޕު ފަދަ އުޅަނދުތައް މާލޭގައި ރަޖިސްޓަރީ ކުރަން ހުށަހަޅަން ޖެހޭނީ ގަރާޖަކާއެކު ކަމަށް ޝަރުތު އުވައިލާ ގޮތަށް ގާނޫނު އިސްލާހު ކުރަން ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

އެ އިސްލާހާ ގުޅޭ ގޮތުން މިއަދު ނެގި ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 43 ވޯޓުގެ އަޣުލަބިއްޔަތުން ނިންމީ ބިލު ފާސް ކުރަން ނުފެންނަ ކަމަށެވެ.

މިދިޔަ އޭޕްރީލް މަހު ހުށަހެޅި އެ ބިލަށް މަޖިލީހުގައި ބަހުސް ކުރުމަށް ފަހު، ތަރިކައާ ބެހޭ ކޮމިޓީ އަށް ފޮނުވުމުން، ކުރީގެ މާލޭ ސިޓީ ކައުންސިލާއި ކަމާބެހޭ އިދާރާތަކާއެކު މަޝްވަރކޮށް، ފުރަތަމަ ނިންމީ ގަރާޖު ސިޓީ އުވައިލުމަށެވެ.

ނަމަވެސް އެ ނިންމުމާ މެދު އެމްޑީޕީގެ އިސް ބޭފުޅުންނާއި މަޖިލީހުގެ ބައެއް އެހެން މެންބަރުން ވެސް ހިތްހަމަޖެހިވަޑައިނުގަތުމުން އެ ބިލު އަލުން ކޮމިޓީ އަށް ފޮނުވުމަށް ފަހު، ގަރާޖު ސިޓީ އުވައިލާ ބިލު ފާސް ނުކުރަން ފެންނަ ކަމަށް އެ ކޮމިޓީން ނިންމި އެވެ.

އެ ކޮމިޓީ ރިޕޯޓުގައިވާ ގޮތުން މާލޭގައި އުޅަނދުތަކަށް ޕާކު ކުރެވޭނެ ޖާގަ ހަމަޖެހުމުގެ ކުރިން ގަރާޖު ސިޓީ އުވާލައިފި ނަމަ ދަތުރުފަތުރުގެ ނިޒާމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ، މާލެ އަށް އެތެރެވާ އުޅަނދުތައް ގިނަވެ އިތުރަށް ތޮއްޖެހޭނެ އެވެ.

ގަރާޖުތައް އިންސްޕެކްޓް ކުރުމަށް ފަހު، ހުއްދަ ދޫކުރުމުގެ މަސައްކަތް ކުރަމުން އައި ޓްރާންސްޕޯޓް އޮތޯރިޓީގެ ތެރެއިންނެވެ. ނަމަވެސް އެ މަސައްކަތް ކުރުމުގައި ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ހިންގުމާއި ގަރާޖު ސިޓީ ވިއްކުމުގެ ބޮޑު ވިޔަފާރިއެއް ވަނީ އުފެދިފަ އެވެ.

މާލޭ ސަރަހައްދުގައި ވެހިކަލް ރަޖިސްޓަރީ ކުރުމަށް ބޭނުންވާ ގަރާޖު ހުއްދަ ދޫކުރުން މިހާރު ވަނީ މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކޮށްފަ އެވެ.