Roadha Mihaaru
ގަރާޖަކަށް 1،700 ކާރު، މި ވިޔަފާރި ނުހުއްޓުވުނު؟

ގަރާޖެއްގައި 1،700 ކާރު، މި ވަގު ވިޔަފާރިއެއް ނުހުއްޓުވުނު؟

14 ސެޕްޓެމްބަރ 2022

މާލޭގައި ގަރާޖު ސިޓީ އުވާލަން އަނެއްކާވެސް ހުށަހަޅުއްވައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު މި ފަހަރު ވެސް ކުރެއްވީ އާދައިގެ ތުހުމަތުތަކެއް ނޫނެވެ; އެންމެ ގަރާޖަކަށް 2,000 ގާތްކުރާ އަދަދަކަށް ހަތަރު ފުރޮޅުލީ ވެހިކަލް އެބަ ރަޖިސްޓަރީ ކުރެ އެވެ. ކޮންމެ ވެހިކަލަކަށް މަދުވެގެން 70,000ރ. އަށް ވުރެ މަތިން ކަޓު ނަގާ ކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލޭގައި ގަރާޖު ސިޓީ އުވާލަން އަނެއްކާވެސް ހުށަހަޅުއްވައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު މި ފަހަރު ވެސް ކުރެއްވީ އާދައިގެ ތުހުމަތުތަކެއް ނޫނެވެ; އެންމެ ގަރާޖަކަށް 2,000 ގާތްކުރާ އަދަދަކަށް ހަތަރު ފުރޮޅުލީ ވެހިކަލް އެބަ ރަޖިސްޓަރީ ކުރެ އެވެ. ކޮންމެ ވެހިކަލަކަށް މަދުވެގެން 70,000ރ. އަށް ވުރެ މަތިން ކަޓު ނަގާ ކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވި އެވެ.

އެއްގަމު އުޅަނދާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވައި ނަޝީދު އެ ކުރެއްވި ތުހުމަތުތަކަކީ ކުރިން ވެސް ހިނގި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެއްބަސްވެފައި އޮތް ކޮރަޕްޝަނެކެވެ. ވެހިކަލް ރަޖިސްޓަރީ ކޮށްދިނުމުގެ އުސޫލާ ކަނޑައެޅިގެން ހިލާފަށް ޖަރީމާ ހިންގާފައިވާ ކަން އޮކްޓޯބަރު 14، 2019 ގައި އެ މިނިސްޓްރީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވިދާޅުވެފައި ވެ އެވެ.

އެ މައްސަލައިގައި ފިޔަވަޅު އެޅި ކަމަށް ވެސް ޓްރާންސްޕޯޓުން ބުނެފައި ވެ އެވެ.

ވެހިކަލް ކޮރަޕްޝަން ހުއްޓުވަން ނަޝީދު ކުރިން ހުށަހެޅުއްވި އިސްލާހު މަޖިލީހުން ބޭރުކޮށްލީ އެކަށިގެންވާ ހައްލެއް ނުހޯދި އެވެ. އެއީ ހިނގާ ކަމަކަށް ވިޔަސް އެކަން ހުއްޓުވައިފި ނަމަ މާލެ އިތުރަށް ތޮއްޖެހުމުގެ ކަންބޮޑުވުމާ އެކު މެމްބަރުން ބިލް ބޭރުކޮށްލީ އެވެ.

އޭގެ ފަހުން، ހަތަރު ފުރޮޅީ އުޅަނދު ރަޖިސްޓަރީ ކުރުން، ޓްރާންސްޕޯޓު މިނިސްޓްރީގެ ދަށުން މާލޭ ސިޓީ ކައުންސިލްގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ. މިއީ ލާމަރުކަޒީ ގާނޫނާ އެކު ގެނައި ބަދަލެކެވެ.

މާލޭގައި ވެހިކަލް ރަޖިސްޓަރީ ކުރެވޭނީ ގަރާޖެއް އޮވެގެން ކަަމަށް ނިންމީ ވެހިކަލްތަކުން މާލެ ފުރި ތޮއްޖެހުން ބޮޑުވުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) މަޖިލީހުގައި ވާހަކަ ދައްކަވަނީ: ގަރާޖު ސިޓީ އުވާލަން އޭނާ ކުރިން ހުށަހެޅުއްވުމުން އެ އިސްލާހު ވަނީ ބޭރުކޮށްލާފައި.

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) މަޖިލީހުގައި ވާހަކަ ދައްކަވަނީ: ގަރާޖު ސިޓީ އުވާލަން އޭނާ ކުރިން ހުށަހެޅުއްވުމުން އެ އިސްލާހު ވަނީ ބޭރުކޮށްލާފައި.

ވެހިކަލް ކޮރަޕްޝަންގެ ތެރެއިން މއ. މާރާދުގޭ ގަރާޖަށް 11 ކާރު ކުއްލިއަކަށް ރަޖިސްޓަރީ ކުރި މައްސަލައެއް އޭސީސީ އަށް ވެސް އޮތީ ހުށަހަޅައިފަ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ވެހިކަލް ރަޖިސްޓަރީ ކޮށްދިން އިރު، އެކި ގަރާޖުތަކަށް 'އެކްސްޕްރެސް' ގެ ހިދުމަތާ އެކު ކޮންމެ ވެހިކަލަކަށް ކޮރަޕްޝަންގެ ގޮތުގައި ގާތްގަނޑަކަށް 75،000ރ. އަށް ވުރެ ބޮޑު އަދަދެއް ނަގާ ކަމުގެ ތުހުމަތު އޭރު ކުރި އެވެ.

ނަޝީދުގެ ތުހުމަތަކީ ސިޓީ ކައުންސިލްގެ ދަށަށް މިހާރު ބަދަލުވެފައި އޮތަސް އަދިވެސް ނިމުމެއް ނައުމެވެ.

އޭނާ ތުހުމަތުކުރެއްވި ގޮތުގައި ގަރާޖު ސިޓީގެ ވިޔަފާރީގެ ތެރޭގައި މަޖިލީސް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެކަން ހިނގަނީ މާލޭ ސިޓީ ކައުންސިލާއި ޓްރާންސްޕޯޓް މިނިސްޓްރީ އަށް ވެސް އެނގިގެން ކަމަށާއި ނުހުއްޓުވަނީ ގަރާޖު ސިޓީ ވިއްކައިގެން ލިބޭ ކަޓު ދޫކޮށްލަން އެއްވެސް ބަޔަކު ބޭނުން ނުވާތީ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހަށް އެ މައްސަލަ ހުށަހަޅައި، ކޮޅެއްގައި ނުޖެހި އޮތީ ވެސް އެ ވިޔަފާރި ހުއްޓުނަ ނުދޭން ބަޔަކު އަޑީގައި ތިބެގެންނެވެ.

"މިތާ އެބަ ތިބި އެ މީހުންގެ ގޭގެއިން ގަރާޖު ވިއްކާފައި, 1،400 ގަރާޖު އެއް ގެއިން ވިއްކާފައި. ރާއްޖޭގައި އެބަހުރި 1،799 ކާރު އެއް ގެޔަކަށް ރަޖިސްޓަރީ ކޮށްފައި. 1،799 ކާރު މައްޗަންގޮޅީ ގެއަކަށް ރަޖިސްޓަރީ ކޮށްފައި އެބައޮތް. 1،799 ކާރު މިއީ ހޮޓުވީލް ކާރުތަކެއްތޯ އެ ގެ އަށް ރަޖިސްޓަރީ ކޮށްފައި މި އޮންނަނީ," ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގައި ހުންނަވައި "މިތާ" ތިއްބެވި މެމްބަރުންނޭ ނަޝީދު ވިދާޅުވުމުން ތަފްސީލަކަށް ރިޔާސަތުން އެދިވަޑައިގަތެވެ.

މަސްލަހަތަށްޓަކައި ކަމަށް ވިދާޅުވެ ނަޝީދު ނަމެއް ހާމައެއް ނުކުރައްވަ އެވެ. އެކަމަކު ތަންކޮޅެއް ފަހުން ހާމަކުރަންޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބްރިޖުން ވެހިކަލްތަކެއް ދުއްވާފައި ދަނީ: މާލެއަށް އޮތް ހައްލަކީ ވެހިކަލް އެތެރެކުރެވޭނެ ލިމިޓެއް ކަނޑައެޅުން ކަމަށް ކުރިން ވާހަކަ ދެކެވިފައި އޮތަސް މިކަމުގައި އަދި ގޮތެއް ނުނިމޭ. -- ފޮޓޯ | މިހާރު

ބްރިޖުން ވެހިކަލްތަކެއް ދުއްވާފައި ދަނީ: މާލެއަށް އޮތް ހައްލަކީ ވެހިކަލް އެތެރެކުރެވޭނެ ލިމިޓެއް ކަނޑައެޅުން ކަމަށް ކުރިން ވާހަކަ ދެކެވިފައި އޮތަސް މިކަމުގައި އަދި ގޮތެއް ނުނިމޭ. -- ފޮޓޯ | މިހާރު

ނަޝީދުގެ އިސްލާހުގައި އޭނާ އެދިވަޑައިގެންފައި އޮތީ ގަރާޖު ސިޓީ ވިއްކައިގެން ހަތަރު ފުރޮޅުލީ އުޅަނދުތައް ރަޖިސްޓަރީ ކުރަން އޮންނަ އޮތުން ނިމުމަކަށް ގެނެސްދިނުމަށެވެ. ދެ ފޮރޮޅުލީ ވެހިކަލް ލިމިޓެއް ނެތި އެތެރެކުރެވޭ އިރު ހަތަރު ފުރޮޅީ ވެހިކަލް ބޮޑު ކޮރަޕްޝަނެއް ހިންގައިގެން ރަޖިސްޓަރީ ކުރެވޭ ގޮތަށް އޮންނަ އޮތުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އެ ގަރާޖުގައި ކާރު ނޯންނަ ކަމަށް ވެއްޖިއްޔާ ކީއްކުރަންހޭ ހަތްދިހަ ހާސް ރުފިޔާ ދީފައި ރަޖިސްޓަރީކުރާ ވަގުތު މީހަކަށް ޖިޒީ ދައްކަންވީ," ނަޝީދު ސުވާލު އުފެއްދެވި އެވެ.

"ވަކި ބަޔަކަށް ޖިޒީ ދައްކަންޖެހުނީމާ މި ކަމުގައި ހަމަހަމަ ކަމެއް ނެތޭ. ހަމަ މި ވެސް ކޮރަޕްޝަނަށް ވާނީ. އަޅުގަނޑު މީގެ ކުރިން ވެސް މި އިސްލާހު ހުށަހެޅިން. ޓްރާންސްޕޯޓް މިނިސްޓްރީ މި ތަނަށް ގެނައި. މާލޭ ސިޓީ ކައުންސިލަށް އަލަށް ހޮވިފައި ތިބި މީހުން ގެނައި،" ނަޝީދު ވިދާޅުވި އެވެ.

ގަރާޖު ސިޓީން ކަޓު ނަގަމުންދާ ކަމަށް ނަޝީދު ތުހުމަތު ކުރެއްވިޔަސް މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގަރާޖު ރަޖިސްޓަރީކުރުން ބަދަލުވުމާ އެކު ކޮރަޕްޝަން ނުހިންގޭނެ ކަމަށް އެ ކައުންސިލުން ބުނެފައިވެ އެވެ.

ކައުންސިލުން ބުނެފައިވާ ގޮތުގައި އަގު ބޮޑުކޮށް ގަރާޖު ވިއްކައި އެތަންތަން އެހެން ކަންކަމަށް ބޭނުންކުރުން ހުއްޓުވާނެ އެވެ.

މަޖިލީހުގައި ނަޝީދު އިއްޔެ ކުރެއްވި ތުހުމަތުތަކާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލުން އަދި އެއްޗެއް ނުބުނެ އެވެ.

ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީކުރާ އިރު ގަރާޖެއް ހުރުން ލާޒިމްނުވާ ގޮތަށް ގާނޫނު އިސްލާހުކުރަން ނަޝީދު ކުރިން ހުށަހެޅުއްވި އިސްލާހު މަޖިލީހުން ބޭރުކޮށްލީ އެ ގޮތަށް ހަދައިފި ނަމަ ގެއްލުން ވާނެ ކަމަށް ބުނެ އެވެ.

މަޖިލީހުގެ މެމްބަރުންނާއި މާލޭ ސިޓީ ކައުންސިލް މެމްބަރުން ވެސް އޭރު ވިދާޅުވީ ގަރާޖު ސިޓީ އުވާލައިފި ނަމަ ވެހިކަލްތަކުން ފުރިބާރުވެފައި އޮތް މާލެއަށް އަނެއްކާވެސް ލިމިޓެއް ނެތި ވެހިކަލް އެތެރެކުރާނެ ކަމަށެވެ. މާލޭ ސިޓީ ކައުންސިލުން ހައްލަކަށް ދެއްކީ ޕާކުކުރާނެ ހާއްސަ ޖާގަތަކެއް ކަނޑައެޅުމެވެ.