Roadha Mihaaru
އެމެރިކާގެ ވެރިކަމުގެ ބާރުތައް އަލަށް އަންހެނަކަށް

އެމެރިކާގެ ވެރިކަމުގެ ބާރުތައް ފުރަތަމަ ފަހަރަށް އަންހެނަކަށް

20 ނޮވެމްބަރ 2021

އެމެރިކާގެ ރައީސް ޖޯ ބައިޑެން ގަވައިދުން ހައްދަވަންޖެހޭ މެޑިކަލް ޓެސްޓްތަކުގެ ތެރޭގައި ހިމެނޭ ކޮލޮނޮސްކޮޕީ ހެދުމަށް ހުކުރު ދުވަހު ހޭފުޅުނައްތައި އެކަމުގައި ހޭދަވި އެއް ގަޑިއިރާއި 25 މިނެޓަށް ވެރިކަމުގެ ބާރުތައް ނައިބު ރައީސް ކަމަލާ ހެރިސްއާ ހަވާލުކުރައްވައިފި އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ގަވައިދުން ހައްދަވަންޖެހޭ މެޑިކަލް ޓެސްޓްތަކުގެ ތެރޭގައި ހިމެނޭ ކޮލޮނޮސްކޮޕީ ހެދުމަށް ހުކުރު ދުވަހު ހޭފުޅުނައްތައި އެކަމުގައި ހޭދަވި އެއް ގަޑިއިރާއި 25 މިނެޓަށް ވެރިކަމުގެ ބާރުތައް ނައިބު ރައީސް ކަމަލާ ހެރިސްއާ ހަވާލުކުރައްވައިފި އެވެ.

އެހެންވެ މި 85 މިނެޓް ވެގެން ދިޔައީ އެމެރިކާގެ ތާރީހުގައި އެ ގައުމުގެ ވެރިކަމުގެ ބާރުތައް އަންހެނަކާ ހަވާލުވި ފުރަތަމަ ފަހަރަށެވެ.

ކަމަލާ އަކީ އެމެރިކާގެ ފުރަތަމަ އަންހެން ނައިބު ރައީސް އެވެ. އަދި އޭނާ ވެފައި ވަނީ އެމެރިކާގެ ނައިބު ރައީސްކަން ކުރައްވާ ދެކުނު އޭޝިއާ ދަރިކޮޅުގެ ފުރަތަމަ ބޭފުޅާއަށެވެ. އޭނާ އަށް ގައުމުގެ ވެރިކަމުގެ ބާރުތައް ކުޑަ ވަގުތުކޮޅަކަށް ލިބިވަޑައިގަތުން ވެސް ވެފައި ވަނީ ލިބިވަޑައިގަތް އިތުރު ރެކޯޑަކަށެވެ.

"ނައިބު ރައީސާއި ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް މިއަދު ހެނދުނު ގާތްގަނޑަކަށް 11:35 ހާއިރު ވަނީ ރައީސްއާ ވާހަކަ ދައްކަވާފައި. ރައީސްގެ ހާލުކޮޅު ރަނގަޅު އަދި މި ވަގުތު ވަނީ އަލުން ވެރިކަމުގެ ޒިންމާތައް އަދާކުރައްވަން ފައްޓަވާފައި. އެކަމަކު ރޫޓިން ޓެސްޓްތައް ނިމެންދެން ހުންނަވާނީ ވޯލްޓާ ރީޑްސް މެޑިކަލް ސެންޓަރުގައި،" ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޔެން ސާކީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ބައިޑެންގެ އުމުރުފުޅުން މިއަދު ވަނީ 79 އަހަރު ފުރިފަ އެވެ. އަދި މިހާރުވެސް ހުންނެވީ މެޑިކަލް ޓެސްޓްތައް ހެއްދެވުމަށް ވޯލްޓް ރީޑްސް މެޑިކަލް ސެންޓަރުގަ އެވެ.

ވެރިކަމުގެ ބާރުތައް ނައިބު ރައީސްއާ ހަވާލުކުރެއްވުމަށް އޮންނަ ރަސްމީ އުސޫލުން، ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ރައީސް ނެންސީ ޕެލޯސީ އާއި ސެނެޓްގެ ދެ ވަނަ އަށް އެންމެ އިސް މަގާމު ކަމަށްވާ ޕްރެޒިޑެންޓް ޕްރޮޓެމްޕޮރޭ އަކަށް މިވަގުތު ހުންނެވި ޑިމޮކްރަޓިކް ސެނެޓާ ޕެޓްރިކް ލީހީ އަށް ބައިޑެން ސިޓޯ ފޮނުއްވި އެވެ. އެ ސިޓީގައި ވިދާޅުވެފައި ވަނީ ހޭނައްތައިގެން ޓެސްޓެއް ހަދަން ޖެހޭތީ ވެރިކަމުގެ ހުރިހާ ޒިންމާތަކެއް ނައިބު ރައީސްއާ 10:10 ގައި ހަވާލުވާނެ ކަމަށެވެ. އަދި ހޭ އަރައި ރިކަވަ ވުމާ ހަމައަށް އެ ބާރުތައް ނައިބު ރައީސަށް އޮންނާނެ ކަމަށެވެ.

މި ޓެސްޓްތަކަކީ އެމެރިކާގެ ރައީސްކަން ކުރައްވާ ބޭފުޅުން ކޮންމެ އަހަރަކު އެއްފަހަރު ހައްދަވަންޖެހޭ ޓެސްޓްތަކެކެވެ. އެހެންވެ ނައިބު ރައީސުން ވެރިކަމުގެ ޒިންމާއާ މިގޮތަށް ހަވާލުވުމަކީ އާންމު ކަމެކެވެ. އެއީ ހޭނައްތައިގެން ކުރަންޖެހޭ ބައެއް ޓެސްޓްތައް މީގެ ތެރޭގައި ހިމެނޭތީ އެވެ.

އެމެރިކާގެ ރައީސްކަމުގައި ޖޯޖް ޑަބްލިޔު ބުޝް ހުންނެވި އިރު އޭރުގެ ނައިބު ރައީސް ޑިކް ޗޭނީ ވަނީ މިގޮތަށް އެތައް ފަހަރަކު ރައީސްގެ ޒިންމާތަކާ ހަވާލުވެވަޑައިގެންފަ އެވެ.