Roadha Mihaaru
ފައިނަލް މެޗަށް ފީފާގެ ރައީސް ލަންކާ އަށް

ފައިނަލް މެޗު ޝަރަފްވެރި ކޮށްދެއްވަން ފީފާގެ ރައީސް ލަންކާ އަށް

19 ނޮވެމްބަރ 2021

ސްރީ ލަންކާގައި މަހިންދަ ރާޖަޕަކްސަ އިންޓަަނޭޝަނަލް ޓްރޮފީ ނަމުގައި މިހާރު ކުރިއަށްދާ ފޯ ނޭޝަންސް ކަޕުގެ ފައިނަލް މެޗުގެ ހާއްސަ މެހެމާން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ލަންކާ އަށް ވަޑައިގެންފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު ކޮލަމްބޯ އިން މުހައްމަދު ޒަޔާން ޒާހިރު

ސްރީ ލަންކާގައި މަހިންދަ ރާޖަޕަކްސަ އިންޓަަނޭޝަނަލް ޓްރޮފީ ނަމުގައި މިހާރު ކުރިއަށްދާ ފޯ ނޭޝަންސް ކަޕުގެ ފައިނަލް މެޗުގެ ހާއްސަ މެހެމާން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ލަންކާ އަށް ވަޑައިގެންފި އެވެ.

ރާއްޖެ ގަޑިން މިރޭ 6:30 ގައި ކުޅެން ހަމަޖެހިފައިވާ ފައިނަލް މެޗު ކުރިން ބާއްވަން ނިންމީ މި މަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް އިންފަންޓީނޯއާ އެކު މުބާރާތް ނިންމާލުމުގެ ވިސްނުމުގަައި ފައިނަަލް މެޗު ފަސް ކުރީ އެވެ.

ފައިނަލް މެޗަށް ފަހު އިންފަންޓީނޯ މިރޭގެ ވަގުތެއްގައި ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް، މި ދަތުރުގައި ފީފާގެ ފަރާތުން ލަންކާގެ ފުޓުބޯޅައިގެ ވަސީލަތްތައް ތަރައްގީކޮށް، ގައުމުގެ ފުޓުބޯޅައިގެ ޑިވެލޮޕްްމެންޓާ ގުޅޭ މަޝްވަރާތައް ކުރިޔަށް ގެންދާނެ ކަމަށް ލަންކާ ފެޑެރޭޝަނުގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވި އެވެ.

މުބާރާތުގެ މެޗުތައް ފީފާގެ މެޗުތައް ކުޅޭ ތާރީހުގެ ތެރެއަށް ފައްތައިގެން ތާވަލުކުރީ ވެސް ފީފާ ރޭންކިން އަށް މެޗުގެ ޕޮއިންޓުތައް ގުނޭހެން ކުރިޔަށް ގެންދިޔުމުގެ މަގްސަދުގަ އެވެ. ފައިނަލް މެޗުގައި ލަންކާ ވާދަކުރާނީ ސީޝެލްސްއާ ދެކޮޅަށެވެ. ފައިނަލަށް ނުގޮސް ކެޓީ ބަންގްލަދޭޝް އާއި ރާއްޖެ އެވެ.

މުބާރާތް އެންމެ ފުރަތަމަ ބޭއްވީ 2012 ވަނަ އަހަރެވެ. ތޭވީސް އަހަރުން ދަށުގެ އުމުރުފުރާއަށް ހާއްސަ ކޮށްގެން ބޭއްވި އެއަހަރުގެ ފައިނަލުގައި ޕާކިސްތާން ބަލިކޮށް ޗެމްޕިއަންކަން ހޯދީ ރާއްޖެ އެވެ. ސީނިއާ ގައުމީ ޓީމުތަަކަށް ހާއްސަ ކޮށްގެން ކުރިޔަށް ގެންދާ މި އަހަރުގެ މުބާރާތުގެ ފައިނަލަށް ނުގޮސް ރާއްޖެ ކެޓިއިރު، ކުޅުނު ތިން މެޗުން ވެސް މޮޅެއް ނުހޯދުނެވެ.