Roadha Mihaaru
"ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ ވާހަކަ ޕީޖީ ދެއްކެވި"

ހައި ކޯޓް: ޕީޖީ ޝަމީމް ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ ވާހަކަ ދެއްކެވި

16 ނޮވެމްބަރ 2021

ހިޔާނާތުގެ މައްސަލަތަކެއްގައި ދައުވާ ލިބޭ ސީލައިފް ގްލޯބަލް ކުންފުނީގެ އެމްޑީ އަހުމަދު މޫސާ (އައްމަޓީ) ކަފާލާތުގެ ދަށުން ބަންދުން ދޫކުރި މައްސަލަ ބަލަމުން ދަނިކޮށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އެކަމާ ގުޅޭ ގޮތުން ޓްވީޓް ކުރައްވައި ދެއްކެވި ފަދަ ވާހަކަތަކަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ހައި ކޯޓުގެ ހުކުމެއްގައި ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ހިޔާނާތުގެ މައްސަލަތަކެއްގައި ދައުވާ ލިބޭ ސީލައިފް ގްލޯބަލް ކުންފުނީގެ އެމްޑީ އަހުމަދު މޫސާ (އައްމަޓީ) ކަފާލާތުގެ ދަށުން ބަންދުން ދޫކުރި މައްސަލަ ބަލަމުން ދަނިކޮށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އެކަމާ ގުޅޭ ގޮތުން ޓްވީޓް ކުރައްވައި ދެއްކެވި ފަދަ ވާހަކަތަކަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ހައި ކޯޓުގެ ހުކުމެއްގައި ބުނެފި އެވެ.

ފްލެޓު އަޅާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލައި އަނބުރާ ނުދިން މައްސަލައިގައި 42 ދައުވާއެއް ލިބޭ އައްމަޓީގެ އާއިލާގެ ދެ މީހަކު ޖާމިނުކޮށް ބަންދުން ދޫކޮށްލި އަމުރު ދައުލަތުން އިސްތިއުނާފުކުރުމުން އެ ހުކުމް ބާތިލްކޮށް ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔުގައި ވިދާޅުވީ ޝަރީއަތާ ބެހޭ ގޮތުން ޕީޖީ ޝަމީމް އާންމުކޮށް ދެއްކެވި ވާހަކަތަކަކީ ޑިމޮކްރަޓިކް މުޖުތަމައެއްގައި ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށެވެ. އެކަން ހުކުމުގައި ފާހަގަކޮށްފައި ވަނީ އައްމަޓީގެ ފަރާތުން ޝަރީއަތުގައި ޝަމީމްގެ ޓްވީޓްތަކުގެ ވާހަކަ ފާހަގަކޮށްފައި ވާތީ އެވެ.

ޝަމީމް ކުރެއްވި ޓްވީޓުގައި ވަނީ އެއްފަހަރު ފިލައިގެން އުޅެފައި ހުރި މީހަކު، އަލުން ފިލުމުގެ ފުރުސަތު އޮންނާނެކަން އިންޑިޔާގެ ސްޓޭޓްތަކުގެ ހައިކޯޓުތަކުގެ ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެހާލަތުގައި އެންމެންގެ ވަގުތު ގެއްލޭނެތީ، އެ މީހާ ކަފާލާތުގައި ދޫނުކުރެވޭނެ ކަމަށް އެ ފަނޑިޔާރުން ގަބޫލުކުރާ ކަމަށް ޝަމީމް ލިޔުއްވި އެވެ.

އައްމަޓީ ބަންދުން ދޫކޮށްލި އަމުރު ބާތިލްކޮށް ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގައި ވަނީ އެއީ ކޯޓަށް ނުވަތަ ފަނޑިޔާރެއްގެ ކުރިމައްޗަށް ގޮތް ކަނޑައެޅުމަށް ހުށަހެޅިފައިވާ ކަމަކާ މެދު ކޮމެންޓު ކުރުން މަނާކުރާ ސަބް ޖުޑިސީގެ ރޫލްއާ ހިލާފް އަމަލެއް ކަމަށެވެ. އެ އުސޫލަކީ އެހެން ޑިމޮކްރެޓިކް ގައުމުތަކުގައި ވެސް ބަލައިގަންނަ ހަމައެއް ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.

ޝަމީމް ކުރެއްވި ޓްވީޓު --

މައްސަލައެއްގައި ހިމެނޭ ފަރާތްތަކުން ދައްކާ ވާހަކަތަކާއި ހުށަހަޅާ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް، ފަނޑިޔާރަކު ގާނޫނީ އަމިއްލަ އިހްތިޔާރުގައި، ގާނޫނީ އިމުގެ ތެރެއިން ނިންމާ ނިންމުންތަކަކީ ގޯސް ނިންމުންތަކެއް ކަމަށް ދެކޭ މީހާ އިސްތިއުނާފް ކުރުމުގެ އުސޫލުގެ ބޭރުން، ފަނޑިޔާރުން ފަލީހަތް ކުރާ ގޮތަށް ވާހަކަ ދައްކައި އެކަން މުޖުތަމައުން ގަބޫލު ކުރުވުމަށް މަސައްކަތް ކުރުމަކީ "ރަނގަޅު ފާލެއް" ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ނިޔާޒްގެ ރައުޔުގައި ވެ އެވެ.

ދައުލަތުގެ ކަމަކާ ހަވާލުވެ ހުންނަ ފަރާތަކުން ކުރާ އެ ބާވަތުގެ ކޮމެންޓުތަކުގެ އަސަރު ފުޅާވެ އާންމު ރައްޔިތުންގެ މެދުގައި އެކަން ގަބޫލުކުރުން ބޮޑުވެގެން ދާނެ: ފަނޑިޔާރު ނިޔާޒް

ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުގެ ކުރިމަތީގައި ދެ ފަރާތުގައި ހަސްމުން ތިބޭއިރު ގިނަ ފަހަރަށް ކޮންމެ ވެސް އެއްފަރާތަކުން ފަނޑިޔާރުގެ ނިންމުމާ މެދު ދެކޭނީ އަނެއް ފަރާތުން ދެކޭ ގޮތާ ހިލާފަށް ކަމެވެ. ބައެއް ފަހަރު ފަނޑިޔާރުންގެ ނިންމުމަކީ ރަނގަޅު ނުވަތަ ގޯސް ވިޔަސް އެއީ ކަނޑައެޅިގެން ބޭއިންސާފުން ނިންމި ނިންމުމެއް ކަމަށް ދެއްކުމަށް އުޅުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އެ ރައުޔުގައިވެ އެވެ. އަދި އިސްތިއުނާފު ކުރުމުގެ އުސޫލުގެ ބޭރުން ފަނޑިޔާރުން ފަލީހަތް ކުރަން އުޅޭ ގޮތަށް ވާހަކަ ދެއްކުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށް ވިދާޅުވެފައިވެ އެވެ.

"ވަކިވަކި ފަނޑިޔާރުންގެ ޒާތަށް ނިސްބަތްވާ ގޮތަށް ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން، ފުރައްސާރައަކަށް ވެދާނެ ގޮތަކަށް ކަންކަން ކުރުމާއި މައްސަލައިގެ މައުޟޫއު ކޯޓުގައި ހިނގަހިނގައި އޮއްވައި، އެ މައުޟޫއުގައި ކޯޓުން ބޭރުގައި ވަކިގޮތަކަށް އާންމުކޮށް ވާހަކަ ދެއްކުމާއި މި ކަންކަމަކީ ގާނޫނު ދައްކާފައިވާ މަގެއް ކަމަށް ނުދެކެވެ." ފަނޑިޔާރު ނިޔާޒުގެ ރައުޔުގައިވެ އެވެ.

އޭގެ އިތުރުން، ކޯޓަކަށް ނުވަތަ ފަނޑިޔާރެއްގެ ކުރިމައްޗަށް ގޮތެއް ނިންމުމަށް ހުށަހެޅިފައިވާ ކަންކަމާ މެދު އާންމު ތަނެއްގައި ކޮމެންޓު ކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައެއް ކަމަށް ބަލައި ފިޔަވަޅު އަޅަންޖެހިދާނެ ފަދަ ކަމެއް ކަމަށް ވެސް ލިޔުއްވި އެވެ. ހާއްސަކޮށް، ދައުލަތުގެ ކަމަކާ ހަވާލުވެ ހުންނަ ފަރާތަކުން ކުރާ އެ ބާވަތުގެ ކޮމެންޓުތަކުގެ އަސަރު ފުޅާވެ އާންމު ރައްޔިތުންގެ މެދުގައި އެކަން ގަބޫލުކުރުން ބޮޑުވެގެން ދާނެ ކަމަށް ވެސް ވެ އެވެ. އެހެންކަމުން، ފަނޑިޔާރެއްގެ ކުރިމައްޗަށް ގޮތް ކަނޑައެޅުމަށް ހުށަހެޅިފައިވާ ކަމަކާ މެދު އެގޮތަށް ކޮމެންޓު ނުކުރެއްވުމަށް އޭނާ ޕީޖީއަށް ނަސޭހަތްތެރިވެވަޑައިގަތެވެ.

މިކަންކަން ފާހަގަ ކުރުމާ އެކު، ފަނޑިޔާރަކު ދެއްވި ރައުޔަކީ ނުވަތަ ކުރި އަމުރަކީ ނުވަތަ ކުރި ހުކުމަކީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް އޭނާގެ އަމިއްލަ މިނިވަންކަމުގެ ބޭރުން އައި ކަމެއްގެ ސަބަބުން ނިކުތް ނަތީޖާއެއްކަމަށް ގަބޫލު ކުރެވޭ އެކަށީގެންވާ ހެކި ހުރެއްޖެ ނަމަ ގާނޫނީ އިމުގެ ތެރެއިން އެ ފަނޑިޔާރަކު ޖަވާބުދާރީ ކުރުވަން ހުރަހެއް ނެތްކަން ފަނޑިޔާރު ވަނީ ފާހަގަކުރައްވައިފަ އެވެ.

މި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާގެ ރައުޔަކަށްވީ އައްމަޓީ ބަންދުން ދޫކޮށްލި އަމުރުގައި ގޯހެއް ނެތް ކަމަށެވެ. އެކަަމަކު، ފަނޑިޔާރު ނިޔާޒާއި ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިއްތިފާގުން ނިންމެވީ އައްމަޓީ ފިލައިގެން ދިޔުމުގެ ފުރުސަތު އޮތުމުން ދޫނުކުރެވޭނެ ކަމަށެވެ.