Roadha Mihaaru
އައްމަޓީ ފުރުން މަނާކުރަން ހައި ކޯޓުން ވަގުތީ އަމުރެއް

އައްމަޓީ ފުރުން މަނާކުރަން ހައި ކޯޓުން ވަގުތީ އަމުރެއް ނެރެފި

18 ޑިސެމްބަރ 2023

ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދޭން ކްރިމިނަލް ކޯޓުން ނިންމި ނިންމި މައްސަލާގައި ހައި ކޯޓުން ގޮތެއް ނިމެންދެން އައްމަޓީ ފުރުން މަނާކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދޭން ކްރިމިނަލް ކޯޓުން ނިންމި ނިންމި މައްސަލާގައި ހައި ކޯޓުން ގޮތެއް ނިމެންދެން އައްމަޓީ ފުރުން މަނާކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ސީލައިފް ކުންފުނިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އައްމަޓީގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާތަކާ ގުޅިގެން އޭނާ ފުރުން މަނާކޮށްފައި ވަނިކޮށް ވަކި މުއްދަތަކަށް ރާއްޖެއިން ބޭރަށް ދާން ކްރިމިނަލް ކޯޓުން ހުއްދަ ދިނީ އޭނާގެ ބޭސްފަރުވާއަކަށެވެ.

އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށްފަހު އެ މައްސަލަ ނިމެންދެން އައްމަޓީ ފުރުން މަނާކުރުމުގެ ވަގުތީ އަމުރަކަށް އެދުނެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނެރުނު އަމުރުގައިވަނީ އެ މައްސަލަ އެ ކޯޓުން ނުނިމެނީސް އައްމަޓީ ރާއްޖެއިން ބޭރާށް ފުރައިގެން ގޮސްފިނަމަ އެ މައްސަލާގެ މަގްސަދު ހާސިލް ނުވެދާނެ ކަމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންވެ، އަދުލު އިންސާފު ގާއިމް ކުރުމަށްޓަކައި އެ ކޯޓުން އެ މައްސަލަ ނިމެންދެން ނުވަތަ ވަކި ގޮތެއް އަންގަންދެން އައްމަޓީ ރާއްޖެއިން ބޭރަށް ފުރުން މަނާކުރަން އިމިގްރޭޝަންގެ މައްޗަށް އަންގާ ކަމަށް އެ އަމުރުގައިވެ އެވެ.

އެ މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ.

ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ހަސަން މަޒީދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ޝަނީޒެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ފަރުހީޒާ އެވެ.