Roadha Mihaaru
ކޮރަޕްޝަނާ ދެކޮޅަށް އެކައުންޓެންސީ މުހިންމު: ރައީސް

އެކައުންޓެންސީގެ ދާއިރާ ކުރިއެރުމަކީ ކޮރަޕްޝަން ހުއްޓުވަން ލިބޭ ބާރެއް: ރައީސް

15 ނޮވެމްބަރ 2021

ރާއްޖޭގައި އެކައުންޓެންސީގެ ދާއިރާ ކުރިއެރުމަކީ ކޮރަޕްޝަން ހުއްޓުވުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި އެކައުންޓެންސީގެ ދާއިރާ ކުރިއެރުމަކީ ކޮރަޕްޝަން ހުއްޓުވުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ) އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2021" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެކައުންޓިންސީގެ ދާއިރާ އަކީ ހެޔޮވެރިކަމުގެ ނިޒާމާ ވަރަށް ބޮޑަށް ގުޅިފައިވާ ދާއިރާއެއް ކަމަށެވެ.

ރައީސް ވިދާޅުވީ މި ދާއިރާ ހަރުދަނާވެ ފުޅާވި ވަރަކަށް، ޕްރައިވެޓް އަދި ޕަބްލިކް ސެކްޓާގެ ދެފުށް ފެންނަ މިންވަރު އިތުރުވެގެންދާނެ ކަމަށެވެ.

"ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ދޮރުތައް ހަނިކުރެވި، ނަޒާހަތްތެރިކަމުގެ ސިފަ އަށަގަތުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ،" ކްރޮސް ރޯޑްސް މޯލްޑިވްސްގައި އޮތް ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

އެކަމަކު ރާއްޖޭގައި މި ދާއިރާގައި ދިވެހިންނަށް ވުރެ ބިދޭސީން ގިނަކަން ފާހަގަކުރައްވަމުން ރައީސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ސީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޕްރައިވެޓް ސެކްޓާގައި އެކައުންޓިންގެ ދާއިރާގައި 4،500 އަށް ވުރެ ގިނަ ބިދޭސީން މަސައްކަތް ކުރެ އެވެ.

މި ކަންބޮޑުވުމާ އެކު ރައީސް ވިދާޅުވީ އެކައުންޓިންގެ ދާއިރާއިން ދިވެހިން ތަމްރީނުކޮށް އަދި ފަންނީ ގާބިލު މީހުން އިތުރު ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އެއްބާރުލުމެެއް ދޭނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު އަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނަކީ އޭގެ ފެށުމެވެ.

އެކައުންޓިން ދާއިރާގެ ކަންކަން ހިންގުމާއި އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރުދީ، އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ދީ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން، މުސްތަގިއްލު މުއައްސަސާއެއްގެ ގޮތުގައި ސީއޭ އުފެއްދީ މި ގާނޫނުގެ ދަށުންނެވެ.

ރައީސް ވިދާޅުވީ މި ގާނޫނު ހަދައި އެއަށް އަމަލުކުރަން ފެއްޓީ ވެސް އެކައުންޓެންސީގެ ދާއިރާ ކުރިއެވުމުގެ މަގުސަދުގައި ކަމަށެވެ.

"އެހެންކަމުން އެކައުންޓެންޓުންނާއި އޮޑިޓަރުންގެ ފަންނީ ގާބިލުކަމާއި މަސައްކަތުގެ ފެންވަރު ކަށަވަރުކުރުމަށް އަވަސް މަސައްކަތްތައް މި އިންސްޓްޓިއުޓުން ކޮށްދިނުމަކީ ސަރުކާރުން ވަރަށް ބޮޑަށް އެދޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.

މިއަދު ރާއްޖެ މި އޮތީ ދިވެހި އެކައުންޓެންޓުންނާއި އޮޑިޓަރުން އުފައްދާ ތަމްރީނުކުރުމަށް އިސްކަން ދޭންޖެހޭ ހާލަތެއްގައި ކަމަށާއި މި ދާއިރާ އަށް ޒުވާނުން ޝައުގުވެރިކުރަން އެ މުއައްސަސާއިން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެކައުންޓެންޓުން ތަމްރީނުކޮށް، ފަންނީ ގާބިލުކަން އިތުރުކުރުމަށް ފުރުސަތު ތަނަވަސްކޮށްދެއްވާނެ ކަމަށެވެ.

މިއީ "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2021" ބާއްވާ ހަތަރު ވަނަ އަހަރެވެ. އެކައުންޓިން ދާއިރާގެ އެކި މަސައްކަތްތެރިން އެއްތަނަކުން ބައްދަލުވެ، މައުލޫމާތު ބަދަލުކޮށް އަދި ދާއިރާގައި ހުރި ފުރުސަތުތަކާ ގުޅޭ މައުލޫމާތު ލިބޭ މި ފޯރަމް ކުރިއަށް ގެންދާނީ މިރެއިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ.