Roadha Mihaaru
ގުދުރަތީ މުއްސަނދި 12 ސަރަހައްދެއް ހިމާޔަތްކޮށްފި

ގުދުރަތީ މުއްސަނދިކަން ހުރި 12 ސަރަހައްދެއް ހިމާޔަތްކޮށްފި

11 އޮކްޓޯބަރ 2023

ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ރާއްޖޭގެ 12 ސަރަހައްދެއް ސަރުކާރުން އިއްޔެ ހިމާޔަތްކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ރާއްޖޭގެ 12 ސަރަހައްދެއް ސަރުކާރުން އިއްޔެ ހިމާޔަތްކޮށްފި އެވެ.

ސަރުކާރުން ހިމާޔަތްކުރީ ބ. އަދި ވ. އަތޮޅުގެ ބައެއް ސަރަހައްދުތަކެވެ.

ރައީސް އޮފީހުން ބުނީ ބ. އަދި ވ. އަތޮޅުން ތިމާވެށީގެ ގޮތުން ފާހަގަކުރެވޭ 12 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާ އެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ނިންމެވި ކަމަށެވެ.

އެ ސަރަހައްދުތައް ހިމާޔަތް ކުރީ ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރުމަށް ފަހުގައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ހިމާޔަތްކުރި ސަރަހައްދުތައް

• ބ. ހުރާފަރު ސަރަހައްދު

• ބ. ދަރަވަންދޫ ތިލަ ސަރަހައްދު

• ބ. ނެލިވަރު ސަރަހައްދު

• ބ. އިންނަފުށި ސަރަހައްދު

• ވ. ކަވަރުފަޅު ސަރަހައްދު

• ވ. ފޮއްތެޔޮ ސަރަހައްދު

• ވ. ހިނގާކުޅީ ފިނޮޅު ސަރަހައްދު

• ވ. ތުޑުހުރާ

• ވ. ރުއްހުރި ހުރާ

• ވ. ރަކީދޫ ކޯނާ

• ވ. ފުށިފަރު ފަރުގެ ސަރަހައްދު

• ވ. ހުރާ ފަޅު

ރައީސް އޮފީހުން ބުނި ގޮތުގައި، އެއީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބި، ދިރޭ ތަކެތީގެ ނަސްލުން މުއްސަނދި، ގުދުރަތީ ރީތި މަންޒަރުތަކެއް ހިމެނޭ ތިމާވެށީގެ ހާއްސަ ހިދުމަތްތަކަކާއި ވަސީލަތްތަކެއް ދޭ ސަރަހައްދުތަކެކެވެ. އަދި އެ ސަރަހައްދުތައް ހިމާޔަތްކުރުމާ ގުޅޭ ގޮތުން ކަމާ ބެހޭ މިނިސްޓްރީތަކާއި އެހެން އިދާރާތަކާ ވެސް މަޝްވަރާ ކުރި އެވެ.

އެ ތަންތަން ހިމާޔަތްކުރަން ނިންމީ، ސަރުކާރުގެ މިދިޔަ ފަސް އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ކޮންމެ އަތޮޅަކުން މަދުވެގެން ފަރުގެ 10 ޕަސެންޓް ސަރަހައްދު އަދި ކުޅި އާއި ފަލާއި ޗަސްބިމުގެ 20 ޕަސެންޓް ހިމާޔަތްކުރުމާއި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން ރަށަކާއި ފިނޮޅަކާއި ފަރަކާއި ކަނޑޫފާ އަދި ޗަސްބިމެއް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ސަރުކާރުން މި އަހަރު ވަނީ ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދިރޭ ތަކެތި ހިމާޔަތްކުރުމަށް، ފުރަތަމަ ފަހަރަށް ރާއްޖޭގައި ރެޑްލިސްޓެއް ވެސް އެކުލަވާލައިފަ އެވެ.