Roadha Mihaaru
ބޭހަށް އެންމެ ގިނައިން ނެގޭނީ 100 ޕަސެންޓުގެ ފައިދާ

ޑޮކްޓަރީ ބޭހަށް އެންމެ ގިނައިން ނެގޭނީ 100 ޕަސެންޓުގެ ފައިދާއެއް

15 ނޮވެމްބަރ 2021

ޑޮކްޓަރީ ބޭސްތައް ވިއްކާއިރު، ފައިދާގެ ގޮތުގައި އެންމެ ގިނަވެގެން ވެސް ނެގޭނީ 100 ޕަސެންޓު ކަމަށް ހެލްތު މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޑޮކްޓަރީ ބޭސްތައް ވިއްކާއިރު، ފައިދާގެ ގޮތުގައި އެންމެ ގިނަވެގެން ވެސް ނެގޭނީ 100 ޕަސެންޓު ކަމަށް ހެލްތު މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އެ މިނިސްޓްރީން މިގޮތަށް ހަމަޖެއްސީ ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅަން ވާނެ ކަމަށް ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގައި ބުނެފައިވާތީ އެވެ.

އެހެންވެ، އެ ކަމަށް ރިއާޔަތްކޮށް ހެލްތު މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ވަނީ، ޑޮކްޓަރީ ބޭސް ވިއްކާ ބްރޭންޑްތަކުގެ ނަން، އަންނަ އަހަރުން ފެށިގެން ބޭސް ސިޓީގައި ލިއުން ހުއްޓާލަން ކަނޑައަޅައިފަ އެވެ. އެ އަށް ފަހު ބޭސް ސިޓީގައި ލިޔާނީ ބޭހުގެ އަސްލު ނަމެވެ. މިގޮތަށް ހެދުމުން އެކި ބްރޭންޑްގެ ނަމުގައި ބޭސްތައް އަގު ބޮޑުކޮށް ވިއްކުން ހުއްޓުވޭނެ އެވެ.

އެގޮތުން އެންމެ ފުރަތަމަ އަގު ކަނޑައަޅަން ނިންމާފައި ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ އެސެންޝަލް ލިސްޓުގައި ހިމެނޭ 357 ބޭހަކަށެވެ. އެ ބަދަލާ އެކު ބޭހަށް ކުރާ ހޭދައިން 205 މިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ހެލްތު މިނިސްޓްރީގެ އިއުލާނުގައި ބުނިގޮތުގައި ބޭހުގެ އަގު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ރާއްޖެއަށް އިމްޕޯޓުކޮށް ވިއްކާ ހުރިހާ އަސާސީ ބޭހަކަށް އަންނަ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން މެކްސިމަމް ރީޓެއިލް ޕްރައިޒް ތަންފީޒު ކުރަން ފަށާނެ އެވެ.

ދެވަނަ ފިޔަވަހީގައި، ރާއްޖެ އަށް އިމްޕޯޓުކޮށް ވިއްކާ ހުރިހާ ބޭހަކަށް، މެކްސިމަމް ރީޓެއިލް ޕްރައިޒް ތަންފީޒު ކުރާނެ އެވެ. ދެވަނަ ފިޔަވަހި ތަންފީޒު ކުރާނީ އަންނަ އަހަރުގެ މެދު ތެރޭގަ އެވެ.

ސަރުކާރުން ގެންނަ މި ބަދަލުން، ބޭސް ސިޓީގައި ބޭހުގެ އަސްލު ނަން (މިސާލަކަށް ޕެރަސެޓަމޯލް) ނޫން ނަމެއް ޑޮކްޓަރުންނަކަށް ނުލިޔެވޭނެ އެވެ. ބޭސް ސިޓީގައި ޖެނެރިކް ނަން ޑޮކްޓަރުން ލިޔެފައި އޮތް ނަމަވެސް ބޭސްފިހާރަ އިން ވިއްކާނީ ޕެރަސެޓަމޯލްތޯ ނުވަތަ ޕެނަޑޯލްތޯ، ޕެނަމެކްސް ބްރޭންޑްތޯ ނިންމާނީ ފާމަސިސްޓެވެ.

ވޯލްޑް ބޭންކުގެ 2018 ވަނަ އަހަރުގެ ރިޕޯޓަކާ ހަވާލާދީ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓުގައި ބުނެފައިވާ ގޮތުން، މި ސަރަހައްދުގެ ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ ބޭހުގެ އަގުތައް ހުރީ އެވްރެޖް 75.9 ޕަސެންޓް މަތީގައި ކަމަށެވެ. އެހެންކަމުން ބޭހަށް ކުރާ ހޭދަ ކުޑަކުރުމަކީ އާސަންދައިގެ ދަށުން ދޭ ހިދުމަތް ދެމެހެއްޓެނިވި މިންގަނޑަކަށް ގެނައުމަށް އަޅާ ފިޔަވަޅެއް ކަމަށް ބުނެފައި ވެ އެވެ.