Roadha Mihaaru
ބޭހުގެ އަގު ކޮންޓްރޯލް ނުކުރެވި މުއްދަތު ފަހަނައަޅައިފި

ބޭހުގެ އަގު ކޮންޓްރޯލް ނުކުރެވި މުއްދަތު ފަހަނައަޅައިފި

20 ޖުލައި 2022

ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގަށް އަމަލުކުރަން ކަނޑައެޅި މުއްދަތުތަކަށް އެކަން ނުކުރެވި ދިގުލައިގެން ހިނގައްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގަށް އަމަލުކުރަން ކަނޑައެޅި މުއްދަތުތަކަށް އެކަން ނުކުރެވި ދިގުލައިގެން ހިނގައްޖެ އެވެ.

ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމަށްޓަކައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިދިޔަ ނޮވެމްބަރު މަހު ނެރުނު ގަވާއިދު ބުނީ ކޮސްޓް ޕްރައިސްގެ 100 ޕަސެންޓު ފައިދާ ލުމަށް ފަހު އަސާސީ 357 ބޭހެއްގެ އަގު ކޮންޓްރޯލް ކުރުމުގެ ފުރަތަމަ ފިޔަވައްސަށް މިދިޔަ ޖެނުއަރީ އެކެއްގައި އަމަލުކުރަން ފަށާނެ ކަމަށެވެ.

އެއަށްފަހު، މި މަހުން ފެށިގެން ދެން ހުރި ބޭސްތަކުގެ އަގު ވެސް ކޮންޓްރޯލް ކުރާނެ ކަމަށް ކުރިން އިއުލާންކުރި އެވެ.

އެކަމަކު، އެމްއެފްޑީއޭއިން ފަހުން ކުރި އިއުލާނުގައި ވަނީ ބޭސް ސިޓީން ބޭހުގެ ބްރޭންޑް ނަން ފޮހެލައި އަސްލު ނަމުން މިދިޔަ މާޗު 31 އިން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށެވެ. އެކަމަކު ފާމަސީތަކުގެ ކަންބޮޑުވުންތަކާ ހެދި އެ މުއްދަތުތައް ފަހަނަ އަޅައިގެން ދިޔައިރު ވެސް ބޭހުގެ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރުޕީ) އަށް އަމަލެއް ނުކުރެވުނެވެ.

އެއާ ހިލާފަށް ބޭސް ވިއްކާނަމަ 100،000ރ. އާ ހަމައަށް ފާމަސީއެއް ޖޫރިމަނާކުރުމުގެ ބާރު އެމްއެފްޑީއޭ އަށް ލިބެ އެވެ.

މިކަމާ ގުޅޭގޮތުން އެމްއެފްޑީއޭގެ ރަސްމީ ބަހެއް ނުލިބުނަސް، ފާމަސޫޓިކަލް ޖަމިއްޔާ އާއި ފިނޭންސް މިނިސްޓްރީ އާއި އާސަންދަ އަދި ރައީސް އޮފީހުން އަންނަނީ މިކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރަމުންނެވެ.

އެމްއެފްޑީއޭއިން މިހާރު އަންނަނީ އެޕްރޫވްޑް ޑްރަގް ލިސްޓް (އޭޑީއެލް) ރިވައިސް ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެއަށްފަހު، އެމްއާރުޕީ އަށް އަމަލުކުރަން ފެށޭނެ ކަމަށް، މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.

ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅަން ވާނެ ކަމަށް ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގައި ބުނެ އެވެ. އަދި މި އަހަރުގެ ތެރޭގައި އެކަމަށް އަމަލުކުރަން ނިންމި އެއް ސަބަބަކީ ވެސް އާސަންދައިން ބޭހަށް ކުރާ ހަރަދު ކުޑަ ކުރުމަށެވެ. ނަމަވެސް އެމްއާރުޕީއަށް އަމަލު ނުކުރެވި، ހަރަދުތައް ބޮޑުވެ އިޖުތިމާއީ ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ބަޖެޓުގެ ބޮޑު ބައެއް ވަނީ ހުސް ވެފަ އެވެ.

ބަޖެޓުގައިވާ ގޮތުން 2014 ވަނަ އަހަރު ބޭހަށް 251 މިލިއަން ރުފިޔާ ހަރަދުކުރިއިރު 2020 ވަނަ އަހަރު އެ އަދަދު ވަނީ 752 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އަދި 2019 ވަނަ އަހަރު ބޭހަށް ކުރި ހަރަދު 58.4 ޕަސެންޓުގައި ހުރިއިރު 2020 ވަނަ އަހަރު މި ނިސްބަތް ހުރީ 62.4 ޕަސެންޓުގައި ކަމަށް ވެސް ބަޖެޓުގައިވެ އެވެ.

މި ގޮތަށް ހަރަދު އިތުރުވުމަކީ ބޭސް އިސްރާފުވާ މިންވަރު އިތުރުވާ ކަމެއް ކަމެއް ކަމަށް ވެސް މަޖިލީހަށް ފިނޭންސުން ހުށަހެޅި މައުލޫމާތުގައިވެ އެވެ. އެހެންވެ، އެމްއާރުޕީއަށް އަމަލުކުރަން ފެށުމުން އާސަންދައިގެ ބަޖެޓުން 200 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ކުރިން އަންދާޒާކުރި އެވެ.

އެމްއެފްޑީއޭގެ ޑިރެކްޓާ އައިޝަތު ޖަލީލާ މީގެ ކުރިން "މިހާރު" އަށް ވިދާޅުވީ އެއް ބްރޭންޑެއްގެ ބޭހެއް ފާމަސީތަކުން 3-8ރ. އަށް ވިއްކާ ކަމަށެވެ. ބޭހުގައި އެ ބޮޑު ފަރަގު ހުރުމަކީ އާއްމުންނަށް ގޮންޖެހުންތައް އަންނާނެ ކަމެއް ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.

"މިއީ އަސާސީ ހައްގެއް. އެ ބޭސްތަކުގައި އެހާ ބޮޑު ފަރަގެއް ހުރުމަކީ ރައްޔިތުންނަށް ގޮންޖެހުންތައް އަންނާނެ ކަމެއް. ރީޒަނަބްލް އަގުތަކެއް ނޫން މިހާރު ހުންނަނީ. ނަމަވެސް އާއްމުންނަށް އަގު ހެޔޮކޮށް ބޭސް ވިއްކާއިރު ވިޔަފާރިތަކަށް ވެސް ގެއްލުމެއް ނުވާ ގޮތަށް ކުރާނީ،" ޖަލީލާ ވިދާޅުވި އެވެ.