Roadha Mihaaru
ފާމަސީތަކުގެ ދެކޮޅު ހެދުން؛ އަގު ކޮންޓްރޯލެއް ނުވި!

ފާމަސީތަކުގެ ދެކޮޅު ހެދުންތަކާ އެކު ބޭހުގެ އަގު ކޮންޓްރޯލެއް ނުވި!

15 ޖެނުއަރީ 2022

އިޖުތިމާއީ ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ބަޖެޓުގެ ބޮޑު ބައެއް އާސަންދަ އަށް ލިބި، އެ ފައިސާގެ ބޮޑު ބައެއް ވަދެގެން ދަނީ ފާމަސީތަކަށެވެ. ސަރުކާރުން އާއްމުކޮށްފައިވާ ނަމްބަރުތަކުން ފެންނަނީ އެއް އަހަރުން އަނެއް އަހަރަށް ޑޮކްޓަރީ ބޭހަށް ކުރާ ހޭދަ ބޮޑުވަމުންދާ ތަނެވެ. އެ މާލީ ބުރަ ކުޑަކުރަންޖެހޭކަން ވިސްނި، އެ މަސައްކަތްތައް މިދިޔަ އަހަރުގެ ތެރޭގައި ފެށި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިޖުތިމާއީ ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ބަޖެޓުގެ ބޮޑު ބައެއް އާސަންދަ އަށް ލިބި، އެ ފައިސާގެ ބޮޑު ބައެއް ވަދެގެން ދަނީ ފާމަސީތަކަށެވެ. ސަރުކާރުން އާއްމުކޮށްފައިވާ ނަމްބަރުތަކުން ފެންނަނީ އެއް އަހަރުން އަނެއް އަހަރަށް ޑޮކްޓަރީ ބޭހަށް ކުރާ ހޭދަ ބޮޑުވަމުންދާ ތަނެވެ. އެ މާލީ ބުރަ ކުޑަކުރަންޖެހޭކަން ވިސްނި، އެ މަސައްކަތްތައް މިދިޔަ އަހަރުގެ ތެރޭގައި ފެށި އެވެ.

ނަމަވެސް، ފާމަސީތަކުގެ ކަންބޮޑުވުންތަކާ ހެދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ޕްލޭނާ އެއްގޮތަށް އެކަން ކުރިއަކަށް ނުދިޔަ އެވެ.

ބޭސް ސިޓީން ބޭހުގެ ބްރޭންޑް ނަން ފޮހެލައި އަސްލު ނަމުން ވިއްކާ ގޮތަށް ހަމަޖައްސައި އެއަށް މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ކުރިން ނިންމިއަސް، އެ މުއްދަތު ވަނީ އަންނަ މާޗު 31 އަށް ފަަސް ވެފަ އެވެ.

ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ފުރަތަމަ ކަނޑައަޅަން ނިންމާފައި އެސެންޝަލް ލިސްޓުގައި ހިމެނޭ 357 ބޭހަކަށެވެ. އަންނަ ޖުލައި އެކެއްގައި ތަންފީޒުކުރަން ނިންމީ ބާކީ ހުރި ބޭސްތަކުގެ އަގެވެ.

އެއް ބްރޭންޑެއްގެ ބޭސް ފާމަސީތަކުން އެކި އަގުގައި ވިއްކާއިރު، ބައެއް ތަންތަނުން އަގުގައި ބޮޑު ފަރަގެއް ހުރެ އެވެ. އާސަންދައިގެ ބަޖެޓުން ކުރާ ހޭދަ ކުޑަކުރުމަށް ނިންމި ނިންމުން ގަބޫލުކުރިއަސް ފާމަސީތަކުގެ ޖަމިއްޔާއިން ބުނާގޮތުން މިއީ ބޮޑު މި ވަގުތު ކުރަން ރަނގަޅު ކަމެއް ނޫނެވެ.

"ބޭސް ނުލިބިދާނެ، މިއީ ބޮޑު ގެއްލުމެއް"

ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅަން ވާނެ ކަމަށް ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގައި ބުނެ އެވެ. އެކަންކަމަށް ރިއާޔަތްކޮށް ހެލްތު މިނިސްޓްރީން ނޮވެމްބަރު 14، 2021 ގައި ކުރި އިއުލާނުގައި ބުނީ ޑޮކްޓަރީ ބޭސްތައް ވިއްކާއިރު، ފައިދާގެ ގޮތުގައި އެންމެ ގިނަވެގެން ވެސް ނެގޭނީ 100 ޕަސެންޓު ކަމަށެވެ.

އެއާ ހިލާފަށް ބޭސް ވިއްކާނަމަ 100،000ރ. އާ ހަމައަށް ފާމަސީއެއް ޖޫރިމަނާކުރުމުގެ ބާރު އެމްއެފްޑީއޭ އަށް ލިބެ އެވެ.

ފާމަސޫޓިކަލް ޖަމިއްޔާގެ ރައީސް އަހުމަދު މައުމޫން ވިދާޅުވި ގޮތުގައި އެ ޖަމިއްޔާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ 4،000 އަށްވުރެ ގިނަ ބޭހަށް ހުއްދަ ދީފައި އޮތަސް މެނުފެކްޗަރަލް ރަޖިސްޓްރީކޮށްފައި އޮންނަނީ ވަރަށް މަދު ތަނެއްގައި ކަމަށް ވާތީ އެވެ. އޭގެ ސަބަބުން ބޮޑު އަގުގައި ބޭސް ގަންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފާމަސީއެއް ކައިރިން މީހަކު ހިނގާލާފައި ދަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ފާމަސީއެއް ކައިރިން މީހަކު ހިނގާލާފައި ދަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ފޯމުތައް ހުށަހަޅައިގެން ރަޖިސްޓްރީކުރާއިރު މެނުފެކްޗަރާއާ އެކު ދިގު މުއްދަތަކަށް އެއްބަސްވުމަކަށް އާދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ދެން ހުންނަނީ އިންޑިއާ އަދި ސްރީ ލަންކާގައި ޓްރޭޑަރުންގެ އަތުން ގަނެގެން ގެންނަ ބޭސްތައް ކަމަށްވާތީ އެ ބޭސްތަކުގެ އަގެއް ފާމަސީއަކަށް ކޮންޓްރޯލެއް ނުކުރެވޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

"މައިގަނޑު ކަންބޮޑުވުމަކަށް ވީ މި ކަހަލަ ގަވައިދެއް އަންނައިރު އަޅުގަނޑުމެންގެ އެއްވެސް ބާރެއް ނޯންނަ އެއްޗެއްގެ އަގު އަޅުގަނޑުމެންނަށް ކިހިނެއްތޯއޭ ސެޓްކުރެވޭނީ. މި ކަމުގައި ވެސް ފުރަތަމަ ދެ ފަރާތުގެ ދެބަސްވުން އަންނަނީ،"

"މައިގަނޑު ކަންބޮޑުވުމަކަށް ވީ މި ކަހަލަ ގަވައިދެއް އަންނައިރު އަޅުގަނޑުމެންގެ އެއްވެސް ބާރެއް ނޯންނަ އެއްޗެއްގެ އަގު އަޅުގަނޑުމެންނަށް ކިހިނެއްތޯއޭ ސެޓްކުރެވޭނީ. މި ކަމުގައި ވެސް ފުރަތަމަ ދެ ފަރާތުގެ ދެބަސްވުން އަންނަނީ،" އޭނާ ވިދާޅުވި އެވެ.

މައުމޫން ވިދާޅުވި ގޮތުގައި، އެމްއެފްޑީއޭއިން އެންމެ ފުރަތަމަ ކަނޑައެޅި މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރުޕީ) އާ އެއްގޮތަށް އަމަލުކުރަން ފަށައިފިނަމަ ގިނަ ބޭސްތައް ރާއްޖެ ނުގެނެވުމުގެ ކަންބޮޑުވުންތައް އެބައޮތެވެ. އެކަން ވިޔަ ނުދިނުމަށް އެ ޖަމިއްޔާއިން އެދުނީ އެމްއެފްޑީއޭއިން މިހާރު ކަނޑައަޅާފައިވާ އަގަށްވުރެ އިތުރު އަގެއް ހުށަހަޅާށެވެ.

ބޭރުން ބޭސް ގަންނަން ލިބޭ އަގު، އެފްއޯބީ ކަނޑައެޅުމަށް އެދުމުން މިދިޔަ ފަސް އަހަރުގެ އެވްރެޖް ނަގާނެ ކަމަށް އެމްއެފްޑީއޭއިން ބުންޏަސް، އިގުތިސޯދީ ހާލަތަށް ބަލައި އެއީ އެކަށީގެންވާ މުއްދަތެއް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ.

އެފްއޯބީ ނެގި އަގުތައް އެމްއެފްޑީއޭއިން ހިއްސާކުރުމުން ބަދަލެއް ގެނެވެން ހުރި އަގެއް ނަމަ އެ ފަރާތަށް އަގު ފޮނުވާނެ ކަމަށާއި އެކަންކަން ރަނގަޅުކުރަން ފުރަތަމަ މަސައްކަތްކުރުން މާ މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ. އެއަށް ބިނާކޮށް އެމްއާރުޕީ ނެރުން ރަނގަޅު ކަމަށް މައުމޫން ވިދާޅުވި އެވެ.

ނަމަވެސް އެމްއާރުޕީގެ ގޮތުގައި ކުއްލިއަކަށް ފެނުނީ މިހާރު ބޭސްގަންނަ އަގުތަކަށް ވުރެ ދަށް އަގުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭސް ލިބުމުގެ ދަތިކަން އަންނާނެ. މި އަގުގައި ބޭސްތަކެއް ނުވިއްކޭނެ. އެތެރެއެއްވެސް ނުކުރެވޭނެ. އަދި ވެސް ވާހަކަ ދައްކަން ބޭނުންވަނީ، އަޅުގަނޑުމެންނާ ހިއްސާކުރައްވާށޭ ތި ހިސާބު ހެއްދެވި ގޮތް. ބޭންކް ރޭޓްގައި ޑޮލަރު ލިބޭ ވަރަށް ހިސާބު ހަދައިގެން އެބަ އާދޭ 30 ޕަސެންޓުގެ ފަރަގެއް."

އެމްއެފްޑީއޭއިން އާއްމުކުރި ގަވައިދުގައި ބުނީ ކޮންމެ ތިން އަހަރަކުން އެއް ފަހަރު އެމްއާރުޕީ އަގު ކަނޑައަޅަންޖެހޭނެ ކަމަށެވެ. އެކަމަކު ކޮންމެ ތިން އަހަރުން އެކަން ކުރުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށް ފާމަސޫޓިކަލް ޖަމިއްޔާއިން ބުންޏެވެ.

"އެމްއެފްޑީއޭގެ ބޮޑެތި އިހުމާލުތައް އެބަހުރި. އެ ބޭފުޅުން ބޭނުންވަނީ ކަމަކަށް ކަމެއް ކޮށްލަން. ކަމަކަށް ކަމެއް ކޮށްލީމަ ރާއްޖެއިން ބޭސް ނުލިބި، މި މައްސަލަ ވަރަށް ބޮޑުވެގެން ދާނެތީ ކޮންސާނަކީ. އަގު ކަނޑައަޅާއިރު ބަލަންޖެހޭ މާލޭގައި ހުންނަ ވިޔަފާރިވެރިޔާއާ ރާއްޖެތެރޭގައި ހުންނަ ވިޔަފާރިވެރިޔާގެ އަގު،" މައުމޫން ވިދާޅުވި އެވެ.

"އެމްއާރްޕީ ސެޓްކުރަން އަޅުގަނޑުމެން ތާއީދު. އެކަމަކު އެމްއެފްޑީއޭއިން އެ ހެދިގޮތް ކަމުނުދަނީ."

އެމްއާރުޕީ ހެދުމުން ބޭހުގެ ވިޔަފާރީގެ 15-20 ޕަސެންޓަށް އަސަރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖެނެރަލީ ބޭސްތަކުގެ އަގު ރަނގަޅު. މިއީ އެއްގޮތަކަށް ވެސް މި ގަޑީގައި ކޮށްގެން ވާނެ ކަމެއް ނޫން. އެކަމަކު ސަރުކާރުން މިއަދު ވެސް ކުރަން ނިންމައިފިއްޔާ އަޅުގަނޑުމެން އެއްބާރުލުން ދޭނަން،" މައުމޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 35 ޕަސެންޓް އަގުތަކަކީ ރަނގަޅު އަގުތަކެއް ނޫން ކަމަށެވެ. އެފްއޯބީގެ އަގަށް 100 ޕަސެންޓް ލާން ގަވައިދުގައި އޮތް ކަމުގައި ވިޔަސް އެފްއޯބީ ހިއްސާއެއް ނުކުރެ އެވެ.

މާލޭގައި ބޭސްފިހާރައެއް ހިންގާ މީހަކު ބުނީ ބޭހުގެ އަގު ކޮންޓްރޯލްކުރުމުގެ ކުރިން ބޭނުންކުރެވޭނެ އެންޓިބަޔޮޓިކް ކަނޑައަޅަންޖެހޭ ކަމަށެވެ. އަދި ހަައްލަކީ ހަމައެކަނި ބޭހުގެ އަގެއް ކޮންޓްރޯލްކުރުމުން ހަމަޖެހުނީ ނޫން ކަމަށް އޭނާ ގަބޫލުކުރެ އެވެ.

ރާއްޖެ އަށް ގެންނަ ބޭސްތަކުގެ ކޮންޓްރޯލް އޭޑީކޭ އަދި އެސްޓީއޯއިން ނަގާފައިވާއިރު، އެމްއެފްޑީއޭއިން ހުއްދަ ދިން އެއްޗެއް ނޫނީ ރާއްޖެ އެތެރެނުކުރާއިރު ބޭހުގެ އަގަށް ގެންނަ ބަދަލުން ރައްޔިތުންގެ ސިއްހަތަށް ކުރާނެ ފައިދާއެއް ނެތް ކަމަށް ވެސް އޭނާ ބުނެ އެވެ.

"މީގައި މާލެ އާއި ރަށްރަށުގައި ފަރަގެއް ހުންނާނެ. ބޮޑު ކުލީގައި ތަންތަން ހިފައިގެން އުޅުމާއި ރަށްރަށުގައި ވިއްކޭނެ އަގު ތަފާތުވާނެ،" އޭނާ ބުންޏެވެ.

އޭނާ ވިދާޅުވީ އެހެން ގައުމުތަކުގައި އެމްއާރުޕީ ކަނޑައަޅައިގެން އުޅެނީ އެ ގައުމުތަކުގައި ބޭސް އުފައްދާތީ ކަމަށެވެ.

ހުންނަނީ އެކަށީގެންވާ އަގުތަކެއް ނޫން: އެމްއެފްޑީއޭ

އެމްއެފްޑީއޭގެ ޑިރެކްޓާ އައިޝަތު ޖަލީލާ ވިދާޅުވީ ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހުރުމުން އެކަންކަމަށް އަލިއަޅުވާލުމަށް އަސާސީ ބޭސްތަކުގެ އަގު ކޮންޓްރޯލްކުރުން އަންނަ މާޗު 31 އަށް ހަމަޖައްސާފައިވާ ކަމަށެވެ. ދެ ވަނަ ފިޔަވައްސަށް އަމަލުކުރުމުގެ މުއްދަތަށް އަދި ބަދަލެއް ނުގެންނާތީ، އަންނަ ޖޫން މަހުގެ ތެރޭގައި އެ ބަޔަށް އަމަލުކުރުމަށް ތައްޔާރުވަމުން އަންނަކަމަށް އޭނާ ވިދާޅުވި އެވެ.

ޖަލީލާ ވިދާޅުވި ގޮތުގައި އެއް ބްރޭންޑެއްގެ ބޭހެއް ފާމަސީތަކުން 3-8ރ. އަށް ވިއްކަ އެވެ.

"މިއީ އަސާސީ ހައްގެއް. އެ ބޭސްތަކުގައި އެހާ ބޮޑު ފަރަގެއް ހުރުމަކީ ރައްޔިތުންނަށް ގޮންޖެހުންތައް އަންނާނެ ކަމެއް. ރީސަނަބްލް އަގުތަކެއް ނޫން މިހާރު ހުންނަނީ. ނަމަވެސް އާއްމުންނަށް އަގު ހެޔޮކޮށް ބޭސް ވިއްކާއިރު ވިޔަފާރިތަކަށް ވެސް ގެއްލުމެއް ނުވާ ގޮތަށް ކުރާނީ،" ޖަލީލާ ވިދާޅުވި އެވެ.

ރާއްޖެ ގެންނަ ބައެއް ބޭސްތަކުގެ ޓެސްޓު ހަދަނީ އެމްއެފްޑީއޭގެ ލެބޯޓްރީގަ އެވެ. އެގޮތަށް ހެދެން ނެތް ޓެސްޓުތައް ހަދަނީ ސިންގަޕޫރްގައި ހުންނަ ޑަބްލިއުއެޗްއޯ އެޕްރޫވްޑް ލެބޯޓްރީއެއްގަ އެވެ.

ބަޖެޓުގައިވާ ގޮތުން 2014 ގައި 251 މިލިއަން ރުފިޔާ ބޭހަށް ހަރަދުކުރިއިރު 2020 ގައި މި އަދަދު ވަނީ 752 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އަދި 2019 ވަނަ އަހަރު ބޭހަށް ކުރި ހަރަދު 58.4 ޕަސެންޓޫގައި ހުރިއިރު 2020 ވަނަ އަހަރު މި ނިސްބަތް ހުރީ 62.4 ޕަސެންޓުގައި ކަމަށް ވެސް ބަޖެޓުގައިވެ އެވެ. މިގޮތަށް ހަރަދު އިތުރުވުމަކީ ބޭސް އިސްރާފުވާ މިންވަރު އިތުރުވާ ކަމެއް ކަމެއް ކަމަށް ވެސް މަޖިލީހަށް ފިނޭންސުން ހުށަހެޅި މައުލޫމާތުގައިވެ އެވެ.

އާސަންދަ ކުންފުނިން "މިހާރު" އަށް ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ބޭސް ފިހާރަތަކަށް 393،969،371ރ. ހަރަދުކޮށްފައިވެ އެވެ. އެކަމަކު، އެމްއާރްޕީ ކަނޑައެޅުމުން އާސަންދައިގެ ބަޖެޓުން 200 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ކުރިން އަންދާޒާކުރި އެވެ.

ނަމަވެސް ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާ ހެދި އެމްއާރްޕީއަށް އަމަލުކުރުން ފަސްކުރިއަސް، އެމްއެފްޑީއޭ އޮތީ އެ އުސޫލަށް އަމަލު ނުކުރުމުގެ ވިސްނުމުގައެއް ނޫނެވެ. އެންމެންހެން ވެސް ގަބޫލުކުރާ ގޮތުގައި ނުއަގުގައި ބޭސް ވިއްކުމަކީ ގަވައިދެއްގެ ތެރެއަށް ފައްތަން ޖެހިފައިވާ ކަމެކެވެ. އަދި، ބޭހަށް ކުރާ އިސްރާފު ކުޑަކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެކެވެ.