Roadha Mihaaru
ބޭހަށް އާސަންދައިން ދޭ އަގުތައް މުރާޖައާކުރަން ފަށައިފި

ބޭހަށް ކުރާ ހަރަދު ކުޑަކުރަން އާސަންދައިގެ އަގުތައް މުރާޖައާކުރަން ފަށައިފި

16 އޯގަސްޓް 2022

ޑޮކްޓަރީ ބޭހަށް ކުރާ ހަރަދުތައް ކުޑަކުރަން އާސަންދަ ބޭސްލައިން ޕްރައިސް (ބީއާރުޕީ) މުރާޖައާ ކުރަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޑޮކްޓަރީ ބޭހަށް ކުރާ ހަރަދުތައް ކުޑަކުރަން އާސަންދަ ބޭސްލައިން ޕްރައިސް (ބީއާރުޕީ) މުރާޖައާ ކުރަން ފަށައިފި އެވެ.

އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އާމިނަތު ޒީނިޔާ "މިހާރު" އަށް އިއްުޔެ ވިދާޅުވީ އަގުތައް މުރާޖައާކުރަން ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ ކޮންސަލްޓަންޓެއްގެ އެހީގައި މަސައްކަތް ފަށާފައިވާ ކަމަށެވެ. މިދިޔަ މަހުގެ 3-7 އަށް ކަމާގުޅޭ އިދާރާތަކާ ބައްދަލުކޮށް، ބޭސްލައިން އަގާ ގުޅޭ މައުލޫމާތު ހޯދާފައިވާ ކަމަށް ޒީނިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ބޭނުންކުރަނީ އާސަންދަ "ކޮމަން އަގުތަކެއް" ކަމަށެވެ. ހުރިހާ ފާމަސީއަކުން ވެސް އެ ބޭހެއް ވިއްކޭނީ އެއް އަގެއްގައި ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި އެއް ބޭހެއް ވިއްކާ އަގުތައް ތަފާތުވާ ފަހަރު ދިމާވެ އެވެ.

"މިހާރު ބޭސް އެތެރެކުރުމާއި މާކެޓުގައި ލިބުމުގައި ބަދަލުތައް އަންނާތީ އޭބީޕީ ހަދަން ނިންމީ. މިއީ، ސްކީމްގެ ކޮސްޓް ސަސްޓެއިންކުރަން، މެނޭޖްކުރަން ކުރާ މަސައްކަތެއް،" ޒީނިޔާ ވިދާޅުވި އެވެ.

ބޭހަށް ކަނޑައަޅާފައިވާ އަގުތައް މުރާޖައާކުރަން އެންމެ ފުރަތަމަ ފެށީ ވެސް 2019 ވަނަ އަހަރެވެ.

ބޭސްލައިން އަގު މުރާޖައާ ކުރުމުން އާސަންދަ ސްކީމުން ސީދާ ކުޑަވާނެ ވަރެއް އަދި ނޭނގެ އެވެ. އެކަމަކު، ޖުވެންޓާ ނަމަކަށް ކިޔާ ބޭހެއްގެ އަގު އެކަނި ވެސް މީގެ ތިން އަހަރު ކުރިން މުރާޖައާ ކުރުމުން އެ ސްކީމުން 19 މިލިއަން ރުފިޔާ ސަލާމަތްކުރެވުނެވެ.

"މިހާރު ހުރި އަގުތައް ބަލާފައި ބަދަލުތައް ގެނައީމަ އެކަން އެއްކޮށް އެނގޭނީ. އުއްމީދުކުރަނީ ކުޑަވެގެންދާނެ ކަމަށް،" ޒީނިޔާ ވިދާޅުވި އެވެ.

އާސަންދަ އިން ބުނިގޮތުގައި އަންނަ އަހަރުގެ ފުރަތަަމަ ކުއާޓަރުގައި އަގުތައް މުރާޖައާ ކުރުމުގެ ފުރަތަމަ ޑްރާފްޓް ލިބޭނެ އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ އެވްރޫޑް ޑްރަގް ލިސްޓުގައި 4،000 އަށް ވުރެ ގިނަ ބޭސް ހިމެނެ އެވެ. އޭގެ ތެރެއިން، އާސަންދަ ލިބޭ ހުރިހާ ފަރުވާއަކަށް ބޭސް ލިބޭނެ އެވެ.

އާސަންދަ އިން މި އަހަރުގެ ބަޖެޓަށް 730 މިލިއަން ރުފިޔާ ކަނޑައެޅި ނަމަވެސް އަހަރު ދެ ބައިވިއިރު އެ ބަޖެޓު ހުސްވެއްޖެ އެވެ. އޭގެ އެންމެ ބޮޑު ހަރަދެއް ހިނގަނީ ވެސް ޑޮކްޓަރީ ބޭހަށެވެ. އެ ބޭސްތަކަށް އަހަރެއްގެ މައްޗަށް 800 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ކުރެ އެވެ.

އެހެންވެ، ސަރުކާރުން އަންނަނީ އޭބީޕީގެ އިތުރުން ރާއްޖޭގައި ބޭސް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ އެމްއާރުޕީ ކަނޑައެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އެމްއާރުޕީ އަށް އަމަލުކުރަން ނިންމީ ދެ ފިޔަވައްސަކަށް ބަހާލައިގެން އާ އަހަރާ އެކުގަ އެވެ. ނަމަވެސް އެ މުއްދަތުތައް ފަހަނައަޅައިގެން ދިޔައިރު ވެސް އެކަން ތަންފީޒެއް ނުވި އެވެ.

ބީއާރުޕީ އަކީ އާސަންދަ ސްކީމުން ބޭސް ދޫކުރާ އަގެވެ. އެމްއާރުޕީއަކީ ރާއްޖޭގައި ބޭސް ވިއްކޭނެ އެންމެ މަތީ އަގެވެ.