Roadha Mihaaru
ބޮޑު ފައިދާގައި ބޭސް ވިއްކުން ހުއްޓުވަން އަންގަވައިފި

ބޮޑު ފައިދާގައި ބޭސް ވިއްކުން ހުއްޓުވަން ރައީސް އަންގަވައިފި

11 ސެޕްޓެމްބަރ 2024

ރާއްޖޭގައި އާދަޔާ ހިލާފް ބޮޑު ފައިދާއެއް ލައިގެން ބޭސް ވިއްކުމުގެ މައްސަލަ ހައްލުކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒުނުވެ އޮތް އޮތުން ނިމުމަކަށް ގެނެސް، ބޭހުގެ އަގު ކޮންޓްރޯލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމާބެހޭ އިދާރާތަކަށް އަންގަވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގައި އާދަޔާ ހިލާފް ބޮޑު ފައިދާއެއް ލައިގެން ބޭސް ވިއްކުމުގެ މައްސަލަ ހައްލުކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒުނުވެ އޮތް އޮތުން ނިމުމަކަށް ގެނެސް، ބޭހުގެ އަގު ކޮންޓްރޯލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމާބެހޭ އިދާރާތަކަށް އަންގަވައިފި އެވެ.

ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅަން ވާނެ ކަމަށް ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގައި ބުނާތީ އެކަން ތަންފީޒުކުރަން ކުރީ ސަރުކާރުގައި ވެސް މަސައްކަތްކުރި އެވެ. ބޭސް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރުޕީ) ކަނޑައަޅައި އެކަން ފެށުމަށް އެކި ތާރީހުތައް ދިން ނަމަވެސް ބޭހުގެ ވިޔަފާރީގައި އުޅޭ މީހުންގެ ޝަކުވާތަކާ ހެދި ކޮންމެ ފަހަރަކު ވެސް އެކަން ޖެހުނީ ފަސްކުރާށެވެ.

ބޮޑު އަގުގައި ބޭސް ވިއްކުމުގެ މައްސަލަ ހައްލުކުރުމާ ބެހޭ ގޮތުން އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ބާޒާރުގައި ބޭސް ވިއްކާ އަގުތައް ހުރީ 200 ޕަސެންޓާއި 2000 ޕަސެންޓާ ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައި ކަމަށެވެ. އެހެންވެ، އެވަރުގެ ބޮޑު ފައިދާއެއް ނެގުން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކަށް މިހާރު އަންގާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ބޭހުގެ އަގު ކޮންޓްރޯލްކުރުމުން، ބޭސްތައް ބާޒާރުގައި ވިއްކާ އަގާއި އާސަންދައިން ޗާޖުކުރާ އަގު ދަށް ކުރެވޭނެ އެވެ.

"މި ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލާއި ތަފްސީލު ވަރަށް އަވަހަށް އާންމުކޮށް އިއުލާންކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

އެންމެ އަގު ބޮޑުކޮށް ބޭސް ވިއްކޭނެ އަގު ނުވަތަ އެމްއާރްޕީ ކަނޑައެޅުމަށް މީގެ ކުރިން ހެލްތު މިނިސްޓްރީން ހެދި ގަވާއިދެއްގައި އޮންނަޏީ ބޭސް ވިއްކާއިރު ފައިދާގެ ގޮތުގައި އެންމެ ގިނަވެގެން ނެގޭނީ 100 ޕަސެންޓް ކަމަށެވެ.

ރައީސް ވިދާޅުވީ ބޭހުގެ އަގު ކޮންޓްރޯލްކުރުމަށް ސަރުކާރުން މިހާރު ގެންނަން މަސައްކަތްކުރާ ބަދަލާ އެކު އާސަންދައިން އިސްރާފުވާ އެތައް ސަތޭކަ މިލިއަން ރުފިޔާ ސަލާމާތްކުރެވޭނެ ކަމަށެވެ. އަދި ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ފައިސާ ބޭނުންކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްއާރުޕީ ކަނޑައެޅުމަށް ކުރީ ސަރުކާރުގައި މަސައްކަތް ކުރި އިރު ނިންމާފައި އޮތީ އެންމެ ފުރަތަމަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ އެސެންޝަލް ލިސްޓުގައި ހިމެނޭ 357 ބޭހެއްގެ އަގު ކޮންޓްރޯލްކުރާށެވެ. އެ ބަދަލުން އެކަނި ވެސް، ބޭހަށް ކުރާ ހޭދައިން 205 މިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް އޭރު ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

ރާއްޖެއަކީ މި ސަރަހައްދުގެ ގައުމުތަމުގެ ތެރެއިން ބޭހަށް އެންމެ ބޮޑު ހަރަދެއް ކުރާ އެއް ގައުމެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކުރިން ބުނެފައިވާ ގޮތުގައި ދެކުނު އޭޝިއާގެ ގައުމުތަކާ އަޅާބަލާއިރު، ރާއްޖެއިން ބޭހަށް ކުރާ ހޭދަ 70 ޕަސެންޓް އިތުރެވެ.