Roadha Mihaaru
އަގުބޮޑުކޮށް ބޭސް ވިއްކާ ނަމަ ބޮޑު ޖޫރިމަނާއެއް

އަގުބޮޑުކޮށް ބޭސް ވިއްކާ ނަމަ ބޮޑު ޖޫރިމަނާއެއް ކުރާނެ!

16 ނޮވެމްބަރ 2021

ޑޮކްޓަރީ ބޭހުގެ އަގު ކޮންޓްރޯލްކޮށްފައި ވަނިކޮށް އެއާ ހިލާފަށް ބޭސް ވިއްކާނަމަ 100،000ރ. އާ ހަމައަށް އެ ބޭސްފިހާރައެއް ޖޫރިމަނާކުރެވޭ ގޮތަށް، އޭގެ ގަވައިދު އިއްޔެ އާއްމުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޑޮކްޓަރީ ބޭހުގެ އަގު ކޮންޓްރޯލްކޮށްފައި ވަނިކޮށް އެއާ ހިލާފަށް ބޭސް ވިއްކާނަމަ 100،000ރ. އާ ހަމައަށް އެ ބޭސްފިހާރައެއް ޖޫރިމަނާކުރެވޭ ގޮތަށް، އޭގެ ގަވައިދު އިއްޔެ އާއްމުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން އާއްމުކުރި ގަވައިދުގައި ވަނީ، އަތްފޯރާ އަގުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މެކްސިމަމް ރީޓެއިލްސް ޕްރައިސް (އެމްއާރުޕީ) ކަނޑައަޅާނެ ގޮތާއި އެއާ ހިލާފުވެއްޖެ ނަމަ އަޅާނެ ފިޔަވަޅުތައް ބަޔާންކޮށްފަ އެވެ.

ބޭހަށް ކުރާ ބޭކާރު ހަރަދު ކުޑަކުރުމަށް ސަރުކާރުން ވަނީ، އަންނަ އަހަރުން ފެށިގެން ބޭސް ސިޓީގައި ޑޮކްޓަރީ ބޭސް ވިއްކާ ބްރޭންޑްތަކުގެ ނަން ލިއުން ހުއްޓާލަން ނިންމައިފަ އެވެ. އެ އަށް ފަހު ބޭސް ސިޓީގައި ލިޔާނީ ބޭހުގެ ޖެނެރިކް ނަމެވެ. މިގޮތަށް ހެދުމުން އެކި ބްރޭންޑްގެ ނަމުގައި ބޭސްތައް އަގު ބޮޑުކޮށް ވިއްކުން ހުއްޓުވޭނެ އެވެ.

އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ތަންފީޒުކުރަން ފަށާނެ އެވެ. އޭގައި ހިމެނެނީ ރާއްޖެ އަށް އިމްޕޯޓުކޮށް ވިއްކާ ހުރިހާ އަސާސީ ބޭހުގެ ބައެވެ.

ދެވަނަ ފިޔަވަހީގައި، ރާއްޖެ އަށް އިމްޕޯޓުކޮށް ވިއްކާ ހުރިހާ ބޭހަކަށް، މެކްސިމަމް ރީޓެއިލް ޕްރައިޒް ތަންފީޒު ކުރާނެ އެވެ. ދެވަނަ ފިޔަވަހި ތަންފީޒު ކުރާނީ ޖުލައި 1 2022 އިން ފެށިގެންނެވެ.

އެ ގަވައިދުގައިވާ ގޮތުން ޑޮކްޓަރީ ބޭސްތައް ވިއްކާއިރު، ފައިދާގެ ގޮތުގައި އެންމެ ގިނަވެގެން ވެސް ނެގޭނީ 100 ޕަސެންޓެވެ.

އެއާ ހިލާފުވެއްޖެނަމަ ފުރަތަމަ ފަހަރު 10،000ރ. އިން އެ ތަނެއް ޖޫރިމަނާކުރާނެ އެވެ. ދެ ވަނަ ފަހަރަށް އެކަން ތަކުރާރުކޮށްފިނަމަ 10،000-50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ އެވެ. ތިން ވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 50،000-10،000ރ. އާ ދެމެދުގެ އަދަދަކުން އެ ބޭސްފިހާރައެއް ޖޫރިމަނާކުރާނެ ކަމަށް ގަވައިދުގައި ވެ އެވެ.

ރާއްޖެއިން ހުއްދަ ދީފައިވާ ބޭސްތަކުގެ އެމްއާރުޕީ ކަނޑައެޅުމަށްފަހު ބޭހުގެ އަގުތައް ހިމެނޭ ލިސްޓު ޖޫން 15، 2022 ގެ ކުރިން ގެޒެޓުގައި ޝާއިއުކުރަން ޖެހޭނެ އެވެ. އަދި އެ އަގުތައް ކޮންމެ ތިން އަހަރަކުން އެއް ފަހަރަކު ހެލްތު މިނިސްޓްރީން މުރާޖައާކުރަން ޖެހޭނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.

ބޭސްފިހާރަތަކުގައި ބޭހުގެ އެމްއާރުޕީ އާއްމުންނަށް ފެންނަ ގޮތަށް ހަމަޖައްސާފައި ހުންނަންޖެހެ އެވެ. އެކަމާ ހިލާފުވެއްޖެނަމަ ފުރަތަމަ ފަހަރު 10،000ރ. އިން، ދެ ވަނަ ފަހަރަށް އެކަން ތަކުރާރުކޮށްފިނަމަ 10،000-50،000ރ. އާ ދެމެދުގެ އަދަދެއްގައި އަދި އެކަމާ ހިލާފުވާ ތިން ވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 50،000-10،000ރ. ދެމެދުގެ އަދަދަކުން އެ ތަނެއް ޖޫރިމަނާކުރާނެ އެވެ.

އެންމެ ފުރަތަމަ އަގު ކަނޑައަޅަން ނިންމާފައި ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ އެސެންޝަލް ލިސްޓުގައި ހިމެނޭ 357 ބޭހަކަށެވެ. އެ ބަދަލާ އެކު ބޭހަށް ކުރާ ހޭދައިން 205 މިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.