Roadha Mihaaru
އައްޑޫ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން އިންޑިއާއާއެކު

އައްޑޫ ހޮސްޕިޓަލްގައި ހިދުމަތްތައް ފުޅާކުރަން އިންޑިއާ ހޮސްޕިޓަލަކާއެކު ސޮއިކުރަނީ

11 ނޮވެމްބަރ 2021

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ހޮސްޕިޓަލްގައި އާ ހިދުމަތްތައް ތައާރަފުކޮށް ހިންގުން ހަރުދަނާކުރުމަށް އިންޑިއާގެ ހޮސްޕިޓަލަކާއެކު ސޮއިކުރަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ހޮސްޕިޓަލްގައި އާ ހިދުމަތްތައް ތައާރަފުކޮށް ހިންގުން ހަރުދަނާކުރުމަށް އިންޑިއާގެ ހޮސްޕިޓަލަކާއެކު ސޮއިކުރަން ނިންމައިފި އެވެ.

އެ ހޮސްޕިޓަލްގެ ސީނިއާ ކަސްޓަމާ ރިލޭޝަންސް އޮފިސަރު ސާފީ މުހައްމަދު "މިހާރު" އަށް މިއަދު ވިދާޅުވީ، ހޮސްޕިޓަލްގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އިންޑިއާ ހޮސްޕިޓަލަކާއެކު ސޮއިކުރުމުގެ ހުއްދަ އިކޮނޮމިކް ކައުންސިލުން ދީފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވި ނަމަވެސް އެ އެއްބަސްވުމުގައި މި އަހަރު ނިމުމުގެ ކުރިން ސޮއިކޮށް، އަމަލުކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިއްހީ ހިދުމަތްތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ސަރުކާރުން ވަނީ ބައެއް ރީޖަނަލް ހޮސްޕިޓަލްތައް ހެލްތު މިނިސްޓްރީގެ ދަށުން ވަކިކޮށް، އެ ކޮންމެ ހޮސްޕިޓަލަކަށް ވަކި ބޯޑެއް އުފައްދައިފަ އެވެ. އާ ހިދުމަތްތަކާއި ބަދަލުތައް ގެނައުމުގެ ބާރު އެ ބޯޑަށް ލިބިފައި ވެ އެވެ.

ކޮންމެ ދުވަހަކު ވެސް އެވްރެޖުކޮށް 400 އެއްހާ މީހުން ފަރުވާ ހޯދާ އިކުއިޓޯރިއަލް ހޮސްޕިޓަލުން އަންނަނީ އާ ފަރުވާތައް ތައާރަފުކުރަމުންނެވެ. ކަރުންމަތީގެ އޮޕަރޭޝަންތައް މިހާރު ފަށާފައިވާއިރު، ފެޅުމުގެ ބަދަލުގައި ތޯވަޅު އަޅަފައިގެން އޮޕަރޭޝަން ކުރަން މި މަހުގެ ތެރޭގައި ފަށާނެ އެވެ. ލޮލުގެ އޮޕަރޭޝަން ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ސާފީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހިތުގެ ބަލިތަކާއި ނިއުރޮލޮޖިސްޓެއްގެ ހިދުމަތްތައް ވެސް ވަރަށް އަވަހަށް ތައާރަފްކުރާނެ އެވެ. ބޭނުމަކީ ސިއްހީ ފަރުވާ ހޯދުމުގައި މާލެއަށް ބަރޯސާވުން ހުއްޓާލުމެވެ.

އިކުއިޓޯރިއަލް ހޮސްޕިޓަލް ހަރުދަނާކުރުމަށް އިންޑިއާގެ ހޮސްޕިޓަލަކާއެކު ސޮއިކުރަން ނިންމިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ވެސް ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރަން އިންޑިއާގެ ނިމްސް ހޮސްޕިޓަލާއެކު މަސައްކަތް ފެށި އެވެ.