Roadha Mihaaru
އެމްއެންޑީއެފްގެ މަތިންދާބޯޓަށް ދިވެހި ދެ ޕައިލެޓުން

ދިވެހި ދެ ޕައިލެޓަކު އެމްއެންޑީއެފްގެ މަތިންދާބޯޓު ދުއްވަން ފަށައިފި

09 ނޮވެމްބަރ 2021

އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށް އިންޑިއާ ސިފައިންގެ ޕައިލެޓުން ބޭނުންކޮށްގެން ދުއްވަމުން އަންނަ ޑޯނިއާ މަތިންދާބޯޓުތައް ދުއްވަން ތަމްރީންކުރި ދިވެހި ސިފައިން މިއަދު ރަސްމީކޮށް އެ މަސައްކަތް ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށް އިންޑިއާ ސިފައިންގެ ޕައިލެޓުން ބޭނުންކޮށްގެން ދުއްވަމުން އަންނަ ޑޯނިއާ މަތިންދާބޯޓުތައް ދުއްވަން ތަމްރީންކުރި ދިވެހި ސިފައިން މިއަދު ރަސްމީކޮށް އެ މަސައްކަތް ފަށައިފި އެވެ.

ދިވެހި އަސްކަރިއްޔާގެ މަތިންދާބޯޓު ޕައިލެޓުންގެ ގޮތުގައި ފުރަތަމަ ފަހަރަށް މަސައްކަތް ފެށީ ސިފައިންގެ ފަސްޓް ލެފްޓިނެންޓް އިބްރާހިމް ޝަރީފާއި ލެފްޓިނެންޓް އަހްމަދު އަލީ އެވެ.

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ މި ދެ ޕައިލެޓުންނަށް ކޯސްޓްގާޑް އޭވިއޭޝަން ސްކޮޑްރަންގެ ބެޖު ވެސް ހަވާލުކޮށްފަ އެވެ. ޕައިލެޓުންނާ މި ބެޖު ހަވާލުކޮށްދެއްވީ މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އެވެ.

"މިއީ އެމްއެންޑީއެފްގެ ޕައިލެޓުން މިލިޓަރީ ޑޯނިއާ އެއާކްރާފްޓްގައި ފުރަތަމަ ފަހަރަށް އުދުހޭ ތާރީހީ ވަގުތެއް،" ޝަމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންގެ އޭވިއޭޝަން ދާއިރާ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތުގެ ދަށުން އަސްކަރީ އުޅަނދުތައް ދުއްވުމަށް ފަސް ޕައިލެޓުން ތަމްރީނުކޮށް، އޭގެ ތެރެއިން ހަތަރު ޕައިލެޓަކު މިހާރު ޑޯނިއާ ކޮންވާޝަން ކޯސް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި މިއަދު ޑޯނިއާ މަތިންދާބޯޓު ދުއްވުމުގެ ހުއްދަ ދީފައި ވަނީ އޭގެ ތެރެއިން ދެ ޕައިލެޓުންނަށް ކަމަށެވެ.

ޑޯނިއާ މަތިންދާބޯޓަކީ ރާއްޖޭގައި ދިމާވާ އެކި ހާދިސާތަކުގަ އާއި ސަވައިލެންސް ހަރަކާތްތަތަކުގައި ސިފައިން ބޭނުންކުރަމުން އަންނަ އުޅަދެކެވެ. އަދި މެޑިކަލް އިމަޖެންސީތަކުގައި ވެސް މި ބޭނުންކުރެ އެވެ.

އިންޑިއާ އިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން ދިވެހިން ބޭނުން ނުކުރާތީ ސިޔާސީ އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ފާޑުކިޔުން ވެސް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. މީގެ ކުރިން ވަނީ އިންޑިއާގެ އެހީގައި ތަމްރީނު ކޮށްފައިވާ ދިވެހި ސިފައިންގެ ޕައިލެޓަކު އެމްއެންޑީއެފްގެ ވަޒީފާ އިން ވަކިވެ މަންތާ އެއާއާ ގުޅިފަ އެވެ.