Roadha Mihaaru
"ސޫރިޔަވަންޝީ" ގައި ހުރިހާ ރަހައެއް ހެޔޮވަރު

"ސޫރިޔަވަންޝީ" ގައި ހުރިހާ ރަހައެއް ހެޔޮވަރު

06 ނޮވެމްބަރ 2021

ހުކުރު ދުވަހު ރިލީޒްކުރި އަކްޝޭ ކުމާރުގެ ފިލްމު "ސޫރިޔަވަންޝީ" އަކީ ހުރިހާ ރަހައެއް ވެސް ހެޔޮވަރު ބަލާލަން ވަރަށް ހިތްގައިމު ފިލްމެއް ކަމަށް ބުނެ، މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް މަތީ ރޭޓިންއެއް އެ ފިލްމަށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހުކުރު ދުވަހު ރިލީޒްކުރި އަކްޝޭ ކުމާރުގެ ފިލްމު "ސޫރިޔަވަންޝީ" އަކީ ހުރިހާ ރަހައެއް ވެސް ހެޔޮވަރު ބަލާލަން ވަރަށް ހިތްގައިމު ފިލްމެއް ކަމަށް ބުނެ، މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް މަތީ ރޭޓިންއެއް އެ ފިލްމަށް ދީފި އެވެ.

އޭނާ އެ ފިލްމަށް ދިނީ 5 އިން 4 ބައިގެ ރޭޓިން އެކެވެ. މިއީ އާންމުކޮށް ފިލްމުތަކަށް ލިބުން ވަރަށް ނާދިރު ރޭޓިންއެކެވެ. އެކަމަކު ފާހަގަ ކޮށްލަން ޖެހޭ ކަމަކީ "ސޫރިޔަވަންޝީ" ގެ ޑައިރެކްޓަރަކީ ހަދާ ކޮންމެ ފިލްމެއް ބޮޑު ހިޓަކަށް ހަދާނެ ކަމުގެ ގެރެންޓީއެއް އޮންނަ ކާމިޔާބު ޑައިރެކްޓަރު ރޯހިތު ޝެޓީ ކަމެވެ. އޭނާގެ ފިލްމުތަކަކީ އަބަދު ވެސް ފިލްމު ބަލާ އޯޑިއަންސް ބޭނުން ވާނެ ހުރިހާ ރަހައަކާ ކުލަވަރު ހިމަނައިގެން ގެނެސްދޭ ފިލްމުތަކަކަށް ވާތީ "ސޫރިޔަވަންޝީ" ރޯހިތުގެ މަސައްކަތް ވަރަށް ފުރިހަމަ ކަމަށް ތަރަން ބުންޏެވެ.

މިއީ ކުށުގެ ވެށި ހަމައަކަށް އަޅުވައި، ކުށްވެރިިން ހަމަބިމަށް ތިރިކުރަން ފުލުހަކު ކުރާ ހިތްވަރު ގަދަ މަސައްކަތްތައް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމަކީ ރޯހިތުގެ ކޮޕް ޔުނިވާސް އަށް އިތުރުވި ފިލްމެކެވެ. ކުރީގެ ފިލްމުތަކަކީ އަޖޭގެ "ސިންގަމް" އާއި ރަންވީރު ސިންގްގެ "ސިމްބާ" އެވެ. ފާހަގަ ކޮށްލެވޭ ކަމަކީ އެ ދެ ތަރިން ވެސް އެ މީހުންގެ ކެރެކްޓަތަކާ އެކު، އަކްޝޭއާ ބައިވެރިވެގެން "ސޫރިޔަވަންޝީ" ގެ އެކްޝަން މަންޒަރުތައް އިތުރަށް ވަރުގަދަކޮށް، ފުރިހަމަކޮށް ދީފައިވާ ކަމެވެ.

ތަރަން ބުނީ ފިލްމުގެ ވާހަކަ އޮތީ ވަރަށް ޝައުގުވެރިކޮށް ކަމަށާއި ރޯހިތު ފިލްމު ގެނެސްދީފައި ވަނީ ވެސް ބެލުންތެރިން ފޫހި ކުރުވާނެ އެއްވެސް މަންޒަރެއް ނެތި ކަމަށެވެ. ރޯހިތުގެ ޕްލޮޓަކަށް "ސޫރިޔަވަންޝީ" ގެ ސްކްރީންޕްލޭ ލިޔުނީ ޔޫނުސް ސަޖަވާލް އެވެ. ފިލްމުގެ ފުރިހަމަކަން އިތުރުކޮށް ދެނީ މީގެ ވަރުގަދަ އަދި ހަނދާނުގައި ގިނަ ދުވަހަށް ހުންނާނެ ކަހަލަ ޑައިލޮގްތަކާ ވެސް އެކީގަ އެވެ.

ތަރަން ފާހަގަކުރި ގޮތުގައި "ބޮޑު ސްކޭލަކުން، ކެންވަަސް ފުޅާކޮށް" ރޯހިތު ހަދާފައި އޮތް ފިލްމުގައި ހުރިހާ ކާސްޓުން ވެސް ވަރަށް މޮޅު އެކްޓިންއެއް ދައްކާފައިވެ އެވެ. އަދި އަކްޝޭ އާއި ކެޓްރީނާ ކައިފްގެ މަގުބޫލު ޖޯޑު ވަރަށް ގިނަ ދުވަސްތަކެއް ފަހުން އެކީގައި "ސޫރިޔަވަންޝީ" އިން ފެނުމަކީ ވެސް ހާއްސަ ކަމެއް ކަމަށް ބުންޏެވެ. ފިލްމުގެ ލަވަތައް ވެސް ފިލްމުގެ މޫޑާ ވަރަށް ގުޅޭކަން ފާހަގަކޮށް ތަރަން ބުނީ މީގެ އެންމެ ހާއްސަ އެއް ލަވަ އަކީ އަކްޝޭގެ 1994 ގެ ފިލްމު "މޮހޮރާ" ގެ ވާރޭތެރޭގެ އައިކޮނިކް ލަވަ "ޓިޕް ޓިޕް ބަރުސާ ޕާނީ" ގެ އާ ވާޝަން ކަމަށެވެ. ކުރޫގެ ލަވަ އަކީ އަކްޝޭ އާއި ރަވީނާ ޓަންޑަން ފެނިގެން ދިޔަ ލަވައެކެވެ. އާ ލަވަ އަކީ އަކްޝޭ ކެޓްރީނާގެ ކެމިސްޓްރީ ދައްކުވައިދޭ ލަވައެކެވެ.

ތަރަން ބުނީ ކޮވިޑާ ހެދި އިންޑިއާގެ ސިނަމާތަކަށް އައިސްފައި އޮތް ހީނަރުކަން ޔަގީނުން ވެސް "ސޫރިޔަވަންޝީ" ކަނޑުވައިލާނެ ކަމަށެވެ. އަދި ދިވާލީއާ ދިމާކޮށް މި ފިލްމު ރިލީޒް ކުރުމަކީ ފިލްމުގެ ވިޔަފާރި ވެސް ވަރަށް ރަނގަޅުވާނެ ކަމެއް ކަމަށް ބުންޏެވެ. "ސޫރިޔަވަންޝީ" އަކީ ކުރިން މިދިޔަ އަހަރުގެ މާޗްގައި ރިލީޒް ކުރަން އުޅުނު ފިލްމެކެވެ. ފަސްކުރަން ޖެހުނީ ކޮވިޑާ ހެދި އެވެ.