Roadha Mihaaru
ކޮވިޑްގެ ފަހުން 100 ކްރޯޑް "ސޫރިޔަވަންޝީ" އަށް

ކޮވިޑްގެ ފަހުން 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުނު ފުރަތަމަ ފިލްމަކީ "ސޫރިޔަވަންޝީ"

12 ނޮވެމްބަރ 2021

މިދިޔަ އަހަރުން ފެށިގެން ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު، މިހާތަނަށް ރިލީޒްކުރި ހިންދީ ފިލްމުތަކުގެ ތެރެއިން ސިނަމާތަކުގައި އަޅުވައިގެން 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމުގެ މަގާމު މި މަހުގެ 5 ގައި ރިލީޒްކުރި އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ" އަށް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރުން ފެށިގެން ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު، މިހާތަނަށް ރިލީޒްކުރި ހިންދީ ފިލްމުތަކުގެ ތެރެއިން ސިނަމާތަކުގައި އަޅުވައިގެން 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމުގެ މަގާމު މި މަހުގެ 5 ގައި ރިލީޒްކުރި އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ" އަށް ލިބިއްޖެ އެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ރޯހިތު ޝެޓީގެ ފިލްމަށް އިންޑިއާ އިން އެކަނި ލިބުނު އާމްދަނީ 100 ކްރޯޑް ރުޕީސް (13.44 މިލިއަން ޑޮލަރު) އެރީ ރިލީޒް ކުރިތާ ފަސް ދުވަހުގެ ތެރޭގަ އެވެ. އަންގާރަ ދުވަހާ ހަމައަށް އިންޑިއާ އިން ފިލްމަށް ވަނީ 102.81 ކްރޯޑް ރުޕީސް (13.82 މިލިއަން ޑޮލަރު) ލިބިފަ އެވެ.

އިންޑިއާ އިން ބޭރުގެ މާކެޓްތަކުގައި ވެސް "ސޫރިޔަވަންޝީ" ވަރަށް ރަނގަޅަށް ހިނގަމުން އަންނަ އިރު، މިހާތަނަށް ފިލްމަށް ޖުމްލަ އާމްދަނީގެ ގޮތުގައި އަންގާރަ ދުވަހާ ހަމައަށް 153.70 ކްރޯޑް ރުޕީސް (20.65 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ.

ފިލްމަކަށް ބޮކްސް އޮފީހުގައި 100 ކްރޯޑްގެ އާމްދަނީއެއް ލިބުމަކީ ބޮލީވުޑްގައި އާންމުކޮށް މިހާރު، ފިލްމެއްގެ ކާމިޔާބީ މިނެކިރަން ގެންގުޅޭ އެންމެ ދަށް މިންގަނޑެކެވެ. ސަތޭކަ ކްރޯޑް ކުލަބާ ވިދިގެން 200 އަދި 300 ކްރޯޑް ރުޕީސް ކުލަބަކީ ވެސް ކިރާ މިންގަނޑުތަކެވެ.

ކޮވިޑްގެ ވަބާގެ ކުރިން އެންމެ ފަހުން 100 ކްރޯޑް ކުލަބަށް ވަން ފިލްމަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 10 ގައި ރިލީޒްކުރި އަޖޭ ދޭވްގަންގެ "ތާނާޖީ: ދި އަންސަންގް ވޮރިއާ" އެވެ.

ކޮވިޑާ ހެދި އިންޑިއާގެ ސިނަމާތައް މިދިޔަ އަހަރުގެ މާޗް މަހުގެ ފަހުކޮޅުން ބަންދުކޮށް، އެކި ފަހަރު މަތިން ލުއިތައް ދެމުން ގޮސް ސިނަމާތަކުގައި ފިލްމުތައް އަޅުވަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު ހިސާބުގަ އެވެ. އެކަމަކު މިހާތަނަށް އައި އިރު ވެސް ސިނަމާތަކުގެ ވިޔަފާރި އަށް މާ ބޮޑު ކުރިއެރުމެއް އައިސްފައެއް ނުވެ އެވެ. އެކަމަކު "ސޫރިޔަވަންޝީ" ހޯދަމުން އަންނަ ކާމިޔާބީއާ ގުޅިގެން މިހާރު ވަނީ ސިނަމާގެ ވިޔަފާރި އަށް އުންމީދުތަކެއް އާކޮށް ދީފަ އެވެ.

މި ފިލްމު 100 ކްރޯޑް ކުލަބަށް ވަން އިރު، މިއީ އެ ކުލަބުން ޖާގަ ހޯދި ރޯހިތުގެ ނުވަ ވަނަ ފިލްމެވެ. އޭނާ އަކީ ބޮލީވުޑްގެ ޑައިރެކްޓަރުންގެ ތެރެއިން 100 ކްރޯޑް ކުލަބްގެ ފިލްމުތައް އެންމެ ގިނަ ޑައިރެކްޓަރު ވެސް މެ އެވެ.

ރޯހިތުގެ ކޮޕް ޔުނިވާސްގެ ތިން ވަނަ ފިލްމުގެ ގޮތުގައި ގެނެސްދިން "ސޫރިޔަވަންޝީ" އަކީ އަކްޝޭ އާއި ކެޓްރީނާ ކައިފް ލީޑް ރޯލު ކުޅެފައިވާ ފިލްމެކެވެ. މި ފިލްމަކީ ކުރިން މިދިޔަ އަހަރުގެ މާޗް 24 ގައި ރިލީޒް ކުރަން އުޅުނު ފިލްމެކެވެ. ކޮވިޑާ ހެދި މި އަހަރަށް ފިލްމު ފަސްކުރީ ސިނަމާތަކުގައި ނޫނީ ބެލުންތެރިންނަށް ގެނެސް ނުދިނުމަށެވެ.

ދެން އެންމެ އަވަހަށް ހިންދީ ސިނަމާ އަށް އަންނަން އޮތް ބޮޑު ފިލްމަކީ މި މަހުގެ 19 ގައި ރިލީޒްކުރާ ސައިފް އަލީ ޚާނާއި ރާނީ މުކަރްޖީގެ "ބަންޓީ އޯރް ބަބްލީ 2" އެވެ.