Roadha Mihaaru
އަކްޝޭގެ "ސޫރިޔާވަންޝީ" އެޅުވުން ކެންސަލްކޮށްފި

ކޮވިޑް-19 އާ ހެދި "ސޫރިޔާވަންޝީ" ނާޅުވަން ނިންމައިފި

14 މާޗް 2020

އަންނަ ބުރާސްފަތި ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތް އަކްޝޭ ކުމާރުގެ ފިލްމު "ސޫރިޔާވަންޝީ" އެޅުވުން، މިހާރު މުޅި ދުނިޔެ އަށް ފެތުރުފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހުރެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކެންސަލްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ ބުރާސްފަތި ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތް އަކްޝޭ ކުމާރުގެ ފިލްމު "ސޫރިޔާވަންޝީ" އެޅުވުން، މިހާރު މުޅި ދުނިޔެ އަށް ފެތުރުފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހުރެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކެންސަލްކޮށްފި އެވެ.

މި ފިލްމަކީ މި އަހަރު ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރުކުރަމުން އަންނަ އެއް ފިލްމެވެ. ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާ ގުޅިގެން ޑައިރެކްޓަރު ރޯހިތު ޝެޓީ ހަދާފައިވާ ފިލްމު އެޅުވުން ކެންސަލްކުރިކަން ހިއްސާކޮށް، ރޯހިތު ޝެޓީ ޕިޗްކާޒުން ނެރުނު ބަޔާނެެއްގައި ބުނީ "ސޫރިޔާވަންޝީ" ފަސްކުރުމަކީ ބެލުންތެރިން މާޔޫސްވާނެ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އެކަމަކު މި ދަނޑިވަޅުގައި އެންމެ މުހިއްމީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށް ބުންޏެވެ.

ފިލްމު ފަސްކުރި ނަމަވެސް، ސިނަމާތަކަށް ދެން ގެންނާނީ ކިހާ ތާކު ކަމެއް އޭގެ ޓީމުން ހާމައެއްނުކުރެ އެވެ.

"ސޫރިޔާވަންޝީ" އަކީ "ސިންގަމް" އާއި "ސިމްބާ" އަށް ފަހު، ރޯހިތު ކޮޕް ޔުނިވާސް އަށް އަކްޝޭ އިތުރުވާ ފިލްމެވެ. މި ފިލްމުގެ ބަތަލާ އަކީ ކެޓްރީނާ ކެއިފެވެ.

"ސޫރިޔާވަންޝީ" އަކީ އެންމެ ފުރަތަމަ މި އަހަރުގެ ފިތުރު އީދާ ދިމާކޮށް، މެއި މަހުގެ 22 ގައި ސިނަމާތަކަށް ގެންނަން ނިންމި ފިލްމެކެވެ. އެކަމަކު އެ ތާރީގައި ފިލްމެއް ގެނެސްދޭން ސަލްމާން ޚާން ނިންމައި، ރޯހިތު ކައިރީ އެދިގެން ފިލްމު ރިލީޒްކުރާ ތާރީހު އަވަސްކުރީ އެވެ.

މެއި މަހުގެ 22 ގައި ކުރިން ސިނަމާ އަށް ގެންނަން އޮތީ ސަލްމާނާއި އާލިއާ ބަޓާ އެކު ސަންޖޭ ލީލާ ބަންސާލީ ގެނެސްދޭން އުޅުނު "އިންޝާﷲ" އެވެ. އެކަމަކު އެ ފިލްމުން ސަލްމާން ކުއްލި ގޮތަކަށް ވަކިވުމުން، ފިލްމު ނަހަދައި ވަނީ ހުއްޓާލައިފަ އެވެ. ސަލްމާން މިހާރު ފިތުރު އީދުގައި ގެނެސްދޭން ތާވަލުކޮށްފައި އޮތް ފިލްމަކީ ޕްރަބޫދޭވާ ޑައިރެކްޓްކުރާ "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" އެވެ.

އެކަމަކު އެ ތާރީހުގައި އަކްޝޭގެ އެހެން ފިލްމަކާ ސަލްމާނަށް ބޮކްސް އޮފީހުގައި ވާދަކުރަން ޖެހޭނެ އެވެ. އެއީ "ލަޝްމީ ބޮމްބް" އެވެ.

ކޮވިޑް-19 އާ ހެދި އިންޑިއާގެ އެކި ހިސާބުތަކުގައި މިހާރު ސިނަމާތައް ބަންދު ވެސް ކުރަމުންދާތީ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ފިލްމުތަކެއް ތާރީހުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށްވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެޕްރީލް 10 އަށް ތާވަލުކޮށްފައިވާ ރަންވީރު ސިންގްގެ "83" ވެސް މިހާރު އެ ތާރީހުގައި ސިނަމާތަކަށް އައުމުގެ ފުރުސަތު ކުޑަ އެވެ.