Roadha Mihaaru
އަކްޝޭގެ "ސޫރިޔަވަންޝީ" އެޕްރީލް 30 އަށް ޔަގީން

އަކްޝޭގެ "ސޫރިޔަވަންޝީ" އަންނަ މަހުގެ 30 ގައި ސިނަމާތަކަށް

15 މާޗް 2021

ކުރިން މިދިޔަ އަހަރު ގެނެސްދޭން އުޅުނު އަކްޝޭ ކުމާރުގެ ފިލްމު "ސޫރިޔަވަންޝީ" އަންނަ މަހުގެ 30 ގައި ރިލީޒްކުރާނެ ކަށަވަދުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރިން މިދިޔަ އަހަރު ގެނެސްދޭން އުޅުނު އަކްޝޭ ކުމާރުގެ ފިލްމު "ސޫރިޔަވަންޝީ" އަންނަ މަހުގެ 30 ގައި ރިލީޒްކުރާނެ ކަށަވަދުކޮށް ދީފި އެވެ.

ކުރިން އަޑުތައް އެރި ގޮތުން ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ އެކްޝަން ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ 2 ގަ އެވެ. ނަމަވެސް އާދީއްތަ ދުވަހު ފާހަގަކުރި އޭނާގެ 48 ވަނަ އުފަން ދުވަހާ ދިމާކޮށް "ސޫރިޔަވަންޝީ" އަންނަ މަހުގެ 30 ގައި ގެނެސްދޭނެކަން ފިލްމުގެ ޓީމުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.

އަންނަ މަހުގެ 30 ގައި ފިލްމު ގެނެސްދޭން ނިންމީ ކުރިން އެ ތާރީހަށް ތާވަލުކުރި އަމީތާބް ބައްޗަން އާއި އިމްރާން ހާޝިމީގެ "ޗެހެރޭ" މިހާރު އެޕްރީލް 9 އަށް އަވަސްކުރުމާ ގުޅިގެންނެވެ. "ސޫރިޔަވަންޝީ" އަކީ ކުރިން މިދިޔަ އަހަރުގެ މާޗް 24 ގައި ރިލީޒްކުރަން ޕްލޭންކުރި ފިލްމެކެވެ.

މި ފިލްމަކީ ރޯހިތުގެ ކޮޕް ޔުނިވާސް އަށް އިތުރުވާ ތިން ވަނަ ކެރެކްޓާ ގެނެސްދޭ ފިލްމެވެ. އެގޮތުން އަކްޝޭމ ވީރު ސޫރިޔަވަންޝީ ކިޔާ ފުލުހެއްގެ ރޯލު ފެންނާނެ ފިލްމުން ގިނަ އަހަރުތަކެއް ފަހުން އަކްޝޭ އާއި ކެޓްރީނާ ކައިފްގެ ޖޯޑު އެކީގައި ފެނިގެން ދާނެ އެވެ.

ފިލްމުގެ ހާއްސަ ފެނިލުންތަކުން ރޯހިތުގެ "ސިންގަމް" ސީރީޒްގެ ބަތަލު އަޖޭ ދޭވްގަނާއި "ސިމްބާ" ގެ ބަތަލު ރަންވީރު ސިންގް ވެސް ފެންނާނެ އެވެ.

ކަރަން ޖޯހަރާއި ރޯހިތު އަދި ރިލަޔަންސް އެންޓަޓައިންމަންޓް ގުޅިގެން ގެނެސްދޭ "ސޫރިޔަވަންޝީ" ގެ ކާސްޓްގައި ޖެކީ ޝްރޮފް، ގުލްޝަން ގްރޯވާ، އަބިމަންޔޫ ސިންގް، ނިތިކިން ދީރް، ވިވާން ބަޓޭނާ، ކުމުދު މިޝްރާ، ޖާވިދު ޖެފްރީ އަދި ސިކަންދަރް ކޭރް ހިމެނެ އެވެ.

މި ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކުރި އިރު ރޯހިތު މިހާރު އަންނަނީ ރަންވީރުއާ އެކު "ސާކަސް" ކިޔާ ކޮމެޑީއެއް ހަދަމުންނެވެ.

"ސޫރިޔަވަންޝީ" ގެ ފަހަތުން މި އަހަރު ސްކްރީނަށް އަންނާނެ އަކްޝޭގެ ފިލްމުތަކުގެ ތެރޭގެއި މެއި 28 ގައި ގެނެސްދޭ "ބެލް ބޮޓަމް" އާއި އޮގަސްޓް 6 ގައި ގެނެސްދޭ "އަތުރަންގީ ރޭ" އަދި ނޮވެމްބަރު 5 ގައި ގެނެސްދޭ "ޕްރިތުވީރާޖް" ހިމެނެ އެވެ.