Roadha Mihaaru

އަހަންނަކީ ޖާދޫގަރެއް ނޫން، ކުޅުންތެރިން އަމިއްލައަށް ވެސް މަސައްކަތްކުރަން ޖެހޭނެ: މޮރިއޭރޯ

އޭނާ އަކީ ޖާދޫގަރެއް ނޫން ކަމަށާއި ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް، ކުޅުންތެރިން އަމިއްލަ އަށް ވެސް މަސައްކަތްކުރަން ޖެހޭނެ ކަމަށް، ގައުމީ ޓީމުގެ ކޯޗް ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.

ކުޅުންތެރިން އަމިއްލައަށް މަސައްކަތްކުރަންޖެހޭ: މޮރިއޭރޯ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

04 ނޮވެމްބަރ 2021

އޭނާ އަކީ ޖާދޫގަރެއް ނޫން ކަމަށާއި ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް، ކުޅުންތެރިން އަމިއްލަ އަށް ވެސް މަސައްކަތްކުރަން ޖެހޭނެ ކަމަށް، ގައުމީ ޓީމުގެ ކޯޗް ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.

އަންނަ ހަފުތާގައި ލަންކާގައި ފަށާ، މަހިންދަ ރާޖަޕަކްސަ ޓްރޮފީ މުބާރާތަށް ދާން މިއަދު ލަންކާ އަށް ފުރުމުގެ ކުރިން މީޑިއާތަކާ ވާހަކަ ދައްކަމުން މޮރިއޭރޯ ބުނީ އެ މުބާރާތުން ރާއްޖޭގެ ފެންވަރު ވަޒަންކުރެވޭނެ ކަމަށެވެ. އޭނާ ބުނީ އެ މުބާރާތަށް ރާއްޖެ ދަނީ ވަރުގަދަ ޓީމަކަށް ހަދަން ކަމަށެވެ.

"އެކަން ކުރުމަށްޓަކައި އަހަރެމެން ޖެހޭނެ އެހެން ޓީމުތަކަށް ވުރެ ހަލުވިވާން،" އިޓަލީ ބަހުން ވާހަކަ ދައްކަމުން މޮރިއޭރޯ ބުންޏެވެ. "އަހަރެމެންގެ ޓީމުގެ ޑިފެންސާއި އެޓޭކް އެއްވަރެއްގައި ބަހައްޓަން ޖެހޭނެ. އަހަރެންގެ ކުޅުންތެރިންގެ ކައިރީ އަހަރެން ބުނަން މެޗަކަށް ނުކުންނާނީ ޓީމަކުން 11 ކުޅުންތެރިންނޭ. އެކަމަކު އެންމެ މުހިންމު ކަމަކީ އިިދިކޮޅު ޓީމަށްވުރެ އަހަރެމެންގެ ބުންވަރު ގިނައިރު ހިފެހެއްޓުން. އިދިކޮޅު ޓީމަށް ވުރެ ގިނައިން އަހަރެމެން ދުވުން. އަދި އިދިކޮޅު ޓީމަށް އިތުރަށް މަދުވެގެން އެއްގޯލް ޖެހުން."

މޮރިއޭރޯ މާލޭ ބަސް ޓާމިނަލުގައި މިއަދު ލަންކާ އަށް ފުރުމުގެ ކުރިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މޮރިއޭރޯ މާލޭ ބަސް ޓާމިނަލުގައި މިއަދު ލަންކާ އަށް ފުރުމުގެ ކުރިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މޮރިއޭރޯ ބުނީ، ޓީމުގެ ފިޒިކްސް އާއި ޓެކްޓިކަލް ޕްލޭނަށް މަސައްކަތްކުރުމަށް އިސްކަންދީފައިވާނެ ކަމަށެވެ.

"އަހަންނަކީ ޖާދޫގަރެއް ނޫން،" އިޓަލީގެ އިންޓަ މިލާން އަށް ކުރިން ކުޅުނު މިޑްފީލްޑަރު ބުންޏެވެ. "އަހަރެން މި މަގާމުގައި ހުރީ އެފްއޭއެމުން އަހަރެންގެ މަސައްކަތް ގަބޫލުކުރާތީ. ކޮންމެ ކުޅުންތެރިޔަކު ވެސް އެ ކުޅުންތެރިޔެއްގެ ފެންވަރު މަތިކުރުމަށް އަބަދުވެސް އަމިއްލައަށް މަސައްކަތްކުރަން ޖެހޭނެ. އަހަރެން އައީ ފުޓްބޯޅައިގެ އެހެން ސަގާފަތަކުން. އެގޮތުން އަހަރެން މި މަސައްކަތް ކުރަނީ އެކަން އަހަރެންގެ ކުޅުންތެރިންގެ ކިބައިގައި ވެސް އަށަގެންނުވޭތޯ."

މަހިންދަ ރާޖަޕަކްސަ މުބާރާތުގައި ރާއްޖެ އާއި ލަންކާގެ އިތުރުން ދެ ވާދަކުރާނީ ބަންގްލަދޭޝް އާއި ޝީޝެލްސް އެވެ. އަންނަ ހޯމަ ދުވަހު ފަށާ މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. ރާއްޖޭގެ ދެވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ރާއްޖެ އާއި ޝީޝެލްސް ކުޅޭ މެޗު އޮންނާނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

މޮރިއޭރޯ: އޭނާ ބުނީ ލަންކާ މުބާރާތުން ގައުމީ ޓީމުގެ ފެންވަރު ދެނެގަނެވޭނެ ކަމށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މޮރިއޭރޯ: އޭނާ ބުނީ ލަންކާ މުބާރާތުން ގައުމީ ޓީމުގެ ފެންވަރު ދެނެގަނެވޭނެ ކަމށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މުބާރާތުގެ ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މިދިޔަ މަހު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވަނީ ބަންގްލަދޭޝް އާއި ލަންކާ ވެސް ބަލިކޮށްފަ އެވެ.

މުބާރާތުގެ ޝެޑިއުލް

- ނޮވެމްބަރު 8: (ހަވީރު) ބަންގްލަދޭޝް - ސީޝެލްސް

- ނޮވެމްބަރު 8: (ރޭގަނޑު) ސްރީ ލަންކާ - ދިވެހި ރާއްޖެ

- ނޮވެމްބަރު 11: (ހަވީރު) ބަންގްލަދޭޝް - ދިވެހި ރާއްޖެ

- ނޮވެމްބަރު 11: (ރޭގަނޑު) ސްރީ ލަންކާ - ސީޝެލްސް

- ނޮވެމްބަރު 14: (ހަވީރު) ސްރީ ލަންކާ - ބަންގްލަދޭޝް

- ނޮވެމްބަރު 14: (ރޭގަނޑު) ސީޝެލްސް - ދިވެހި ރާއްޖެ

- ނޮވެމްބަރު 17: (ރޭގަނޑު) ފައިނަލް މެޗު