Roadha Mihaaru
އައްޑޫ ޕިކްނިކް ޒޯނަކަށް ރުއްޖެހަރަ ސަރަހައްދު

އައްޑޫ ޕިކްނިކް ޒޯނަކަށް ރުއްޖެހަރަ ސަރަހައްދު ތަރައްގީކުރަން ފަށައިފި

04 ނޮވެމްބަރ 2021

އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ މީހުން ދަތުރުދާން ހާއްސަ ސަރަހައްދެއްގެ ގޮތުގައި ރުއްޖެހެރަ ޕިކްނިކް ޒޯނަކަށް ބަދަލުކުރުމުގެ މަސައްކަތް ކައުންސިލުން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ މީހުން ދަތުރުދާން ހާއްސަ ސަރަހައްދެއްގެ ގޮތުގައި ރުއްޖެހެރަ ޕިކްނިކް ޒޯނަކަށް ބަދަލުކުރުމުގެ މަސައްކަތް ކައުންސިލުން ފަށައިފި އެވެ.

މި ސަރަހައްދަކީ އައްޑޫ ލިންކް ރޯޑާ ދިމާލުން އޮންނަ ކުނިކޮށި ސަރަހައްދުގެ ފުއްޓަރު ފަރާތެކެވެ. ކައުންސިލުން އެތަން ޕިކްނިކް ޒޯނެއްގެ ގޮތުގައި ތަރައްގީކުރަނީ ފަސޭހައިން ވަދެނުކުމެވޭ ގޮތަށް މަގުތައް ކޮށައި، އަތިރިމައްޗަށް ވެލި އަޅައި ރީތިކޮށްގެންނެވެ. މިއީ ކައުންސިލާއި އައްޑޫގެ ޖަމިއްޔާއެއް ކަމަށްވާ ފްރެންޑްސް ކުލަބާއި ހިތަދޫގެ ކުންފުންޏެއް ކަމަށްވާ ބީ ޓެކް ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

އައްޑޫގެ ރައްޔިތުން ދަތުރުދާނެ ހާއްސަ ތަނެއް ނެތުމުގެ ކަންބޮޑުވުމަކީ ވަރަށް ގިނަ ބައެއްގެ ޝަކުވާއެކެވެ. މިހާރު އާންމުކޮށް، އައްޑޫގައި ގުޅިފައިވާ ހަތަރު އަވަށުގެ މީހުން ދަތުރު ގޮސް އުޅެނީ، މިހާރު ޕިކްނިކް ޒޯނެއްގެ ގޮތުގައި ތަރައްގީކުރާ ސަރަހައްދާ މާ ދުރު ނޫން ހިސާބެއްގައި ލިންކް ރޯޑުން ތެރެއިން އޮތް ހަންކެޑެ/ގައުކެނޑި ބްރިޖް ސަރަހައްދަށެވެ.

ނަމަވެސް މިހާރު އެ ސަރަހައްދަކީ ޓޫރިޒަމަށް ހާއްސަކޮށްގެން ތަރައްގީކުރަން ނިންމާފައިވާ ތަނެކެވެ. މި މަސައްކަތުގެ ތެރެއިން ހަންކެޑެ އާއި ގައުކެނޑި ގުޅާލާފައި އޮތް ކޯޒްވޭ ވެސް ރަށުގެ ފުއްޓަރު ފަރާތަށް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ.

ކައުންސިލުން މިހާރު ޕިކްނިކް ޒޯނެއް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާ އިރު ކައުންސިލްގެ ކުރީގެ ދައުރުތަކުގައި ވެސް ދަތުރުދާނެ ތަންތަން ހެދުމާ ގުޅޭ ގިނަ ވާހަކަތަކެއް ދެކެވިފައިވެ އެވެ. އެގޮތުން ބާބަކިއު، ޕާޓީ އަދި ޕިކްނިކް ފަދަ ހަރަކާތްތައް ބޭއްވޭނެ ވަސީލަތްތަކެއް ގާއިމުކުރަން ކައުންސިލުން ނިންމަައި، އެ ތަންތަން ޑިޒައިންކުރާނެ ބަޔަކު ހޯދަން 2017 ގައި ބީލަމަށް ވެސް ލި އެވެ.