Roadha Mihaaru
ބޮކްސާ ތެރެއިން ޑްރަގް ފެނުނަސް، ކުށް ސާބިތެއް ނުވި

ބޮކްސާގެ ތެރެއިން ޑްރަގް ފެނުނަސް، ފާސްކުރި އިޖުރައާތު ގޯސްވުމުން ކުށް ސާބިތެއް ނުވި

03 ނޮވެމްބަރ 2021

ލައިގެން ހުރި ބޮކްސާގެ ތެރެއިން ބައި ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި، އެ މީހާ ފާސްކުރި އިޖުރައާތު ގޯސް ކަމަށް ބުނެ، އެ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލައިގެން ހުރި ބޮކްސާގެ ތެރެއިން ބައި ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި، އެ މީހާ ފާސްކުރި އިޖުރައާތު ގޯސް ކަމަށް ބުނެ، އެ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އޮކްޓޫބަރު، 2016 ގައިި އައްޑު އަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބައި ކިލޯގެ މަސްތުވާތަކެތި އަތުލައިިގަތީ އެ ސިޓީ އަށް ދިޔަ މީހެއްގެ ބޮކްސާގެ ތެރޭގައި ފޮރުވާފައި ހުއްޓަ އެވެ. އެ މީހާގެ މައްޗަށް ކުރީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އެވެ.

މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ބޮކްސާގެ ތެރެއިން މަސްތުވާތަކެތި ފެނުނަސް، އޭނާ ބަލައި ފާސްކުރި އިޖުރައާތު ގޯސް ކަމަށެވެ. ބަރަހަނާ ކޮށްގެން އެ މީހާ ފާސް ކުރިއިރު، ފުލުހުންގެ ގަވާއިދު އޮޮތްގޮތުން އެގޮތަށް މީހުން ފާސްކުރެވޭނީ ޑިއުޓީ އިންޗާޖުގެ ހުއްދަ ލިބިގެން ކަމަށާއި އެކަމަކު އެފަދަ ހުއްދައެއް ހޯދިކަން އެނގެން ނެތް ކަމަށް ހުކުމުގައިވެ އެވެ.

އެއާޕޯޓްގައި އެ މީހާ ބަލައި ފާސްކުރީ އެ ތަނުގެ އިންޓަވިއު ރޫމެއްގެ ތެރޭގައި ކަމަށާއި އެފަދަ ތަންތަނަކީ މީހުން ބަރަހަނާ ކޮށްގެން ފާސްކުރެވޭނެ ތަނެއް ނޫން ކަމަށް ވެސް ހުކުމުގައި ވެ އެވެ. އަދި އެތައް ބަޔަކު ވަދެ ނުކުމެ އުޅޭ ތަނެއްގެ ތެރޭގައި މީހަކު ބަރަހަނާ ކޮށްގެން ފާސްކުރުމަކީ ގާނޫނީ ގޮތުން ޓޯޗާގެ އަމަލެއް ކަމަށް ބެލެވިދާނެ ކަމަށާއި އެހެންވެ، ކިތަންމެ ވަރުގަދަ ހެކިތަކެއް ލިބިފައި ވިޔަސް، ގާނޫނާ ޚިލާފަށް ހޯދާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ހުކުމުގައި ބުންޏެވެ.

ހުކުމުގައިވަނީ އެ މީހާގެ ބޮކްސާގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ވެސް ދިމާނުވާ ކަމަށެވެ. އަދި ޗެއިން އޮފް ކަސްޓަޑީ ދިމާނުވާ ނަމަ، ފުލުހުން ހޯދި ހެކިތަކުގެ ސައްހަކަމާ މެދު ސުވާލު އުފެދޭނެ އެހެންވެ، ދައުވާލިބުނު މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުުކުމްކުރީ ކަމަށް ހުކުމުގައިވެ އެވެ.