Roadha Mihaaru
ޖިންސީ ގުނަވަނުގައި ޑްރަގް ފޮރުވައިގެން އުޅުމުން ޖަލަށް

ޖިންސީ ގުނަވަނުގައި ޑްރަގް ހަރުކޮށްގެން އުޅުނު މީހަކު އުމުރަށް ޖަލަށް

30 ނޮވެމްބަރ 2022

ޖިންސީ ގުނަވަނުގައި މަސްތުވާތަކެތި ހަރުކޮށްގެން އުޅެނިކޮށް އަތުލައިގަތް މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖިންސީ ގުނަވަނުގައި މަސްތުވާތަކެތި ހަރުކޮށްގެން އުޅެނިކޮށް އަތުލައިގަތް މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ކ. ދިއްފުށީ އެ މީހާ އުމުރަށް ޖަލަށްލުމާ އެކު، 100،000ރ. އިން ޖޫރިމަނާކޮށް އަދި އެ ފައިސާ އެއް އަހަރުގެ ތެރޭގައި ދައުލަތަށް ދައްކަން ހުކުމުގައި އެންގި އެވެ.

އެ މީހާގެ މައްޗަށް ހުކުމް އައީ 2019 ވަނަ އަހަރު އޭނާ މާލެއިން ފުރަން އުޅެނިކޮށް ހައްޔަރު ކުރިއިރު އޭނާގެ ކުރިމަތި ފަރާތުގައި ޓޭޕް އަޅައިގެން ހަތަރު ގްރާމް ޑްރަގް ހަރުކޮށްފައި ހުރުމުންނެވެ. އެކަމަކު ވެސް އޭނާ ކޯޓުގައި ދައުވާއަށް އިންކާރުކުރި އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ އޭނާގެ ކުރިމަތި ފަރާތުގައި މަސްތުވާތަކެތި ހަރުކޮށްފައި ހުރީ އޭނާއަށް އެނގިގެން ކަމުގައި ބަލަން ޖެހޭނެ ކަމަށެވެ. އެ ނޫން ގޮތަކަށް އެކަން އޭނާއަށް ސާބިތުކޮށް ނުދެވޭ ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން މަސްތުވާތަކެތި ގެންގުޅުނީ އެނގި ހުރެ ކަން ސާބިތުވާން ޖެހުނަސް، ބައެއް ހާލަތްތަކުގައި މަސްތުވާތަކެތި ފެންނަ ތަނާއި ގޮތުން އިތުރު ހެއްކެއް އެކަމަށް ބޭނުމެއް ނުވާނެ އެވެ. ލައިގެން ހުންނަ ޖިންސާއި ހަށިގަނޑާ ދޭތެރެއަށް މަސްތުވާތަކެތި ޖަހާފައި ހުންނަ ހާލަތްތަކުގައި އެއީ އެނގި ހުރެ ކޮށްފައިވާ ކަމެއް ކަން ސާބިތުކުރަން އިތުރު ހެކި ބޭނުމެއް ނުވާނެ ކަމަށް ހުކުމުގައި ވެ އެވެ. އެ ނޫން ގޮތަކަށް އެކަން ސާބިތުކޮށް ދިނުމުގެ ބުރަ އޮންނާނީ ދައުވާ ލިބޭ މީހާއަށް ކަމަށް ވެސް ހުކުމުގައި ބުންޏެވެ.