Roadha Mihaaru
ނޮވެމްބަރު 3 ގެ ހަމަލާ: ޝިރަންގެ އާ ފޮޓޯތަކެއް

ނޮވެމްބަރު 3 ގެ ހަމަލާ: ޝިރަންގެ އާ ފޮޓޯތަކެއް

03 ނޮވެމްބަރ 2021

ނޮވެމްބަރު ތިނެއްގެ ހަމަލާ ދިން އިރު މާލޭގެ މަގުތަކުގައި ކަން ހިނގައި ދިޔަ ގޮތް އެންމެ ގާތުން ދުށް އެކަކީ މ. ނާއިންފަރުގޭ، އަހުމަދު ޝިރަން އެވެ. މާލޭ ތެރޭގައި ބަޑި ޖެހި ހިސާބުން ފެށިގެން ކުށްވެރިން ހައްޔަރުކޮށްގެން ޝަރީއަތަށް ހާޒިރުކުރުމާ ހިސާބަށް އޭނާ ދިޔައީ އެ ކަންތައްތަކުގެ އެންމެ އެތެރޭގައި ހަރަކާތްތެރި ވަމުންނެވެ. ސަބަބަކީ އޭނާ އަކީ އޭރު ޓީވީއެމްގެ މުވައްޒަފަކަށް ވުމެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ހަމަލާ ދިން ދުވަހު މީހުންނަށް އެހީވާން އުޅެފައި އޭގެ އަނެއް ދުވަހު ޝިރަން މަގުމައްޗަށް ނުކުތީ ކެމެރާ ހިފައިގެންނެވެ. އެއީ ނިކޯން ބްރޭންޑުގެ ކެމެރާއެކެވެ. އޭނާ ނަގާފައި ހުރި ފޮޓޯތަކުން ހަމަލާގެ ފަހުން ހިނގި ކަންތައްތަކުން މާލޭގެ ހާލަތު އޮތް ގޮތް ވަރަށް ރަނގަޅަށް ކިޔައިދެ އެވެ.

ޒަހަމްވި މީހަކަށް ފަރުވާ ދެނީ -- ފޮޓޯ: އަހުމަދު ޝަރަން

ޒަހަމްވި މީހަކަށް ފަރުވާ ދެނީ -- ފޮޓޯ: އަހުމަދު ޝަރަން

އޭރު ޝިރަންގެ އުމުރުން ވާނީ 20 އަހަރެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ޓީވީއެމްގެ ކެމެރާ ކްރޫއެއްގަ އެވެ. އޭނާ އަކީ އޭރު ޓެކްނީޝަނެކެވެ. އަދި އެކި ތަމްރީނުތައް ފުރިހަމަކޮށްފައި ހުރި ސްކައުޓް ލީޑަރެއް ވެސް މެ އެވެ. ފޮޓޯގްރަފީ އަކީ އޭނާ ކުރާ ހިތުން ކުރި މަސައްކަތެވެ.

ޝިރަން ކެމެރާ ހިފައިގެން މަގުމައްޗަށް ނުކުތީ ނޮވެމްބަރު ހަަތަރު ވަނަ ދުވަހު އެވެ. އޭނާ އެ ދުވަހު ޓީވީއެމްގެ ވަޒީފާ އަށް ނުކުތް އިރު ދިޔައީ ރައްޓެއްސެއްގެ އަތުން ނަގާފައި އޮތް ނިކޯން ބްރޭންޑުގެ ކެމެރާއެއް ހިފައިގެންނެވެ. އެއީ އޭރުގެ ރަނގަޅު ފެންވަރުގެ ކެމެރާއެކެވެ. މިހާރު އޭގެ މޮޑެލް އޭނާ ހަނދާނެއް ނެތެވެ.

ނޮވެމްބަރު 4 ވަނަ ދުވަހު މާލެ ތެރެ - ފޮޓޯ: އަހުމަދު ޝަރަން

ނޮވެމްބަރު 4 ވަނަ ދުވަހު މާލެ ތެރެ - ފޮޓޯ: އަހުމަދު ޝަރަން

އެ ދުވަހުގެ މުހިންމު އެތައް މަންޒަރެއް ޝިރަންގެ ލެންސުން ނެގި އެވެ. އޭގެ ތެރޭގައި އިމާރާތްތަކަށް ވަޒަން އަރާފައި ހުރި މަންޒަރާއި ލިބުނު ގެއްލުން ހިމެނެ އެވެ. އަދި ސިފައިން ހަރަކާތްތެރިވެ އުޅުނު ގޮތާއި ޓެރަރިސްޓުން ހައްޔަރުކޮށްގެން މާލެ އަށް އެރުވި މަންޒަރު ވެސް އޭނާ ފޮޓޯ ނެގި އެވެ.

ޝިރަން ކިޔައިދިން ގޮތުގައި އޭނާ އަށް އެ ދުވަހު ނެގުނު އެންމެ ހިތްހަމަޖެހޭ އެއް ފޮޓޯއަކީ ސިފައިންގޭ ކައިރީގައި ހުރި ސަރުކާރުގެ އޮފީސް އިމާރާތެއްގެ ދޮރެއް ބަޑިޖަހައި ހަލާކުކޮށްލާފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯ އެވެ. ފިލައިން ހަދައި ފެހި ކުލަ ލާފައި ހުރި އެ ދޮރު ހަލާކުކޮށްލައިގެން އެތެރެއަށް ވަދެ ތަމަޅައިން ސިފައިންގެއާ ދިމާލަށް ބަޑި ޖެހި އެވެ.

އިންޑިއާ އިން ރާއްޖެ އައި މަނަވަރު ގޯދާވަރީ މާލެ ބޭރުގައި -- ފޮޓޯ: އަހުމަދު ޝަރަން

އިންޑިއާ އިން ރާއްޖެ އައި މަނަވަރު ގޯދާވަރީ މާލެ ބޭރުގައި -- ފޮޓޯ: އަހުމަދު ޝަރަން

ތަޅަމައިން ހައްޔަރުކޮށްގެން ހަތަރެސް ފައި ބަނދެ، މާލެ ގެނައި ވަގުތަކީ އޭނާ އަށް އެ ދުވަހުގެ އެންމެ ހަނދާނުން ފޮހެލަން ދަތި މަންޒަރެވެ. އެ މަންޒަރުތައް ވެސް އޭނާ ވަނީ ފޮޓޯ ނަގައިފަ އެވެ.

"ފެނިފައި މި މީހުންގެ ނުލަފާވެރިކަން، މި މީހުން ރާއްޖެ އަށް ދިން ޑެމޭޖް ހިތަށް އަރާފައި ރުޅިވެރިކަން ހިތަށް އެރީ،" ޝިރަން ކިޔައިދިނެވެ.

ހަމަލާ ދިން ޓެރަރިސްޓުން ހޯދައިގެން ގެންދަނީ -- ފޮޓޯ: އަހުމަދު ޝަރަން

ހަމަލާ ދިން ޓެރަރިސްޓުން ހޯދައިގެން ގެންދަނީ -- ފޮޓޯ: އަހުމަދު ޝަރަން

ޝިރަން ބުނި ގޮތުގައި އެ ތާރީހީ ފޮޓޯތައް ނެގި ކެމެރާ އަކީ ރައްޓެއްސެެއްގެ އެއްޗެއް ކަމުން އެ ކެމެރާ އަނބުރާ ދިނީ އެވެ. އެ ފަހުން ވެސް އެކި ކަންކަމަށް އޭނާ އެ ކެމެރާ ބޭނުން ކުރިޔަސް އެއީ ވަރަށް ކުރި އެވެ. މިހާރު އެ ކެމެރާ ސަލާމަތުން އޮތް ކަމެއް ވެސް އޭނާ އަކަށް ނޭނގެ އެވެ.

އެ ކެމެރާއިން ޝިރަން ދެ ފިލްމުގެ ފޮޓޯ ނެގި އެވެ. މިހާރު ފެންނަން ހުރި އޭނާގެ މަސައްކަތަކީ އޭގެ ތެރެއިން އެންމެ ރޯލެކެވެ. ބާކީ ރޯލު އޭނާ ޑިވޮލޮޕެއް ނުކުރެ އެވެ. އޭނާ ބުނީ އަދިވެސް އެ ރޯލު އަތުގައި އޮންނާނެ ކަމަށެވެ. އެހެންކަމުން، ކުރިން ނުފެންނަ އެތައް ފޮޓޯއެއް އަދިވެސް ޝިރަން އަތުގައި އެބަ ހުއްޓެވެ. އެ ފޮޓޯތައް އަދި ޑިވޮލޮޕް ކުރާނެ ކަމަށް އޭނާ ބުންޏެވެ.

ހަމަލާ ދިން ޓެރަރިސްޓުން ހޯދައިގެން ގެންދަނީ -- ފޮޓޯ: އަހުމަދު ޝަރަން

ހަމަލާ ދިން ޓެރަރިސްޓުން ހޯދައިގެން ގެންދަނީ -- ފޮޓޯ: އަހުމަދު ޝަރަން

ނުރައްކަލުގެ ކުރިމަތީގައި ދެއްކި ހިތްވަރު

ޝިރަން އަކީ ނޮވެމްބަރު ތިން ވަަނަ ދުވަހުގެ ބަތަލެކެވެ. އޭނާ އަކީ ޒަަހަމްވި މީހުންނަށް އެހީވުމުގައި އުޅުނު އެކަކެވެ. އެ ނުރައްކަލުގެ ތެރޭގައި ޝިރަން ދެއްކި ހިތްވަރާ ހެދި ސަރުކާރުން ވަނީ އޭނާ އަށް ޝަރަފުވެރިކަމުގެ ހަނދާނީ ލިޔުމާއި އައްޑަނަ ދީފަ އެވެ. އަދި އެކަމާ ހެދި ސްކައުޓް ގެލެންޓްރީ އެވޯޑު ވެސް އޭނާ އަށް ދިނެވެ.

ހަމަލާ ދިން ޓެރަރިސްޓުން ހޯދައިގެން ގެންދަނީ -- ފޮޓޯ: އަހުމަދު ޝަރަން

ހަމަލާ ދިން ޓެރަރިސްޓުން ހޯދައިގެން ގެންދަނީ -- ފޮޓޯ: އަހުމަދު ޝަރަން

ނޮވެމްބަރު ދެ ވަނަ ދުވަހުގެ ރޭ ޝިރަން ހުރީ ސްކައުޓް ވެހިކަލެއް ސާފު ކުރާށެވެ. އެ ރޭ އެ މަސައްކަތް ކޮށްފައި ގެއަށް ގޮސް އޭނާއަށް ނިދުނީ އެންމެ ދެތިން ގަޑިއިރެވެ. ފެނުނު ހުވަފެނަކާ ހެދި ހޭލެވުނު އިރު އޭނާގެ ބާލީސް ވެސް އޮތީ އަމިއްލަ އަށް ހަލާކު ކުރެވިފަ އެވެ. ހޭލެވުނުތާ ގިނަ އިރުތަކެއް ނުވަނީސް އޭނާއަށް އިވުނީ ވަރުގަދަ އަޑުފަށްގަނޑެކެވެ. ވީގޮތެއް ބަލާލަން ބޭރަށް ނުކުންނަން ބޭނުންވިޔަސް އޭނާ ބޭރަށް ފޮނުވަން އޭނާގެ މަންމަ ބޭނުމެއް ނުވި އެވެ.

އެންއެސްއެސްގެ މައި އިމާރާތަށް ދީފައިވާ ހަމަލަތައް -- ފޮޓޯ: އަހުމަދު ޝަރަން

އެންއެސްއެސްގެ މައި އިމާރާތަށް ދީފައިވާ ހަމަލަތައް -- ފޮޓޯ: އަހުމަދު ޝަރަން

ޝިރަން ކިޔައިދިން ގޮތުގައި ކަމެއް ހިނގައިފި ނަމަ އޭނާ އަދަބު ވެސް އުޅޭނީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭތޯ ނުކުމެ އެވެ. އެއީ އޭނާގެ ގޮތެވެ. އެކަން އޭނާގެ މަންމަ އަށް ރަނގަޅަށް އެނގޭތީ، އަދި މާލެ ތެރެ ހަލަބޮލިވީ ކަމަށް އޭނާގެ މަންމަ އަށް ގަބޫލު ކުރެވުމުން ބޭރަށް ފޮނުވާކަށް އޭނާގެ މަންމަ ބޭނުމެއް ނުވި އެވެ. އެހެންވެ، ޝިރަން އެ ދުވަހު ގެއިން ނުކުތީ މަންމަ ބޭރުގައި ހުރެފައި ގެއަށް ވަން ވަގުތު މަންމަ އަށް ފިލައިގެންނެވެ. ބައިސްކަލުގައި ނައްޓާލީ އެހީއެއް ވެވެން އޮތް ނަމަ ފޯރުކޮށްދޭށެވެ.

ޓެރަރިސްޓުން މާލެ ގެނައި ދުވަހު އާންމުން އެއްވެފައި -- ފޮޓޯ: އަހުމަދު ޝަރަން

ޓެރަރިސްޓުން މާލެ ގެނައި ދުވަހު އާންމުން އެއްވެފައި -- ފޮޓޯ: އަހުމަދު ޝަރަން

އެ ދުވަހު ކަރަށާއި ބުރަކައްޓަށް ބޮޑު ޒަހަމެއް ލިބިފައި ހުރި މީހަކަށް ޝިރަން އެހީވި އެވެ. އެ މީހާ އަށް ފަސްޓް އެއިޑް ދީ ލޭ މަނާކޮށް އޭނާ ހޮސްޕިޓަލަށް ގެންދަން ވެސް މަސައްކަތް ކުރި އެވެ. ސްކައުޑް ލީޑަރަކަށް ވާތީ މިފަދަ ޕްރެޝަރު ބޮޑު ހާލަތްތަކުގައި އަމަލު ކުރާނެ ގޮތާއި ފަސްޓް އެއިޑް ދޭނެ ގޮތް އޭނާ އަށް އެނގެ އެވެ.

މާލޭ ފަޅުތެރެ އަށް ދޯންޏެއް ފެތިފައި -- ފޮޓޯ: އަހުމަދު ޝަރަން

މާލޭ ފަޅުތެރެ އަށް ދޯންޏެއް ފެތިފައި -- ފޮޓޯ: އަހުމަދު ޝަރަން

"އެ ވަގުތު އަޅުގަނޑެއް ނުވިސްނަން އަޅުގަނޑުގެ ސޭފްޓީއަކާ ދޭތެރޭގައި އެއްގޮތަކަށް ވެސް. އަޅުގަނޑުގެ ވިސްނުމަކަށް ހުރީ މީހުން ސަލާމަތް ކުރުން،" ޝިރަން ކިޔައިދިނެވެ.

އެ ދުވަހު އެ މީހާއަށް ހޮސްޕިޓަލަށް ގެންދިޔަ ފަހުން ޝިރަން މަންމަ ގުޅައިގެން އޭނާ ޖެހުނީ ގެއަށް ދާށެވެ. އަދި އޭނާގެ ރައްކާތެރިކަމަށްޓަކައި އެ ދުވަހު ގެއިން ބޭރަށް ނުކުންނަން އޭނާގެ އާއިލާއިން ފުރުސަތު ނުދިނެވެ.

އެންއެސްއެސްގެ މައި އިމާރާތަށް ދީފައިވާ ހަމަލަތައް -- ފޮޓޯ: އަހުމަދު ޝަރަން

އެންއެސްއެސްގެ މައި އިމާރާތަށް ދީފައިވާ ހަމަލަތައް -- ފޮޓޯ: އަހުމަދު ޝަރަން

ޝިރަން އެހީވާން މަސައްކަތް ކުރި މީހަކު މަރުވެފައި އޮއްވާ ވެސް އޭނާއަށް ފެނުނެވެ. އެއީ އޭރު މާލޭގައި އަރަމުން ދިޔަ ޔަންގް ސްޓާ ޓީމުގެ ގޯލް ކީޕަރު ހަމީޒެވެ. ޝިރަން ކިޔައިދިން ގޮތުގައި އެއީ އޭނާއަށް އެ ދުވަހު ފެނުނު އެންމެ ހިތްދަތި އެއް މަންޒަރެވެ.

އޭނާއާ ދިމާލަށް ޓެރަރިސްޓުން ބަޑި ވެސް ދިއްކުރި އެވެ. އަދި ސަގަރޭ ޕާކު ކައިރީގައި ރަހީނު ކުރި މީހުން އެއްކުރާ ދިމާލަށް ދާން އޭނާއަށް ބަޑިން އިޝާރާތް ވެސް ކުރި އެވެ. ކަންފަތް ކައިރިން ލާފަައި ވަޒަނެއް ވެސް ދިޔަ އެވެ. އެ ވަޒަން އެރީ އޭނާ ކައިރީގައި ހުރި ފާރަކަށެވެ. އެކަމަކު، އޭނާ ފަހަތަކަށް ނުޖެހެ އެވެ.

"ކަންފަތުން މިހާރު ވެސް އެ އަޑު އިވޭ،" ޝިރަން ކިޔައިދިނެވެ.