14 ނޮވެމްބަރ 2022
ނޮވެމްބަރު 2، 1988 ވީ ބުދަ ދުވަހުގެ ރޭ ރިޔާސީ ގަނޑުވަރު، ތީމުގޭގައި އޭރުގެ ފަސްޓް ލޭޑީ ނަސްރީނާ އިބްރާހީމް ހުންނެވީ، ހަގު ދަރިކަލުން ގައްސާން މައުމޫންގެ ސްޓޭމްޕް ފޮތުގައި ހިއްޕަން ސިޓީތަކުން ސްޓޭމްޕް ނައްޓަވާށެވެ. އޭރު އެކަމަނާގެ ފިރިކަލުން، ރައީސް މައުމޫން އަބްދުލްގައްޔޫމް ހުންނެވީ ޖުމްހޫރީ ދުވަހު ދެއްވާ ތަގުރީރު ލިޔުއްވާށެވެ.
ނޮވެމްބަރު 2، 1988 ވީ ބުދަ ދުވަހުގެ ރޭ ރިޔާސީ ގަނޑުވަރު، ތީމުގޭގައި އޭރުގެ ފަސްޓް ލޭޑީ ނަސްރީނާ އިބްރާހީމް ހުންނެވީ، ހަގު ދަރިކަލުން ގައްސާން މައުމޫންގެ ސްޓޭމްޕް ފޮތުގައި ހިއްޕަން ސިޓީތަކުން ސްޓޭމްޕް ނައްޓަވާށެވެ. އޭރު އެކަމަނާގެ ފިރިކަލުން، ރައީސް މައުމޫން އަބްދުލްގައްޔޫމް ހުންނެވީ ޖުމްހޫރީ ދުވަހު ދެއްވާ ތަގުރީރު ލިޔުއްވާށެވެ.
ކުރިން ރޭވިފައި އޮތް ގޮތުން ނަމަ މައުމޫނާއި ނަސްރީނާ އޭރު ތިއްބަވާނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގަ އެވެ. އެކަމަކު މައުމޫން އާލާސްކަންފުޅާ އުޅުއްވާތީ، ރަސްމީ އެ ދަތުރުފުޅު ކެންސަލްކުރެއްވީ އެވެ. އެ ދަތުރުފުޅު ކެންސަލްވެ މާލޭގައި ހުންނެވޭ ގޮތްވުމުން ނަސްރީނާ އެރޭ އަވާހަރަފުޅުލައްވަން ވަޑައިގަތީ ހިތްޕުޅުހަމަޖެހިވަޑައިގެން ހުންނަވަ އެވެ.
އެކަމަކު، ބާރު އަޑުފަށްގަނޑެއްގެ އަޑާ އެކު، ދަންވި ފަހުން ހޭލެވުނީ ހާސްކަމެއްގެ ތެރެއަށެވެ. އެކަމަނާ ފުރަތަމަ ހީފުޅުކުރެއްވީ ގުގުރި ޖަހަނީ ކަމަށެވެ. އެއީ ބަޑީގެ އަޑުހެން ވެސް ހީފުޅުވި އެވެ. އެހެންވެ އެކަމަނާ ބެއްލެވީ އެއީ ބަޑިބޭސް ގުދަނެއްގައި ރޯވެގެން އެ އެއްޗެހި ގޮވާ އަޑު ކަމަށެވެ.
"އަޅުގަނޑު ހަނދާންވާ ގޮތުން މައުމޫން ދެން ގުޅުއްވީ ތީމުގެ ސެކިއުރިޓީގައި ތިއްބަވާ ބޭކަލުންނަށް. ދެން އަޅުގަނޑުގެ ބޭބެ އިލްޔާސް އަށް،" ނަސްރީނާ ވިދާޅުވި އެވެ.
މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރަން މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ނަސްރީނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އެމްއާާރުއެމް
ސިފައިންގޭގެ ވެރިޔާގެ ނާއިބް އަދި އޭރުގެ ޑިފެންސް މިނިސްޓަރު އިލްޔާސް އިބްރާހިމް ދެއްކެވި ވާހަކައިން ވެގެންއުޅޭ ގޮތް މައުމޫނަށް ސާފުވެވަޑައިގަތެވެ. މާލެ އަށް ބަޔަކު އަރައި ހަމަލާ ދެނީ އެވެ. އެއީ ދިވެހިންގެ ބަޔަކު އިސްވެ ތިބެ ސްރީ ލަންކާގެ ތަމަޅަ ހަނގުރާމަވެރިން ގޮވައިގެން މާލެ އަރައި ދިން މަޝްހޫރު ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ އެވެ.
އެ މީހުންގެ އަމާޒަކީ ސަރުކާރު ވައްޓާލައި ރާއްޖޭގެ ވެރިކަމަށް އިސްވުމެވެ. އެކަމަކު މައުމޫން ރަށުގައި ނޫޅުއްވާ ކަމަށް ހީކޮށް އެ މީހުން ތީމުގެއާ ދިމާލަކަށް ނުދިޔަ އެވެ. ބަދަލުގައި ދިޔައީ އިލްޔާސް ހައްޔަރުކުރަން މއ. ކިނބިގަސްދޮށުގެ އަށެވެ. އިލްޔާސް ފޯނު ކަނޑުއްވާލެއްވީ، އެ ބަޔަކު އެގޭ ދޮށަށް އައުމުންނެވެ. އެކަމަކު ބޭބޭފުޅު ނުރައްކަލުގެ ތެރޭގައި ހުންނެވި ކަމެއް، ނަސްރީނާ ގާތު މައުމޫން ވިދާޅެއް ނުވެ އެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަން، މައުމޫންގެ ޕާޓީ ކަމަށްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ނަސްރީނާ ވަނީ އެ ދުވަހުގެ ހަނދާންތައް އާކުރައްވައިފަ އެވެ.
Nasruge Dhuvahuge khaassa Jalsa https://t.co/2csgI8789v
— Maldives Reform Movement (MRM) ?? (@MRM_Office) November 9, 2022
މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުން އެމްއާރުއެމުން ބޭއްވި ޖަލްސާ
ޕޯޑިއަމަކަށް ހުއްޓިވަޑައިގެން މުޅި އަލަށް ކަހަލަ ގޮތަކަށް ވާހަކަފުޅު ދެއްކެވި ނަސްރީނާ ވިދާޅުވި ގޮތުގައި، އެކަމަނާގެ ބޭނުމަކީ އެ ދުވަހު ކުރެވުނު ތަޖުރިބާ އާއި އިހުސާސްތައް ތާރީހަށްޓަކައި ބަޔާންކޮށްދިނުމެވެ. އޭރު ރާއްޖޭގެ ވެރިޔަކަށް ހުންނެވި ބޭފުޅާގެ އެންމެ އަރިހުގައި ހުންނެވި މީހެއްގެ ހައިސިއްޔަތުންނެވެ.
އިލްޔާސް ދެއްވި މެސެޖާ އެކު، މައުމޫން ނިންމެވީ ތީމުގެއިން ނުކުންނަވާށެވެ. އެކަމަށްޓަކައި ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް، މައުމޫންގެ އިސް މުވައްޒަފު އާދަމް ނައީމް (އޭއެމްޑީސީ ނައީމް) ވަޑައިގެން ދެއްވި ލަފަޔާ އެއްގޮތަށް ކާރު ބާއްވަވާފައި ނިންމެވީ ހިންގަވާފައި ވަޑައިގަންނަވާށެވެ.
މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރަން މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި، ނޮވެމްބަރު 3، 1988 ގައި ޝަހީދުވި މީހުންގެ މައްޗަށް ދުއާ ކުރަނީ.---ފޮޓޯ: އެމްއާާރުއެމް
އެ ބޭފުޅުން މިސްރާބު ޖެއްސެވީ މ. ހުދުއަސުރުމާގެ އަށެވެ. އާދަމް ނައީމުގެ ޖަޑިބުކަމުގައި އެ ގެޔަށް ވަޑައިގެންނެވީ މައުމޫނާއި ނަސްރީނާ އާއި ގައްސާނުގެ އިތުރުން ނަސްރީނާ ގެންގުޅުއްވާ ތިމާގެ ކުއްޖަކާއި އެގޭ އެހީތެރިޔަކާއި ސެކިއުރިޓީ އޮފިސަރެކެވެ.
"ތީމުގެ ވަލުދޮރާށި ކުރިމަތީގައި އޮންނަ ގޯޅި، ފުއްކަފަގޯޅިން ހިނގާފައި ގޮސް ތާނގީދޮށުގޭ މަގު ހުރަސްކުރިއިރު، އެ މަގުގެ އުތުރަށް އޮންނަ ހަވީރީހިނގުމުގައި ސޯޓުބުރި ލައިގެން ބަޑި ހިފައިގެން ތިބި ދެ މީހަކު ފެނުނުހެން ހީވި،" ނަސްރީނާ ވިދާޅުވި އެވެ.
އެއާ އެކު ވަގުތުން ނަސްރީނާ، ފިރިކަލުން މައުމޫންގެ ކުރިމައްޗަށް ވަޑައިގެންނެވި އެވެ. މައުމޫންގެ ހިމާޔަތުގަ އެވެ. އެ މަންޒަރު ފެނި އުމުރުން 8 އަހަރުގެ ގައްސާން އެ ދެބޭފުޅުންގެ ކުރިމައްޗަށް އެރި އެވެ. ނަސީބަކުން، ތަމަޅަ ހަނގުރާމަވެރިޔާ އަށް އެބޭފުޅުން ނުފެނުނެވެ.
ދެން ކުރިމަތިވީ އިތުރު ހާސްކަމަކާ އެވެ. ހުދުއަސުރުމާގޭ ދޮރު ހުރީ ތަޅުލައިފަ އެވެ. އެހެންވެ ނިންމެވީ އެހެން ގެޔަކަށް ދާށެވެ. އެއީ ނަސްރީނާގެ އާއިލީ ގިނަ ބަޔަކު ދިރިއުޅޭ ހިސާބަކަށް ވާތީ ކޮންމެ ގެޔަކުން ވެސް މަރުހަބާ ކިޔާނެކަން ނަސްރީނާ އަށް ޔަގީންކުރެއްވުނެވެ.
އެހެންވެ ޖެހިގެން ހުރި ގުލިސްތާނު ގެއަށް ވަޑައިގެންނެވި އެވެ. އެއީ ގައްސާންގެ ބެސްޓްފްރެންޑުގެ ގެޔެވެ. އަދި ނަސްރީނާ ވިދާޅުވި ގޮތުގައި އެއީ އެކަމާގެ މަންމާފުޅު ވެސް އުޅުއްވި ގެއެވެ. އެހެންވެ އޭނާ ދުވެފައި ގޮސް ބަދިގެ ފަރާތުން އެ ގެޔަށް ވަނެވެ. އެ ވަގުތު މުޅި ސަރަހައްދުން ކަރަންޓު ކެނޑުނެވެ. އަދި އެ ވަގުތު އިވިއިވި ހުރި ފަތިސް ނަމާދު ބަންގީގެ އަޑު ވެސް ކެނޑުނެވެ.
"އެއީ އަޅުގަނޑު ވަރަށް ދެރަވި ވަގުތެއް،" ނަސްރީނާ ވިދާޅުވި އެވެ.
އޭރު ގުލިސްތާނުގޭ ހަދީޖާ ދޮރު ހުޅުވައި އެ ބޭފުޅުން އެތެރެއަށް ވެއްދި އެވެ. ނަސްރީނާ އެންމެ ފުރަތަމަ ވެސް އެދުނީ ދަތް އުނގުޅާނެ ބުރުހެއް ދިނުމަށެވެ.
"އަޅުގަނޑު ދެންނެވިން ދަތް ނޫނގުޅާ ހުރެ މަރުވާން އުނދަގޫވާނެއޭ،" ނަސްރީނާ ވިދާޅުވި އެވެ.
މައުމޫން ފުރަތަމަ ވެސް އެގޭ މޭޒެއްގެ ދޮށުގައި އިށީންނަވައި ފޯނު ކުރައްވަން ފެށްޓެވީ އެވެ.
އޭރު ނަސްރީނާގެ ހިތްޕުޅަށް އުނދަގޫކުރަމުން ދިޔައީ ބޭރުގައި ކިޔަވަން ތިއްބެވި ދުންޔާ މައުމޫނާއި ޔުމްނާ މައުމޫނާއި ފާރިސް މައުމޫނަށް މި ހަބަރު ލިބުމުން ވާނެ ދެރަ އެވެ.
"އެ ވަގުތަކީ ބަޑީގެ އަޑު ކަނޑައިގެން ނުގޮސް އިވެމުން ދިޔަ ވަގުތެއް. އަދި ބޮން ކަހަލަ އެއްޗެހި ގޮއްވަމުން ދިޔަ އަޑު ވެސް އިވުނު."
ބޭރުގައި ތިއްބެވި ބޭފުޅުންނާ ދެން ބައްދަލުނުވެދާނެ ކަމަށް ހީފުޅުވުމުން ނަސްރީނާ ބޭނުންފުޅުވީ އެ ކުދިންނަށް ސިޓީއެއް ލިޔެފައި ބާއްވާށެވެ. އެކަމަނާ ބޭނުންފުޅުވީ އެ ކުދިންގެ ދެކެ ލޯބިވާވަރާއި އެ ކުދިންގެ ފަރާތުން ހިތްހަމަޖެހުމާއި އުފާ ނޫނީ ލިބިފައިނުވާ ކަން ބަޔާންކުރާށެވެ.
އެކަމަކު މައުމޫން އެދިވަޑައިގަތީ އެކަން ނުކުރެއްވުމަށެވެ.
"އެކަން ހުއްޓާލިޔަސް އަޅުގަނޑު ހިތަށް އަރަމުން ދިޔަ، އަޅުގަނޑު ކަހަލަ ކިތައް މަންމައިން އެ މީހުންގެ ކުދިންގެ ހަބަރެއް ނުވެގެން ކަންބޮޑުވެފައި ތިބޭނެއޭ،" ނަސްރީނާ ވިދާޅުވި އެވެ.
ގުލިސްތާނުގޭގައި އޭރު ތިބީ ހުސް އަންހެނުންނާއި ކުޑަކުދިންނެވެ. އެކަމަކު ސަލާމަތީ ގޮތުން ބަލާއިރު އެންމެ ނުރައްކާ އޮތް އާއިލާ އަށް އެ ގެއިން މަރުހަބާ ކިޔުމުން އެގޭ ބޭފުޅުންގެ ހިތްވަރުގަދަކަން ސާބިތުވި ކަމަށް ނަސްރީނާ ވިދާޅުވި އެވެ.
އޭރު އެގޭ ހަދީޖާގެ ކޮއްކޮ އަލިމަނިކު ގެންދިޔައީ ބޭރަށް ނުކުންނަވައި، ހަބަރުތައް ގެނެސްދެމުންނެވެ. އޭނާގެ ފަރާތުން ނަސްރީނާ އަށް އެނގިވަޑައިގަތީ ބޭރުގެ ބަޔަކު އަރައިގެން ސިފައިންގެއަށް ހަމަލާދެމުން ދިޔަ ކަމާއި މީހުން މަރުވެ މަގުމައްޗަށް ވެއްޓެމުން ދިޔަ ކަމާއި ޓެރަރިސްޓުން މާލެ ތެރޭގައި އުޅޭ ކަމުގެ ހަބަރެވެ.
"އަލި މަނިކު އެއްވެސް ބިރެއް ނެތި ދޭތެރެ ދޭތެރެއިން ރަށުތެރެ ބަލައި ހަބަރުތައް ގެނެސްދެއްވަމުން ގެންދެވި،" ނަސްރީނާ ވިދާޅުވި އެވެ.
އަޅުގަނޑު ބޭނުމެއް ނުވި އެނދު ތަންދޮށަށް ވަދެ ފިލާފައި އޮއްވާ ބަޔަކު އައިސް އަޅުގަނޑު ނެރެގެން ގެންދާކަށް --- ނަސްރީނާ
އެކަމަނާ ވިދާޅުވީ އެ ދުވަހު ހެނދުނު ހަތެއް ޖަހާކަށް ހާއިރު، އެ ގޭގެ ފުރާޅުމަތީގައި ބަޔަކު އުޅޭހެން ހީވެގެން ބިރުން ނުކުމެ ބަލައިއިރު އެެއީ އެ ބޭފުޅުންގެ ސެކިއުރިޓީ ބަލަހައްޓަން ގޯންޏެއްގައި ހަތިޔާރު ހިފައިގެން ގޮސް ތިބި ސިފައިގެން ދެ މީހުން ކަމަށެވެ.
"މިއީ އޭރު ލިޔެފައި ނިމިފައި އޮތް ވާހަކައެއް ނޫން. ނިމޭނެ ގޮތެއް އެކަކަށް ވެސް ނޭނގޭ. އެކަމަކު ކޮންމެ މީހަކު ވެސް ދިމާވަމުން ދިޔަ ކަންތައްތަކާ ކުރިމަތިލަމުން ދިޔައީ ތައުރީފުކުރުން ހައްގުވާ ފަދަ ގޮތްގޮތަށް،" ނަސްރީނާ ވިދާޅުވި އެވެ.
ނަސްރީނާ އަށް ކިރިޔާ ވެސް ހިތްހަމަޖެހުމެއް ލިބިވަޑައިގަތީ ބޭބޭފުޅު އިލްޔާސް ސަލާމަތުން ހުންނެވިކަމުގެ ހަބަރު އެ ދުވަހުގެ މެންދުރު ލިބިވަޑައިގަތުމުންނެވެ. އިލްޔާސް ބަލައި ހަނގުރާމަވެރިން ދިޔަކަން މައުމޫން، ނަސްރީނާ ގާތު ވިދާޅުނުވި ނަމަވެސް، ސިފައިންގޭގެ އިސްވެރިއަކަށް ވާތީ ބޭބެ އަށް ނުރައްކާ އޮންނާނެކަން ނަސްރީނާ އަށް އެނގިވަޑައިގަނެ އެވެ.
ހަނގުރާމަވެރިން ދެންމެ ދެންމެ އެގެޔަށް ވަދެދާނެހެން ހީވި ދަނޑިވަޅުތައް ދިޔަ އެވެ. އެހެންވެ ނަސްރީނާ ނިންމެވީ ހެދުން ބަދަލުކުރައްވާށެވެ. އޭރު އެކަމަނާ އާއްމުކޮށް ތުރުކުރައްވަނީ ހައުސްކޯޓެވެ. އެހެންވެ ހަދީޖާ އަތުން ބްލައުޒަކާއި ސްކާޓެއް ހޯއްދަވައި ތުރުކުރެއްވެވި އެވެ.
"އަޅުގަނޑު ބޭނުމެއް ނުވި އެނދު ތަންދޮށަށް ވަދެ ފިލާފައި އޮއްވާ ބަޔަކު އައިސް އަޅުގަނޑު ނެރެގެން ގެންދަން،" ނަސްރީނާ ވިދާޅުވި އެވެ.
ނަސްރީނާ ދެން އެންމެ ބޮޑަށް ކަންބޮޑުވީ ދަރިކަލުން ގައްސާން ބިރުން އުޅުއްވާތީވެ އެވެ. އެގޭގައި އުޅޭ ގައްސާންގެ ބެސްޓް ފްރެންޑް މަހްސޫންއާ އެކު ދޮރު ހުޅުވައި ބޭރު ބަލާލާފައި އައިސް "އައްތާން ބިރުގަންނަނީ" އޭ ގައްސާން ބުނެ އެވެ.
"އަޅުގަނޑު ގައްސާންގައިގައި ބައްދާލާފައި ބުނިން ބޮޑު ވަރަކަށް ވެސް މަރެއް ނޫންހޭ ވާނީ،" ނަސްރީނާ ވިދާޅުވި އެވެ.
އެގޮތުގައި ދަނިކޮށް އިރު އޮއްސިއްޖެ އެވެ. ކަރަންޓު ނެތުމުން އަލިކަމަށް ބޭނުންކުރީ ފުޅިބައްތި އެވެ. އެކަމަކު އިރުއޮއްސުމާ އެކު ބަޑީގެ އަޑު ކެނޑިއްޖެ އެވެ. އެއީ ހިތްހަމަޖެހުމެކެވެ. އެހެންވިޔަސް ބަންގީގެ އަޑު ނީވޭތީ ނަސްރީނާ ދެރަފުޅުވި އެވެ.
"އެއީ އަޅުގަނޑުމެންގެ އިސްލާމީ ތާރީހުގައި ވެސް ބަންގި ނުގޮވާ ދިޔަ ހަމައެކަނި ދުވަސް،" ނަސްރީނާ ވިދާޅުވި އެވެ.
އެރޭ 9 ޖެހިއިރު މަތިންދާބޯޓެއްގެ އަޑު އިވުނެވެ. އެއީ އިންޑިއާ ސިފައިންގެ ޖެޓެކެވެ. ހުޅުލެ ފޭބުމާ އެކު އިންޑިއާ ފައުޖުގެ ކޮމާންޑަރު ގުލިސްތާނުގެއަށް ގުޅުއްވައި މައުމޫނަށް ދެންނެވީ ހުޅުލެ ސެކުއާކޮށްފައިވާ ކަމަށާއި އެތަނަށް ވަޑައިގަތުމަށެވެ. އެކަމަކު މާލެ ތެރޭގައި ހަނގުރާމަވެރިން ފިލާ ތިބެދާނެތީ ހުޅުލެއަށް ވަޑައިގަންނަވަން މައުމޫން ބޭނުންފުޅެއް ނުވި އެވެ.
ކުރީގެ ރައީސް މައުމޫން ކާރުކޮޅަށް އަރާވަޑައިގަންނަވާއިރު ދަރިކަލުން ޣައްސާނާއި ފާރިސް އަރިހުގައި: ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާ އެންމެ ގާތުން ތަޖުރިބާ ކުރެއްވި އެއް ބޭފުޅަކީ ޣައްސާން.
ބަޑީގެ އަޑު ކެނޑުމާއި އިންޑިއާ ސިފައިން އައުމާ އެކު ލިބުނު ކުޑަކުޑަ ތަސައްލީއާ އެކު، ނަސްރީނާ އަށް ނިދިކުރެއްވުނެވެ. ހޭފުޅުލެއްވުނީ އެރޭ ފަތިހު އިންޑިއާ ސިފައިންގެ ކޮމާންޑަރު އެގެއަށް ވަޑައިގެން މައުމޫނާ ވާހަކަދައްކަވަން ހުންނަވަނިކޮށެވެ.
އެއީ އޭގެ ކުރީ ދުވަހު ގުލިސްތާނު ގެޔަށް ވަޑައިގެން އެގޭ މޭޒުދޮށުގައި މައުމޫން އިށީންނެވި ގޮތަށް، ޒަރޫރީ ކަންކަމުގައި އާއި ނަމާދުކުރައްވަން ނޫން ގޮތަކަށް މައުމޫން ތެދުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
އިންޑިއާ ކޮމާންޑަރުގެ އެދުމާ އެކު، މައުމޫން އާއި ނަސްރީނާ އަދި ގައްސާން ސިފައިންގެ ވަޑައިގަންނަވަން ނުކުމެވަޑައިގަތެވެ. އެ ވަގުތު ނަސްރީނާ އެދިވަޑައިގަތީ ކައިރީގައި ހުރި ޒިޔާރަތް މިސްކިތުގައި ބަންގި ގޮވުމަށެވެ.
އަދި އިންޑިއާ ސިފައިން ހަތިޔާރާ އެކު ވަށައިތިބި ކާރެއްގައި އެ ބޭފުޅުން ސިފައިންގެ އަށް ވަޑައިގަތެވެ. އެތަނުން ލިބިވަޑައިގަތީ ހިތާމަވެރި ހަބަރެކެވެ. އެ އާއިލާގެ ސެކިއުރިޓީ ކަންކަން ބަލަހައްޓަވާ ޝޭޑީ އާދަމް ނަސީރު ޝަހީދުވިކަމުގެ ހިތާމަވެރި ހަބަރެވެ. ދެން ފެނިވަޑައިގަތީ ބޭބެ އިލްޔާހެވެ. އެމަނިކުފާނު ހުންނެވީ އަތާއި ފައި ބެންޑޭޖްކުރެވި ފުރޮޅުލީ ގޮނޑިއެއްގަ އެވެ.
"ވަރަށް ރުއިން އެ ވަގުތު،" ނަސްރީނާ ވިދާޅުވި އެވެ.
އޭރު ބޯކޮށް ވާރޭ ވެހެން ފަށައިފި އެވެ.
"އަޅުގަނޑު ހިތަށް އެރީ މާލޭގެ ބިމަށް އޮހޮރުނު ލޭތައް ސާފުވަނީއޭ އެ،" ނަސްރީނާ ވިދާޅުވި އެވެ.
އިނގިރޭސި ލިޔުންތެރިޔާ ރޮއިސްޓަން އެލިސް 1998 ވަނަ އަހަރު ލިޔުއްވި މައުމޫންގެ ބަޔޯގްރަފީ އަށް ދެއްވި އިންޓަވިއު އަށް ފަހު، ނަސްރީނާ ނޮވެމްބަރު ތިނެއްގެ ވާހަކަތައް މި ދެއްކެވީ އަލަށެވެ. އެކަމަނާ ވިދާޅުވީ ބޭނުމަކީ، އެ ދުވަހު ދިވެހި އަބުތާލުންވީ ގުރުބާނީގެ ހަނދާން އާކުރުން ކަމަށެވެ.
"އެކަން ހަނދާނުގައި ނުބަހައްޓައިފި ނަމަ، އެއީ އަބުތާލުންނާއި މުޅި ގައުމަށް ވެސް ވެވޭ ވަރަށް ބޮޑު އިހާނާތެއް،" ނަސްރީނާ ވިދާޅުވި އެވެ
މައުމޫނާއި ނަސްރީނާ ނޮވެމްބަރު 3 ގެ ހަނދާންތަކާ އެކު
"ކުއްލި ނުރައްކަލަށް ދިވެހިން ތިބެން ޖެހޭނީ ހޭލާ"
ނޮވެމްބަރު ތިނެއް، ނަޝީދުގެ ތައުރީފު ސިފައިންނަށް
"އަމިއްލަ ވެރިކަމެއްގެ ނިއުމަތް ދޫކޮށްލައިގެން ނުވާނެ"
ނޮވެމްބަރު ތިނަކާ ގުޅިގެން އުމަރުގެ ތައުރީފް މައުމޫނަށް
ތޯރިގު އަނެއްކާވެސް ޕީޕީއެމް ޕޯޑިއަމަށް!
ނަޝީދާ އެކު އުޅެން މައުމޫން ލަދު ގަންނަން ޖެހޭ:ނިހާން
ނޮވެމްބަރު 3ގެ އަނެއް ފަރާތް: އޮޕަރޭޝަން ކެކްޓަސް 1
މި ފަހަރުގެ ނަސްރުގެ ދުވަސް ތާރީހުން ޖާގަ ހޯދައިފި
ނަސްރީނާ ދެކެ ވާ ލޯބިން އެހެންދިމާއަކަށް ނުބައްލަވާ