Roadha Mihaaru
ރަނގަޅަށް އިރު ނާރަނީސް ބާޣީން ބަލިވެ ދުވީ ފިލަން

ރަނގަޅަށް އިރު ނާރަނީސް ބާޣީން ބަލިވެ ދުވީ ފިލަން

03 ނޮވެމްބަރ 2022

މީގެ 34 އަހަރު ކުރިން މި ދުވަހެވެ. އެއީ ވެސް ބުރާސްފަތި ދުވަހެކެވެ. ފަތިހު ހަތަރެއް ޖެހިތަނާ ސްރީ ލަންކާގެ ދެ މަސްބޯޓުގައި ޓެރަރިސްޓް ހަނގުރާމަވެރިން ގޮވައިގެން ދިވެހިންގެ ބަޔަކު ހަތިޔާރާ އެކު މާލެ އެރީ ދެތިން އުންޑަ ޖަހާލައިގެން ސިފައިންގެ ހިފައި ރާއްޖޭގެ ވެރިކަން ބަދަލުކޮށްލެވޭނެ ކަމުގެ ޔަގީންކަމާ އެކުގަ އެވެ. އެކަމަކު އެ މީހުން ހީކުރި ގޮތަށް އެއްވެސް ކަމެއް ނުވި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މީގެ 34 އަހަރު ކުރިން މި ދުވަހެވެ. އެއީ ވެސް ބުރާސްފަތި ދުވަހެކެވެ. ފަތިހު ހަތަރެއް ޖެހިތަނާ ސްރީ ލަންކާގެ ދެ މަސްބޯޓުގައި ޓެރަރިސްޓް ހަނގުރާމަވެރިން ގޮވައިގެން ދިވެހިންގެ ބަޔަކު ހަތިޔާރާ އެކު މާލެ އެރީ ދެތިން އުންޑަ ޖަހާލައިގެން ސިފައިންގެ ހިފައި ރާއްޖޭގެ ވެރިކަން ބަދަލުކޮށްލެވޭނެ ކަމުގެ ޔަގީންކަމާ އެކުގަ އެވެ. އެކަމަކު އެ މީހުން ހީކުރި ގޮތަށް އެއްވެސް ކަމެއް ނުވި އެވެ.

ސްރީ ލަންކާގައި ތަމަޅައިންނަށް ވަކި ދައުލަތެއް އުފައްދަން ކަމަށް ބުނެ އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ހަތިޔާރު ނަގައިގެން އުޅުނު ގްރޫޕްތަކުގެ ތެރޭގައި ހިމެނޭ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ގެ ހަނގުރާމަވެރިންނާ އެކު ނޮވެމްބަރު 3، 1988 ގެ ފަތިހު ހާޖަރާގޭ އަބްދުﷲ ލުތުފީ މާލެއަށް ފޭބި ގޮތަށް ވެސް ބުއީ ބޮނޑިއެކެވެ.

މި ހަމަލާ ރޭވިގެން އައި ގޮތާއި ހީނުކުރާ އެތައް ކަމެއް ދިމާވެ ނާކާމިޔާބީއާ ކުރިމަތިވި ގޮތް ޕްލޯޓްގެ ކުރީގެ ތަރުޖަމާނެއް ކަމަށްވާ ސްކަންދާ، ލަންކާގެ ޑެއިލީ މިރާ ނޫހަށް 2015 ވަނަ އަހަރު ކިޔައިދެމުން ބުނި ގޮތުގައި ބަނދަރުން ޖާގައެއް ނުލިބިގެން ހަނގުރާމަވެރިންގެ ދެ ބޯޓު އުުޅުމަށް ފަހު ފުރަތަމަ ކައިރިކުރީ ލުތުފީ އާއި ޕްލޯޓްގެ ލީޑަރެއް ކަމަށްވާ ވަސަންތީ ހުރި ބޯޓެވެ.

ރޭވި ގޮތަށް އެއް ކަމެއް ވެސް ނުވި

ހަނގުރާމައަށް ޔޫރަޕްގެ ގައުމަކުން ގަތް ބޯޓް އިންޝޫރެންސް ފައިސާގެ މައްސަލައެއްގައި އަތުލުމުން، ފޭރިގަނެގެން ދެ މަސް ބޯޓުގައި ދަތުރުކުރަން ޖެހި ދަތުރު ދިގުވި ހިސާބުން ވެސް އޮތީ ކަންފަިކަން ކަންކަން ގޯސްވެފަ އެވެ. ނޮވެމްބަރު 2 ގައި މާލެ އަރަން އޮކްޓޫބަރު 30 ގެ މެންދަމު ފެށި ދަތުރުގައި ކަނޑު ގަދަވެ ހޮޑުލައި ވާތާވެފައި ތިބި ހަނގުރާމަވެރިން ލުތުފީ އާ އެކު މާލެ ފުންމާލި ވަގުތު ބަނދަރުމަތިން ސިފައިންގެ މީހަކާއި އިމިގްރޭޝަންގެ ބަޔަކު ފެނުނެވެ. މާ ނޫން ވަގުތަކު މާލެއަށް ފައިބަނީ ކޮން ބައެއްތޯ ބަލަން މި މީހުން އުޅުމާ އެކު ހަނގުރާމަވެރިންގެ މީހަކު ސިހިފައި އެ މީހުންނަށް ދިމާލަށް ބަޑިޖެހީ އެވެ.

އޭރުގެ ހާލަތު އޮތް ގޮތުން ނަމަ ހަނގުރާމައެއް ކުރަން ޖެހިދާނެ ކަމަށް ހިތަށް ވެސް ނާރައި، ސިފައިންގޭގައި ކަމެއް ނެތިފައި ތިބި ސިފައިންނަށް ލިބުނު ފުރަތަމަ ސިގްނަލަކަށްވީ އެވަގުތު ނިދާ މަރުވެފައި އޮތް މާލޭގެ ހިމޭންކަން ނަގާލި މި އުންޑަތަކެވެ. - ހަނގުރާމައިގެ ފަހުން އެނގުނު ގޮތުގައި ސިފައިން ގޭޓުގައި ފޯރިއަށް ހުރެ ހަނގުރާމަވެރިންނާ ކުރިމަތިލައި ޝަހީދުވި ހުސައިން އާދަމް އިސްވެ ރައްދު ހަމަލާ އެހާ އަވަހަށް ދޭން މެދުވެރިވި ބޮޑު ސަބަބަކީ ލުތުފީގެ ޓީމުން މާލެ ފޭބި ގޮތަށް ޖެހި އުންޑަތަކުގެ އަޑު އިވި ސަމާލުވާން އެނގުމެވެ.

ޕްލޯޓްގެ ހަނގުރާމަވެރިޔަކު ހައްޔަރުކޮށްގެން ގެންނަނީ

ޕްލޯޓްގެ ހަނގުރާމަވެރިޔަކު ހައްޔަރުކޮށްގެން ގެންނަނީ

ކަމެއް ވާން އުޅޭ ކަމުގެ ހިލަމެއް ނުވެ ތިއްބާ އެލާޓް ކުރުވި ބަޑީގެ ހަމަލާގެ ކުރިން ވެސް އެންމެ މުހިންމު ވަސީލަތް ހަނގުރާމަވެރިންނަށް ގެއްލުނެވެ. ބޯޓުން ފޭބި ވަގުތު، އެ މީހުން ގެންގުޅުނު ހަމައެކަނި މުއާސަލާތީ ސެޓް މޫދަށް ވެއްޓި ހަލާކުވީ އެވެ. އޭރު ފަޅަށް ނުވަދެވިގެން އުޅުނު ބޯޓާ ވެސް އެ ހިސާބުން ގުޅުން ކެނޑުނީ އެވެ. ލަންކާގައި ތިބި ޕްލޯޓްގެ ލީޑަރުންނާ ގުޅޭނެ ގޮތެއް ވެސް ނެތެވެ.

ފުރަތަމަ މަރުވި މީހުންގެ ތެރޭ "ހަމަލާގެ ސިކުނޑި"

ސްކަންދާ ބުނި ގޮތުގައި ދިވެހި ސިފައިންގެ ފަރާތުން އައި ހީނުކުރާ ފަދަ ކުއްލި ހަމަލާގައި ފުރަތަމަ މަރުވި މީހުންގެ ތެރޭގައި ވަސަންތީ ހިމެނުމަކީ ލިބުނު ބޮޑު ގެއްލުމެކެވެ. އޭނާ ބުނި ގޮތުގައި އެއީ މުޅި ހަމަލާގެ ޕްލޭން އެނގޭ މީހާ އެވެ. ސިފައިންގެ ހިފުން ހަވާލުވެފައި އޮތް ވަސަންތީގެ ގްރޫޕަށް ކުރެވުނުހާ ވެސް ކަމަކީ ސިފައިން ތެރެއިން މީހުން ނުކުތަ ނުދީ ހިފަހައްޓާލުމެވެ.

ސްކަންދާ ބުނެފައިވާ ގޮތުގައި މުޅި ހަމަލާ ރޭވީ އުމާ މަހޭޝްވަރަން އާއި ލުތުފީ އާއި އިސް ދެ ހަނގުރާމަވެރިން ކަމަށްވާ ވަސަންތީ އާއި ފާރޫގެވެ.

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން ޓެރަރިސްޓް ހަމަލާގައި ސިފައިންގެ ތެރެއަށް ވަންނަން ދިޔަ ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓެއް ކަމަށްވާ ވަސަންތީ ބަޑިޖަހައި މަރާލާފައި.

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން ޓެރަރިސްޓް ހަމަލާގައި ސިފައިންގެ ތެރެއަށް ވަންނަން ދިޔަ ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓެއް ކަމަށްވާ ވަސަންތީ ބަޑިޖަހައި މަރާލާފައި.

ފަޅަށް ނުވަދެވިގެން އުޅުނު ދެ ވަނަ ބޯޓުގައި އިސްކޮށް ހުރީ ބާބޫ އެވެ. އޭނާ އަށް ހަވާލުވެފައި އޮތީ ޓެލޮމިއުނިކޭޝަން އާއި ރޭޑިއޯ ސްޓޭޝަން ހިފުމެވެ. ބާބޫ އޭނާގެ ބޯޓުގައި ޕީޓަ ނަމަކަށް ކިޔާ ހަނގުރާމަވެރިޔަކު އެކަނި ބަހައްޓައި، މުއާސަލާތީ ކަންކަން އޭނާއާ ހަވާލުކޮށްފައި ފޭބި އިރު ވެސް ވަސަންތީގެ ދުވަސް ހިނގައްޖެ އެވެ. ބާބޫ ދިޔަ ދެ އިމާރާތް ވެސް ހުރީ ބަންދު ދުވަހަކަށް ވާތީ ތަޅުލައިފަ އެވެ. އެ ދެ ތަނުގައި ހުރި ދަގަނޑު ދޮރުތައް އެ މީހުން އަތުގައި ހުރި ހަތިޔާރުން ވައްޓައެއް ނުލެވުނެވެ. ބާބޫގެ ޓީމުން ކޮމިއުނިކޭޝަން ހުންނާނީ މުޅި މާލެއިން ކަނޑާލާފައި ކަމަށް ބަލައި ފާރޫގުގެ ގްރޫޕުން އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޑިފެންސް މިނިސްޓަރު އިލްޔާސް އިބްރާހިމް ހޯދަން މަސައްކަތް ފެށި އެވެ.

މުއާސަލާތީ ހިދުމަތް ކަނޑާނުލާ ހުރުމާ އެކު، މައުމޫން ވެސް ފިއްލަވައިގެން އެހެން ގެޔަކަށް ވަޑައިގެން އެ ގޭގައި ހުންނަވައިގެން އިންޑިއާ، އެމެރިކާ، އިނގިރޭސި ވިލާތް އަދި ސްރީ ލަންކާގެ އެހީ އަށް އެދިވަޑައިގަތެވެ.

ހަތަރު ގަޑިއިރު ނުވަނީސް ބަލިވެ ފިލަން ދުވި

ހަނގުރާމައަށް އައި މީހުންގެ ތެރޭގައި ހިމެނުނު މީހެއް ކަމަށްވާ ރަަހަވަން ކިޔާ މީހަކު ޑެއިލީ މިރާ އަށް ކިޔައިދީފައިވާ ގޮތުގައި ހެނދުނު 7:30 ހާއިރު، ފޯޅަވަހީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުން އައި ބޯޓެއް މާލެ ވަށައިގެން ދުއްވި އެވެ. އެއީ ރާއްޖެއަށް ގައުމަކުން އެ ދުވަހު ދިން ފުރަތަމަ އިޖާބަ ކަމަށް އޭނާ ބުނެފައިވެ އެވެ.

ރަހަވަން ބުނީ އޭނާ އާއި ފާރޫގަށް އެ ހިސާބުން މުޅި މިޝަން ފެއިލް ވެއްޖެކަން އެނގުނު ކަމަށެވެ. ލުތުފީގެ ގްރޫޕަށް ވުރެ ވެސް ފަހުން މާލެއަށް ފޭބުނު މި މީހުން އެ ހިސާބުން ދެން މަސައްކަތް ފެށީ ފިލައިގެން ދާނެ ގޮތެއް ހޯދުމަށެވެ. އެކަމަކު އެ ގޮތެއް ވެސް ނޭނގުނެވެ. ނާކާމިޔާބު ވެއްޖެ ނަމަ ފިލައިގެން ދާނެ ގޮތެއް ވަސަންތީ ބުނެފައެއް ނުވެ އެވެ.

"އަހަރެމެން ބަންދުވީ،" ރަހަވަން ބުންޏެވެ. "މުއާސަލާތު ކުރެވޭނެ ގޮތެއް ނެތް. 80 ހަނގުރާމަވެރިންނާ އެކު އެނބުރި ދެވޭކަށް ނެތް."

ރާއްޖެއަށް ދިން ހަމަލާގެ މޭސްތިރިޔާ އަބްދުﷲ ލުތުފީ ހައްޔަރުކޮށް ކަމު ބަނދެފައި

ރާއްޖެއަށް ދިން ހަމަލާގެ މޭސްތިރިޔާ އަބްދުﷲ ލުތުފީ ހައްޔަރުކޮށް ކަމު ބަނދެފައި

ކުރީގެ ތަރުޖަމާނު ބުނި ގޮތުގައި އެ ހިސާބުން ދެން ޖެހުނީ އިމަޖެންސީ ޕްލޭނެއް ހަދާށެވެ. އެއްބަޔަކު ބަނދަރުމައްޗަށް ގޮސް ބޯޓެއް ހޯދަން މަސައްކަތް ފެށި އިރު އަނެއް ބަޔަކު މާލެ ތެރެއަށް ގޮސް، ރަހީނުކޮށްގެން ބޯޓުގައި ގެންދާނެ ބަޔަކު ހޯދަން މަސައްކަތް ފެށީ އެވެ.

"އިންޑިއާ ސިފައިންގެ ފުރަތަމަ ބޯޓު ޖެއްސީ އިރުއޮއްސި ހައެއް ޖަހަނިކޮށް،" ރަހަވަން ކިޔައިދިނެވެ. "އަހަރެމެންނަށް ދެން އެނގިއްޖެ ހަނގުރާމައަށް އައި އެންމެން ގޮވައިގެން އަވަހަށް ދާންވީކަން. ޖެހިގެން އައި ދެ ގަޑިއިރު ތެރޭ ސިފައިންނާ އެކު އިންޑިއާގެ ހަތް ބޯޓު ހަމަވެއްޖެ. ދެން އަހަރެމެން މާލޭގެ ޖަނަރޭޓަރުތައް ނިއްވާލައި އަނދިރިކޮށްފައި ފުރަން ތައްޔާރުވީ. އަހަރެމެންގެ ތިން މީހަކު މާލޭގައި މަރުވި. ދެން ތިބި މީހުން ހަމަކޮށްގެން ބޯޓަށް އެރުނީ މެންދަމު 12:10 ގައި."

ސަރުކާރުގެ ބޯޓެއް ކަމަށްވާ ޕްރޮގެރްސް ލައިޓްގައި ވަޒީރަކާއި އާންމުންގެ އެތައް ބަޔަކާ އެކު 28 މީހަކު ރަހީނުކޮށްގެން ދަނިކޮށް ހުއްޓުވަން ޖެހުނީ އިންޑިއާ ސިފައިން ގޮސް އެޔަށް ބޮން އަޅައިގެންނެވެ. ބޯޓު ހުއްޓުވިޔަ ނުދޭން ރަހީނުން ބޭރަށް ނެރެ މަރުގެ އިންޒާރު ދެމުން ދިޔަ އެވެ. ރަހީނުންގެ ތެރެއިން ފުރަތަމަ މަރާލީ ވަޅި ހަރައިގެންނެވެ. އަދި ދެވަނަ މީހާ ކަނުބަނދެ ބަޑައިޖަހައި މަރާލައި ކަނޑަށް ވައްޓާލި އެވެ. އޭގެ ފަހުން ނޮވެމްބަރު ހަ ވަނަ ދުވަހު ވެސް ބޯޓު ނުހުއްޓުމުން އިންޑިއާ ސިފައިން ބޯޓަށް ހަމަލާ ދިނީ އެވެ. އެ ހަމަލާތަކުގައި ވެސް ރަހީނަކު މަރުވި އެވެ.

ހަމަލާތަކުގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުން

ހަމަލާތަކުގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުން

ލަންކާގެ ކަނޑުގެ ސަރަހައްދަށް ބޯޓު ވަނުމުގެ ކުރިން ވަރުގަދަ އަށް ހަމަލާދީ ފައްތާލުމަށް ފަހު، ލުތުފީ އާއި އޭނާގެ ބައިވެރިންނާއި ރަހީނުން މާލެ ގެނައީ އެވެ.

ދިވެހިންގެ 19 މީހެއްގެ ފުރާނަ، ހަނގުރާމައިގެ ތެރޭ ގެއްލިގެން ދިޔަ އެވެ.

މިހާރުވެސް ޖަލުގައި ހުރި ލުތުފީގެ ބަޔާނުގައި، އޭނާ ހަނގުރާމައަށް އައީ "ޕްލޯޓްގެ ލީޑަރު އުމާ މަހޭޝްވަރަމްގެ ކިބައިން ސަލާމަތް ނުވެގެން" ކަމަށާއި "އޭނާ ބުނާ ހުރިހާ ކަމެއް ކުރީ" ކަމަށް ބުންޏަސް ޕްލޯޓްގެ ތަރުޖަމާނުކަން ކުރި ސްކަންދާ ބުނެފައި ވަނީ "އެހީއަށް އެދުނީ" ލުތުފީ ކަމަށެވެ. ރާއްޖޭގައި މިނިވަންކަމެއް ނެތް ކަމަށާއި މައުމޫން މަސައްކަތް ކުރައްވަނީ މިސްރަށް ކިޔަވަން ފޮނުވައިގެން ދީނީ ހަރުކަށި ފިކުރު ފަތުރަން ކަމަށް ބުނެ އުމާ މަހޭޝްވަރަމްއާ ވާހަކަ ދެއްކި ކަމަށް ވެސް ބުންޏެވެ.

ސްކަންދަ ބުނި ގޮތުގައި އުމާ މަހޭޝްވަރަމް ލުތުފީއާ ގުޅިގެން ރާއްޖެއަށް ހަނގުރާމަވެރިން ފޮނުވުމަކީ މުޅި ޕްލޯޓްގެ ނިންމުމެއް ނޫނެވެ. އެ ނިންމުމާ މެދު ގްރޫޕް ތެރޭ ހިޔާލް ތަފާތުވެ ޝަކުވާ ގިނަވި ކަމަށް އޭނާ ބުންޏެވެ.