Roadha Mihaaru
މުއްސަނދިކަމުން އީލޮން އަށް އާ ރެކޯޑެއް

މިލްކިއްޔާތު 300 ބިލިއަން ޑޮލަރަށް އެރި ފުރަތަމަ މަހުޖަނަކީ އީލޮން

01 ނޮވެމްބަރ 2021

މި ވަގުތު ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި ހުންނެވި މަހުޖަނު އީލޮން މަސްކްގެ މިލްކިއްޔާތު 300 ބިލިއަން ޑޮލަރަށް އަރައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި ވަގުތު ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި ހުންނެވި މަހުޖަނު އީލޮން މަސްކްގެ މިލްކިއްޔާތު 300 ބިލިއަން ޑޮލަރަށް އަރައިފި އެވެ.

މިއާ އެކު އޭނާ ވެފައި ވަނީ 300 ބިލިއަން ޑޮލަރަށް މިލްކިއްޔާތު އެރި ފުރަތަމަ މަހުޖަނަށެވެ. ޓެސްލާ އާއި ސްޕޭސް އެކްސްގެ ވެރިޔާގެ ޖުމްލަ މިލްކިއްޔާތަކީ މިހާރު 311 ބިލިއަން ޑޮލަރު ކަމަށް ބްލޫމްބާގް ބިލިއަނާސް އިންޑެކްސް އިން ދައްކަ އެވެ.

އަމިއްލަ މިލްކިއްޔާތު 300 ބިލިއަން ޑޮލަރު ފަހަނައެޅި އިރު، ޓެސްލާ މިދިޔަ ހަފުތާގައި ވަނީ ޓްރިލިއަން ޑޮލަރުގެ އަގުހުކުރި ކުންފުންޏަކަށް ވެސް ޖެހިލައިފަ އެވެ.

މި ވަގުތު ދުނިޔޭގެ އެންމެ މުއްސަނދި 10 މީހުންގެ ލިސްޓްގެ ކުރިގައި އީލޮން އޮތް އިރު ދެވަނައިގައި އޮތީ 195 ބިލިއަން ޑޮލަރާ އެކު އެމެޒޯން ކުންފުނީގެ ކުރީގެ ސީއީއޯ ޖެފް ބެޒޮސް އެވެ. ތިން ވަނައިގައި ބާނާޑް އާނޯލްޓް އޮތީ 167 ބިލިއަން ޑޮލަރާ އެކީގަ އެވެ.

ލިސްޓްގެ ދެން ތަރުތީބަކީ މިއެވެ؛ ބިލް ގޭޓްސް (136 ބިލިއަން ޑޮލަރު)، ލެރީ ޕޭޖް (131 ބިލިއަން ޑޮލަރު)، ސާޖީ ބްރިން (126 މިލިއަން ޑޮލަރު)، މާކް ޒަކަބާގް (121 ބިލިއަން ޑޮލަރު)، ސްޓީވް ބޯލްމާ (118 ބިލިއަން ޑޮލަރު)، ލެރީ އެލިސަން (115 ބިލިއަން ޑޮލަރު) އަދި ވޮރެން ބުފެޓް (105 ބިލިއަން ޑޮލަރު) އެވެ.

އީލޮންގެ މިލްކިއްޔާތު 300 ބިލިއަން ޑޮލަރަށް ވުރެ ބޮޑުވި އިރު، އެންމެ ފުރަތަމަ މިލްކިއްޔާތު 200 ބިލިއަން ޑޮލަރަށް އެރި މަހުނަކީ ބެޒޮސް އެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އެ ޝަރަފު އޭނާ ލިބިވަޑައިގަތީ 202 ބިލިއަން ޑޮލަރާ އެކީގަ އެވެ.