Roadha Mihaaru
100 މިލިއަނުގެ ކާބަން ޕްރޮގްރާމް އޭޕްރީލް 22 ގައި

އީލޮން މަސްކްގެ 100 މިލިއަން ޑޮލަރުގެ ކާބަން ޕްރޮގްރާމަށް ހުޅުވާލާނީ އެޕްރީލް 22 ގައި

10 ފެބުރުއަރީ 2021

ޖައްވަށް ބޭރުވާ ވިހަ ކާބަންތައް ދަމައިގަންނަ ފުރިހަމަ ހައްލެއް ނުވަތަ ޓެކްލޮނޮޖީއެއް އީޖާދުކުރާ ބަޔަކަށް 100 މިލިއަން ޑޮލަރު ދޭން ނިންމައި މަހުޖަނު އީލޮން މަސްކް މިދިޔަ މަހުގެ ތެރޭގައި އިއުލާންކުރި ޕްރޮޖެކްޓާ ބެހޭ އިިތުރު ތަފުސީލުތައް އާންމުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖައްވަށް ބޭރުވާ ވިހަ ކާބަންތައް ދަމައިގަންނަ ފުރިހަމަ ހައްލެއް ނުވަތަ ޓެކްލޮނޮޖީއެއް އީޖާދުކުރާ ބަޔަކަށް 100 މިލިއަން ޑޮލަރު ދޭން ނިންމައި މަހުޖަނު އީލޮން މަސްކް މިދިޔަ މަހުގެ ތެރޭގައި އިއުލާންކުރި ޕްރޮޖެކްޓާ ބެހޭ އިިތުރު ތަފުސީލުތައް އާންމުކޮށްފި އެވެ.

އިންސާނިއްޔަތަށް ބޭނުންތެރި ޓެކްނޮލޮޖީ ތަރައްގީކުރަން އާންމުންނަށް ހިތްވަރުދޭ އެކްސް ޕްރައިޒް ފައުންޑޭޝަނާ ގުޅިގެން ސްޕޭސް އެކްސް އާއި ޓެސްލާ ކުންފުނީގެ ވެރިޔާ "އެކްސްޕްރައިޒް ކާބަން ރިމޫވަލް" ގެ ނަމުގައި ހަތަރު އަހަރުގެ މުއްދަތަށް ކުރިއަށް ގެންދަން ނިންމާފައިވާ މި ޕްރޮގްރާމަކީ މުބާރާތެއްގެ ސިފައިގައި ކުރިއަށް ގެންދާ ސްކޮލަޝިޕް ޕްރޮގްރާމެކެވެ.

އެގޮތުން، ވިހަ ކާބަންއާ ދެކޮޅަށް މަސައްކަތްކުރާ ޓެކްނޮލޮޖީތައް އުފައްދަން ޝައުގުވެރިވާ ކޮންމެ މީހަކަށް މި ޕްރޮގްރާމަށް ކުރިމަތިލެވޭނެ އެވެ. އަދި މީގައި ބައިވެރިވާން ރަސްމީކޮށް ހުޅުވާލައި މުބާރާތާ ބެހޭ ގައިޑްލައިންތަކުގެ ތަފުސީލުތައް އާންމުކުރަން ހަމަޖެހިފައި މި އަހަރުގެ "އާތު ޑޭ" އާ ދިމާކޮށް އެޕްރީލް މަހުގެ 22 ގަ އެވެ.

މުބާރާތް ކުރިއަށް ގެންދާނީ ކުރިމަތިލާ މީހުންނާއި އެ މީހުން ހުށަހަޅާ ހުށަހެޅުންތަކަށް ބަލައި 15 ޓީމަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމަކަށް މަސައްކަތް ކުރިއަށް ގެންދަން މިލިއަން ޑޮލަރު ދޭނެ އެވެ. މީގެ އިތުރުން ކޮންމެ ޓީމަކުން ވެސް ހޮވާލެވޭ ގޮތަށް 25 މީހަކަށް 200،000 ޑޮލަރުގެ ސްކޮލަޝިލެއް ލިބޭނެ އެވެ.

ދެހާސް ފަންސަވީހުގައި މުޅި މުބާރާތް ނިންމާލައި ވަނަތަކަށް ހޮވޭ ހައްލުތައް ހުށަހަޅާ ޓީމްތަކަށް ދޭން ނިންމާފައިވާ އިނާމުތަކަށް ބަލާ އިރު އެއް ވަނަ 50 މިލިއަން ޑޮލަރު ދޭނެ އެވެ. ދެވަނަ އަށް 20 މިލިއަން އަދި ތިން ވަނަ އަށް 10 މިލިއަން ޑޮލަރެވެ.

އެކްސްޕްރައިޒްގެ ބާނީ އަދި އެކްޒެކެޓިވް ޗެއާމަން ޕީޓާ އެޗް ޑައަމަންޑިސް ވިދާޅުވީ "އެކްސްޕްރައިޒް ކާބަން ރިމޫވަލް" ޕްރޮޖެކްޓަކީ މޫސުމީ ބަދަލުތަކާ ދޭތެރޭ މިހާރަށް ވުރެ ސީރިއަސްކޮށް ވިސްނަން ގިނަ ބަޔަކަށް ފުރުސަތު ލިބޭނެ ކަމަކަށް ވާނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން އީލޮން ވިދާޅުވީ ކްލައިމެޓް ޗޭންޖާ ދެކޮޅަށް މިހާރު ބޭނުން ވަނީ ތިއަރީތައް ނޫން ކަމަށާއި ބޭނުން ވަނީ އަމަލީ މަސައްކަތް ކަމަށެވެ.

"ޕްރެކްޓިކަލީ މަސައްކަތްކޮށްގެން ނަތީޖާއެއް ހޯދުން މުހިއްމީ. އަދި މިކަމަށް އޮތް ވަގުތު ވެސް ކުޑަ. އެހެންވީމަ ވަގުތުގެ މުހިއްމުކަން ވަރަށް ވެސް ބޮޑު." އޭނާ ވިދާޅުވި އެވެ.

މި ޕްރޮގްރާމްގެ މަސައްކަތް ވިލަރެސްކުރަން ތިމާވެއްޓާއި ޓެކްނޮލޮޖީ ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވާނެ އެވެ.