Roadha Mihaaru
އީލޮންގެ ބައޮގްރަފީ "ސްޓީވް ޖޮބްސް"ގެ ލިޔުންތެރިޔާއަށް

އީލޮންގެ އާ ބައޮގްރަފީ ލިޔަނީ "ސްޓީވް ޖޮބްސް" ގެ ލިޔުންތެރިޔާ

06 އޯގަސްޓް 2021

ސްޕޭސް އެކްސް އާއި ޓެސްލާ ފަދަ ބޮޑެތި ކުންފުނިތަކުގެ ވެރިޔާ މަހުޖަނު އީލޮން މަސްކްގެ އާ ބައޮގްރަފީއަކަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްޕޭސް އެކްސް އާއި ޓެސްލާ ފަދަ ބޮޑެތި ކުންފުނިތަކުގެ ވެރިޔާ މަހުޖަނު އީލޮން މަސްކްގެ އާ ބައޮގްރަފީއަކަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވެއްޖެ އެވެ.

މުޅި ދުނިޔެއިން ދެވަނަ އަށް އެންމެ މުއްސަނދި މީހާގެ ޓްވީޓެއްގައި ވިދާޅުވީ އޭނާއާ ބެހޭ ގޮތުން ނެރެން ނިންމާފައިވާ އާ ބައޮގްރަފީ ލިޔުއްވަނީ އެޕަލް ކުންފުނީގެ ބާނީންގެ ތެރޭގައި ހިމެނުނު ސްޓީވް ޖޮބްސްގެ ބައޮގްރަފީ ލިޔުއްވި ވޯލްޓާ އިސާކްސަން ކަމަށެވެ. އެކަމަކު ބައޮގްރަފީ ނެރޭނެ އިރެއް ހާމައެއް ނުކުރައްވަ އެވެ.

އެމެރިކާގެ ޓިއުލޭން ޔުނިވަސިޓީގެ ހިސްޓްރީ ޕްރޮފެސަރެއްގެ މަގާމު އަދާކުރައްވާ އިސާކްސަން ލިޔުއްވި "ސްޓީވް ޖޮބްސް" ނެރުނީ 2011 ގަ އެވެ. އެއަށް ބިނާކޮށް "ޖޮބްސް" ގެ ނަމުގައި 2013 ގައި ފިލްމެއް ވެސް ގެނެސް ދިނެވެ. އޭގައި ޖޮބްސްގެ ރޯލު ކުޅުނީ އެކްޓަރު އޭޝްޓަން ކުޗާ އެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ ޓެކް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެޕަލްގެ ވެރިއެއްގެ ބައޮގްރަފީ ލިޔުއްވި މީހަކު އީލޮންގެ ބައޮގްރަފީ ލިޔުއްވާކަން ހާމަކުރެއްވި އިރު މި މަހުގެ 3 ގައި ނެރުނު ވޯލް ސްޓްރީޓް ޖާނަލްގެ ލިޔުންތެރިޔާ ޓިމް ހިގިންސްގެ "ޕަވަ ޕްލޭ: ޓެސްލާ، އީލޮން މަސްކް އެންޑް ބެޓް އޮފް ދަ ސެންޗަރީ" ގައި ކިޔައިދީފައިވާ ގޮތުގައި އެޕަލް އަށް ޓެސްލާ ވިއްކައިލަން ހުށަހަޅުއްވައި، އެ ކުންފުނީގެ ސީއީއޯގެ މަގާމު ހޯއްދަވަން އެޕަލްގެ މިހާރު ސީއީއޯ ޓިމް ކުކަށް އީލޮން 2015 ގައި ހުށަހެޅުއްވި އެވެ.

އީލޮންގެ ބައޮގްރަފީ ނެރޭނީ އިސާކްސަންގެ ގިނަ ފޮތްތައް ޝާއިއުކުރި ސައިމަން އެންޑް ޝޫސްޓާގެ ތައްގަނޑުގަ އެވެ. އެކަމަކު ބައޮގްރަފީއާ ބެހޭ ގޮތުން އެތަނާއި ލިޔުންތެރިޔާ ވެސް އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެ އެވެ.

އުމުރުން މިހާރު 50 އަހަރުގެ އީލޮންގެ މިލްކިއްޔާތު 184.4 ބިލިއަން ޑޮލަރަށް އަރަ އެވެ.

އޭނާއާ ބެހޭ ގޮތުން ކުރިން ވެސް ބައެއް ފޮތްތައް ނެރެފައިވެ އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ "އީލޮން މަސްކް: އަ ބައޮގްރަފީ އޮފް ބިލިއަނާ އެންޓަޕްރެނާ އީލޮން މަސްކް" އާއި 2019 ގެ "އީލޮން މަސްކް: އަ މިޝަން ޓު ސޭވް ދަ ވޯލްޑް" އަދި 2015 ގެ "އީލޮން މަސްކް: ޓެސްލާ، ސްޕޭސް އެކްސް، އެންޑް ދަ ކްއެސްޓް ފޯ އަ ފެންޓާސްޓިކް ފިއުޗާ" ހިމެނެ އެވެ.