Roadha Mihaaru
މާޒިޔާގެ ޕްރެޝަރު މޯހަންއަށް ހިފަހައްޓާލެވޭނެތަ؟

މާޒިޔާގެ ޕްރެޝަރު މޯހަންއަށް ހިފަހައްޓާލެވޭނެތަ؟

04 ނޮވެމްބަރ 2021

މާޒިޔާގެ ކޯޗަކަށް މުހައްމަދު ޝިޔާޒު (މޯހަން) ހަމަޖައްސަން ޕްރެސް ކޮންފަރެންސްގައި އެ ކްލަބުގެ ޗެއާމަން އަހްމަދު ސާޖިދު ވިދާޅުވި އެއް ވާހަކަ އަކީ، ދިވެއްސަކަށް މާޒިޔާގެ ކޯޗުކަން ހަވާލުކޮށްގެން މާޒިޔާ އަށް އެހެން ހަރުފަތަކަށް ދެވޭނެ ދުވަހެއް ފެނުމުގެ އުންމީދުގެ ވާހަކަ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މާޒިޔާގެ ކޯޗަކަށް މުހައްމަދު ޝިޔާޒު (މޯހަން) ހަމަޖައްސަން ޕްރެސް ކޮންފަރެންސްގައި އެ ކްލަބުގެ ޗެއާމަން އަހްމަދު ސާޖިދު ވިދާޅުވި އެއް ވާހަކަ އަކީ، ދިވެއްސަކަށް މާޒިޔާގެ ކޯޗުކަން ހަވާލުކޮށްގެން މާޒިޔާ އަށް އެހެން ހަރުފަތަކަށް ދެވޭނެ ދުވަހެއް ފެނުމުގެ އުންމީދުގެ ވާހަކަ އެވެ.

"މާޒިޔާއިން ވެސް އަދި ކޮންމެ ދިވެއްސަކު ވެސް އެދޭނީ ދިވެއްސަކަށް ރަނގަޅު ގޮތެއްވާން. އެހެންވީމާ އަޅުގަނޑު މި ބަލަނީ ދިވެހި ކޯޗަކަށް ރަނގަޅު މުސާރައެއް ދީގެން ދިވެހި ކޯޗަކާ އެކު ކާމިޔާބުކުރެވޭތޯ. އަޅުގަނޑު ދެކެން ބޭނުންވާ ދުވަހަކީ ދިވެހި ކޯޗަކާ އެކު މާޒިޔާ އަށް އެހެން ހަރުފަތަކަށް ދެވޭނެ ދުވަހެއް،" އަހްމަދު ވިދާޅުވި އެވެ.

ދިވެހި ކޯޗުންނަށް ފުރުސަތު ދިނުމުގެ މުހިންމުކަމުގެ މައްޗަށް އެންމެ ބޮޑަށް ވާހަކަ ދެއްކެވީ، މާޒިޔާގެ އިންޖީނެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ، ކްލަބުގެ ޖެނަރަލް ސެކެރެޓްރީ އަބްދުލް ވައްހާބެވެ. އޭނާ ވިދާޅުވެފައި ވަނީ ދިވެހި ކޯޗުންނަށް ފުރުސަތު ލިބެންޖެހޭނީ ހަމައެކަނި ޑޮމެސްޓިކް މުބާރާތްތަކުން ނޫން ކަމަށެވެ. އިންޓަނޭޝަނަލް މުބާރާތްތަކުން ވެސް ދިވެހި ކޯޗުންނަށް ފުރުސަތު ދޭން ޖެހޭނެކަމަށް ވައްހާބް ވިދާޅުވި އެވެ.

"އެގޮތުން ޝިޔާޒު [މޯހަން] އަޅުގަނޑުމެން މި ހަމަޖެއްސީ. ޗެއާމަންގެ ވެސް ވަރަށް ބޮޑު އެދިލެއްވުމުގެމަތިން،" ވައްހާބް ވިދާޅުވި އެވެ.

މާޒިޔާގެ ޗެއާމަން އަހްމަދު ސާޖިދު އާއި މޯހަން: މޯހަން މާޒިޔާގެ ކޯޗް ކަމަށް ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގައި --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މާޒިޔާގެ ޗެއާމަން އަހްމަދު ސާޖިދު އާއި މޯހަން: މޯހަން މާޒިޔާގެ ކޯޗް ކަމަށް ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގައި --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެކަމަކު ފުރަތަމަ ޑިވިޝަންގައި މާޒިޔާގެ ތާރީހަށް ބަލާއިރު އެ ކްލަބުގައި ދިވެހި ކޯޗަކަށް އިތުބާރާ އެކު ސަލާމަތް ވެވިފައެއް ނެތެވެ. މޯހަންގެ ކުރިން މާޒިޔާގައި މަސައްކަތް ކުރި ދިވެހި ކޯޗަކީ، މުހައްމަދު ނިޒާމެވެ. އެއީ ޓީސީއާ އެކު ކާމިޔާބު ހޯދި ކޯޗެވެ. ޖުލައި 2020 ގައި މާޒިޔާގެ ކޯޗުކަމަށް ނިޒާމް ހަމަޖައްސަން، ބޭއްވި އިވެންޓަށް އޭނާ ދިޔައީ މާޒިޔާގެ ރަސްމީ ކުލަ ރަމްޒުވާ، ފެހި ކުލައިގެ ޓައީއެއް އަޅައިގެންނެވެ. އޭނާގެ ވާހަކަތަކުގައި ވެސް ހުރީ "މާޒިޔާ ވަންތަ" ސިފަ އެވެ.

އެކަމަކު މާޒިޔާގެ އެތެރޭގެ ޕްރެޝަރުން ނިޒާމަށް ސަލާމަތެއް ނުވެވުނެވެ. ލީގުގެ ފުރަތަމަ ބުރުގައި ވެލެންސިއާ އަތުން މޮޅު ނުވެވުނު ހިސާބުން ނިޒާމްގެ ދައުރު ކްލަބުގައި ހަމަވީ އެވެ. އޭގެފަހުން އަމިއްލަ އަށް އިސްތިއުފާ ދިނީ އެވެ. ނިޒާމް އިސްތިއުފާ ދޭން ޖެހުނު އެއްވެސް ސަބަބެއް ވެސް މިހާތަނަށް އޭނާ ހާމައެއް ނުކުރެ އެވެ. ފަހުން ޓީސީގެ ކޯޗެއްގެ ގޮތުގައި ނިޒާމް އަލުން އެނބުރި އައި ދުވަހު މީޑިއާއިން އެ ސުވާލު ކުރިމަތި ކުރުމުން ވެސް ޖަވާބުދޭން ދެކޮޅު ހެދި އެވެ.

މާޒިޔާގެ ކޯޗަކަން މޯހަންއާ ހަވާލުކުރަން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އިވެންޓަށް، މޯހަން ވެސް ދިޔައީ މާޒިޔާގެ ކުލަ ރަމްޒުވާ ގޮތަކަށެވެ. މަޑު ގުރާފެހި ކުލައިގެ ގަމީހެއް ލައިގެން އިނދެ އޭނާ ދެއްކި ވާހަކަގެ ބަހުރުވަ އާއި ރާގުގައި ވެސް އެ ކުލަ އެވެ. ދެތިން އަހަރެއްގައި މާޒިޔާގެ އެންމެ ވާދަވެރި ކްލަބުގެ ގޮތުގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އިސް މުއައްސިސް، ކުއީން އަހްމަދު ވަހީދުގެ ދަރިފުޅު، މޯހަން އަށް މިއަދު މާޒިޔާ ވަރުގެ ކްލަބެއް ނެތެވެ. ނިއުގެ ނޫ ބާޒަށް ހިތް ދިން މޯހަންގެ އަދިވެސް ހުރީ ނޫ ލޭ ކަމަށް ވެސް ވެދާނެ އެވެ.

މޯހަން މަޑުގުރާފެހި ކުލައިގެ ގަމީހުގައި --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މޯހަން މަޑުގުރާފެހި ކުލައިގެ ގަމީހުގައި --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މާޒިޔާގެ ޕްރެޝަރުން މޯހަން އަށް ސަލާމަތް ވެވިދާނެ ހެއްޔެވެ؟ މާޒިޔާގެ ޑިމާންޑް މައްޗެވެ. އެޓީމު ކުރިމަތިލާ ކޮންމެ މެޗަކުން ކޮންމެ މުބާރާތަކުން މޮޅު ނޫން އެއްޗެއް ބޭނުމެއް ނުވެ އެވެ. ރާއްޖޭގެ އެންމެ ރަނގަޅަށް ހިނގާ ކްލަބުގެ ޑިމާންޑްތައް އޮންނަން ވާނީ ވެސް އެހާމެ އުހުގަ އެވެ. އެކަމަކު މާޒިޔާ ބޭނުންވާ އުސްމިނަށް ދިވެހި ކޯޗަކަށް މިހާތަނަށް ވާސިލު ވެވިފައެއް ނެތެވެ. އެ ޕްރެޝަރުން ސަލާމަތް ނުވެވި ދިވެހި ކޯޗުން މަގާމުން އަތް ދޫކޮށްލަނީ އެވެ.

ދިވެހި ކޯޗުންނަށް އޭއެފްސީ ކަޕުން ފުރުސަތު ދޭންވީ އެވެ. އެއަށް ވުރެ ދުރަށް ވެސް ދިވެހި ކޯޗުން ގެންދެވޭތޯ މަސައްކަތް ކުރަންވީ އެވެ. ބޭރުގެ ލީގުތަކާ ހަމައަށެވެ. އޭއެފްސީ ކަޕްގައި ވެސް ދިވެހި ކޯޗަކާ އެކު ކާމިޔާބު ހޯދިއްޖެ ނަމަ އެއީ ބޮޑު ޝަރަފެކެވެ. އެކަމަކު މާޒިޔާގެ އެންމެފަހުގެ ތަޖުރިބާއިން ބުނެދެނީ އެ ވާހަކައެއް ނޫނެވެ. އެ ފުރުސަތާއި ވަގުތެއް ދިވެހި ކޯޗަކަށް ނުދިނެވެ. ނިޒާމް އަކީ ބޭރުގެ ކްލަބު މުބާރާތެއްގައި ތަށި ހޯދި ކޯޗެކެވެ.

މޯހަންގެ ކޯޗު ކަމުގެ ދަށުން މާޒިޔާއިން ބޭއްވި ފުރަތަމަ ޕްރެކްޓިސް ސެޝަންގެ ތެރެއިން --- ފޮޓޯ: މާޒިޔާ

މޯހަންގެ ކޯޗު ކަމުގެ ދަށުން މާޒިޔާއިން ބޭއްވި ފުރަތަމަ ޕްރެކްޓިސް ސެޝަންގެ ތެރެއިން --- ފޮޓޯ: މާޒިޔާ

ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބުގައި، ކުރު ނަމަވެސް ތަޖުރިބާތަކެއް ކުރި އެވެ. އޭއެފްސީ ކަޕަށް ދިވެހި ކޯޗަކާ އެކު ދާނަމަ އޭނާ އަކީ އެންމެ ރަނގަޅު ޗޮއިސް ކަމަށް ބުނެވިދާނެ އެވެ. އެކަމަކު އޭރު އެ ފުރުސަތެއް ނުލިބުނެވެ. ސީޒަންގެ ބާކީ ބަޔާއި އޭއެފްސީ ކަޕްގެ ފުރުސަތު ދިނީ ވެސް މާޒިޔާއިން ގެނައި ރިސްޓޯ ވިޑަކޮވިޗަށެވެ. މާޒިޔާގެ ކޯޗް ކަމުން ނިޒާމް އިސްތިއުފާ ދޭން ޖެހުމުގައި މަގުބޫލު ސަބަބުތަކެއް އޮތްތަނެއް ނުފެނުނެވެ. އޭނާ ވަކިވި އިރު ވެސް ޓީމު އޮތީ ލީގު ތާވަލުގެ އެއްވަނައިގަ އެވެ.

މާޒިޔާއާ އެކު މޯހަން ކުރިއަށް ގެންދިޔަ މަޝްވަރާގެ މަރުހަލާގައި އެފަދަ ހުރިހާ ކަންކަމަކަށް ރިއާޔަތްކުރާނެކަމަށް ގަބޫލު ކުރެވެ އެވެ. ނިޒާމްބެ އަށް ވީގޮތާއި ބާކީ ވެގެން ދިޔަގޮތާ މެދު މޯހަން ވެސް ވިސްނާނެކަން ޔަގީނެވެ. މަގުބޫލު ސަބަބެއް ނެތި ޕްރޮޖެކްޓްގެ ވަކި ހިސާބަކުން އެހެން ކޯޗެއްގެ އަތް މައްޗަށް މަސައްކަތް ދޫކޮށްލާން ނުޖެހޭނެ ކަމުގެ ޔަގީންކަން މޯހަން ހޯދާނެ އެވެ.

ދިވެހި ކޯޗުންނަށް ފުރުސަތު ދޭން މާޒިޔާގެ ވެރިން ދެއްކެވި މިވާހަކަތަކުގައި އެ ކްލަބުން ދެމިތިބުން ވެސް އެހާމެ މުހިންމެވެ.