Roadha Mihaaru
އީރާނަށް ޖާސޫސްކުރި 15 މީހުން މަރަން ހުކުމްކޮށްފި

އީރާނަށް ޖާސޫސްކުރި 15 މީހުން މަރަން ސައުދީން ހުކުމްކޮށްފި

06 ޑިސެމްބަރ 2016

ރިޔާޒް (ޑިސެމްބަރު 6) - އީރާނަށް ޖާސޫސްކޮށް ދިންކަމުގެ ކުށުގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ސައުދީ އަރަބިއާގެ ކޯޓަކުން މިއަދު އިއްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (ޑިސެމްބަރު 6) - އީރާނަށް ޖާސޫސްކޮށް ދިންކަމުގެ ކުށުގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ސައުދީ އަރަބިއާގެ ކޯޓަކުން މިއަދު އިއްވައިފި އެވެ.

އީރާނަށް ޖާސޫސްކުރި ކަމުގެ ތުހުމަތުގައި 32 މީހެއްގެ މައްޗަށް ދައުވާ ކުރި އެވެ. އޭގެ ތެރޭގައި އީރާން މީހަކާއި އަފްޣާނިސްތާން މީހަކު ވެސް ހިމެނެ އެވެ. އެ މީހުންގެ ޝަރީއަތް ފަށާފައި ވަނީ ފެބްރުއަރީ މަހު އެވެ. މަރަން ހުކުމްކުރި އެންމެންނަކީ ވެސް ޝިއައީންނެވެ. އަދި އެ މީހުންނަކީ ސައުދީ ސިފައިންގެ ތެރޭގައި އުޅުނު ބައެއް ކަމަށް އަލް އަރަބިއްޔާ ޓީވީން ވަނީ ބުނެފަ އެވެ.

ޕްރޮސެކިއުޓަރުން ތުހުމަތުކޮށްފައިވާ ގޮތުގައި މަރަން ހުކުމްކުރި މީހުން ވަނީ ގައުމަށް ޣައްދާރުވެފަ އެވެ. އެ މީހުން ވަނީ ސައުދީގެ އަސްކަރިއްޔާއާ ބެހޭ ނާޒުކް މައުލޫމާތުތައް އީރާނުގެ ޖާސޫސީ އިދާރާތަކާ ހިއްސާކޮށްފައި ކަމަށް ވެސް ބުނެފައިވެ އެވެ.

އީރާނާއި ސައުދީ އަރަބިއާގެ ގުޅުން ވޭތުވެދިޔަ އަހަރެއްހާ ދުވަހު ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ޝިއައީންގެ އިސް ލީޑަރެއް ކަމަށްވާ ޝެއިޚް ނިމްރު އަލް ނިމްރުގެ މައްޗަށް ޖެނުއަރީ މަހު މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅިގެން ތެހެރާނުގައި ހުންނަ ސައުދީ އެމްބަސީ އަށް ހަމަލާދީ އެ ތަނުގައި ބަޔަކު ވަނީ ރޯކޮށްލައިފަ އެވެ. އަދި ސައުދީން ފަހުން ވަނީ އީރާނާ ސިޔާސީ ގުޅުން ކަނޑާލައިފަ އެވެ.

ސައުދީން ބުނެފައި ވަނީ ނިމްރު ގަތުލް ކުރީ ޓެރަރިޒަމްގެ ކުށުގައި ކަމަށެވެ. ނަމަވެސް އީރާނުގެ ރޫހީ ލީޑަރު ވިދާޅުވެފައި ވަނީ ނިމްރަށް މަރުގެ އަދަބު ދީފައި ވަނީ ސައުދީގެ ޝާހީ އާއިލާ އަށް ފާޑު ކިޔާތީ ކަމަށެވެ.

ސައުދީގެ 28 މިލިއަން މީހުންގެ އާބާދީގައި ޝިއައީންގެ ނިސްބަތަކީ 10-15 ޕަސެންޓެވެ. ޝިއައީން ގިނައިން ދިރިއުޅެނީ އީސްޓަން ޕްރޮވިންސްގަ އެވެ.