Roadha Mihaaru
އީރާންގައި 400 މީހަކަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

މި އަހަރު އީރާންގައި 400 އަށް ވުރެ ގިނަ މީހުންނަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

03 ސެޕްޓެމްބަރ 2024

އިރާނުގައި މަރުގެ ހުކުމް ތަންފީޒުކުރާ މިންވަރު މިދިޔަ މަހު ކުއްލިއަކަށް އިތުރުވެ، މި އަހަރުގެ މިހާތަނަށް މަރާލި މީހުންގެ އަދަދު 400 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ބުނެ އދ.ގެ ކަމާގުޅޭ ތަޖުރިބާކާރުން ކަންބޮޑުވުންފާޅުކޮށްފި އެވެ.

އިރާނުގައި މަރުގެ ހުކުމް ތަންފީޒުކުރާ މިންވަރު މިދިޔަ މަހު ކުއްލިއަކަށް އިތުރުވެ، މި އަހަރުގެ މިހާތަނަށް މަރާލި މީހުންގެ އަދަދު 400 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ބުނެ އދ.ގެ ކަމާގުޅޭ ތަޖުރިބާކާރުން ކަންބޮޑުވުންފާޅުކޮށްފި އެވެ.

އެގާރަ މެމްބަރުންގެ މައްޗަށް އެކުލެވޭ އދ.ގެ ތަޖުރިބާކާރުންގެ ޓީމަކުން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ މަހު އެކަނި 81 މީހަކަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ ކަމަށެވެ.

މި އަހަރުގެ މިހާތަނަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ މީހުންގެ އަދަދު 400 އަށް ވުރެ މައްޗަށް އަރާފައިވާ އިރު، އޭގެ ތެރޭގައި 15 އަންހެނަކު ހިމެނޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"މަރުގެ ހުކުމް ތަންފީޒުކޮށް، މަރާލި މީހުންގެ އަދަދު މި މިންވަރަށް އިތުރުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް،" އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް ނިސްބަތްވާ ތަޖުރިބާކާރުންގެ ޓީމުން އިތުރަށް ބުންޏެވެ.

އެ ބަޔާނުގައި ބުނީ، މިދިޔަ މަހު މަރުގެ ހުކުމް ތަންފީޒުކުރި މީހުންގެ ތެރެއިން 41 މީހަކު މަރާލާފައިވަނީ މަސްތުވާތަކެއްޗާ ގުޅޭ ހުކުމްތަކުގައި ކަމަށާއި އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ މުޅިން ހިލާފު ކަމެއް ކަމަށެވެ.

ޝަރީއަތްތަކުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދައި، މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ މީހުންގެ ތެރޭގައި މައުސޫމް މީހުން ވެސް ހިމެނޭ ކަމަށް ބެލެވޭ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އެހެންކަމުން، މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ތަޖުރިބާކާރުންގެ އެ ޓީމުން ވަނީ އިރާނަށް ގޮވާލައިފަ އެވެ.