Roadha Mihaaru
އައްޑޫ ހައި ސްކޫލު: އޭ ލެވެލްގައި ވަރުގަދަ ބްރޭންޑަކަށް!

އައްޑޫ ހައި ސްކޫލު: އޭ ލެވެލްގައި ވަރުގަދަ ބްރޭންޑަކަށް!

27 އޮކްޓޯބަރ 2021

ތައުލީމީގޮތުން ރަންވަނަތައް ހޯދޭނީ ރަށުން ބޭރުން ކިޔަވައިގެން ކަމަށް މީހުން ދެކެމުން އައި ވިސްނުން އައްޑޫ ހައި ސްކޫލުން މި ވަނީ އެއްކޮށް ބަދަލުކޮށްފަ އެވެ. މީގެ 10 އަހަރު އެ ސްކޫލު އުފެއްދީއްސުރެ ޕްރިންސިޕަލަކަށް ހުންނެވި އިބްރާހިމް ނަދީމަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފަލަކީ ވެސް އެއީ އެވެ؛ އެ ސްކޫލަށް ދަރިވަރުންނާއި ބެލެނިވެރިން ކުރާ އިތުބާރެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތައުލީމީގޮތުން ރަންވަނަތައް ހޯދޭނީ ރަށުން ބޭރުން ކިޔަވައިގެން ކަމަށް މީހުން ދެކެމުން އައި ވިސްނުން އައްޑޫ ހައި ސްކޫލުން މި ވަނީ އެއްކޮށް ބަދަލުކޮށްފަ އެވެ. މީގެ 10 އަހަރު އެ ސްކޫލު އުފެއްދީއްސުރެ ޕްރިންސިޕަލަކަށް ހުންނެވި އިބްރާހިމް ނަދީމަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފަލަކީ ވެސް އެއީ އެވެ؛ އެ ސްކޫލަށް ދަރިވަރުންނާއި ބެލެނިވެރިން ކުރާ އިތުބާރެވެ.

އެކަން އެންމެ ރަނގަޅަށް އެނގިގެން ދަނީ ގައުމުގެ އެކި ފަންތީގައި އައްޑޫ ހައި ސްކޫލުގެ ހިޔާވަހިކަމުން ތައުލީމް ހާސިލްކުރި ދަރިވަރުން ތިބުމާއި ގައުމާއި ދުނިޔޭގެ އެކި ފެންވަރުގައި ހޯދާ މަތީ ވަނަތަކުންނެވެ. މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ރޭ ބޭއްވި، 2019 ވަނަ އަހަރުގެ އޭ ލެވެލްގެ ގައުމީ ގަދަ 10ގެ ޖަލްސާގައި ވެސް އެއް ސްކޫލަކަށް އެންމެ ފަހުރުވެރި ވަނަތައް ގެންދިޔައީ އައްޑޫ ހައި ސްކޫލުގެ ދަރިވަރުންނެވެ.

އެކި މާއްދާތަކުން ދުނިޔޭގެ އެއް ވަނަ އަށް ދަރިވަރަކަށް ލިބުނުއިރު އޭގެ ތެރެއިން ތިން ދަރިވަރުންނަކީ، އައްޑޫ ހައި ސްކޫލެވެ. އެއީ، އަހުމަދު ހިޒާމް ހަލީލާއި މަރިޔަމް ލަޔާލީ މުހައްމަދު އަދި މައިހާ ހަސަނެވެ.

އެ ނަތީޖާތަކާ މެދު ނަދީމް ހުންނެވީ ހިތްހަމަޖެހިފައި ނަމަވެސް އެއީ އެންމެ އުއްމީދުކުރި ނަތީޖާއެއް ނޫނެވެ.

އައްޑޫ ހައި ސްކޫލުގެ ޕްރިންސިޕަލް ނަދީމް (ކ) އަދި ޑެޕިއުޓީ ޕްރިންސިޕަލް ރާފިއު "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އައްޑޫ ހައި ސްކޫލުގެ ޕްރިންސިޕަލް ނަދީމް (ކ) އަދި ޑެޕިއުޓީ ޕްރިންސިޕަލް ރާފިއު "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ކާމިޔާބީއަކީ އިމްތިހާނަކުން ދަރިވަރުން ހޯދާ ނަތީޖާއެއް ނޫނެވެ. އޭގެ ބަދަލުގައި، ޔުނިވާސިޓީއަށް ވަދެވޭ ވަރަށް ފާސްވެ، މުޖުތަމައުއަށް ބޭނުން ހިފޭ ކޮންމެ ކަމެއްގައި އުޅޭ ދަރިވަރުންތަކެއް ތަރުބިއްޔަތު ކުރެވުމަކީ ފާހަގަކުރެވޭ ކާމިޔާބީތައް ކަމަށް ނަދީމް ވިދާޅުވި އެވެ.

އޭ ލެވެލްގައި ރާއްޖެއިން 1ވަނަ ހޯދައިގެން ރައީސްގެ ސްކޮލަޝިޕްގައި އެކި ދާއިރާތަކުން ކިޔަވައި ނިންމައިގެން މިހާރު ވެސް ގައުމީ ހިދުމަތުގައި ގިނަ ދަރިވަރުންތަކެއް އެބަތިއްބެވެ. ހައި އެޗީވާސް ސްކޮލަޝިޕާއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ސަރުކާރުގެ ސްކޮލަޝިޕްގައި މި ވަގުތު ކިޔަވަމުން އަންނަ ދަރިވަރުންގެ އަދަދު 25 އަށްވުރެ ގިނަ ވާނެ ކަމަށް ނަދީމް ވިދާޅުވި އެވެ.

މީގެ ކުރިން، 2015 ވަނަ ހިސާބުގައި ވެސް އޭ ލެވެލްގައި ދުނިޔޭގެ 1 ވަނަ އައްޑޫގެ ހަތަރު ކުއްޖަކަށް ލިބުނެވެ.

"ގަބޫލުކުރަން ދަރިވަރުން ހުރިހާ ގޮތަކުން މި ހޯދާ ނަތީޖާއިން މީހުންގެ ވިސްނުމަށް ބަދަލު ގެނެވޭކަމަށް. ނަތީޖާތައް ފެންނަން ފެށީމަ މުޅި ކޮމިއުނިޓީ ވެސް އެކަން ގަބޫލުކުރަން ފަށާނެ. ޓޮޕްޓެންގައި ހިމެނޭ ދަރިވަރުންގެ އަދަދު އިތުރުވުމަކީ ނަތީޖާ މޮޅުވުމެއް ނޫން. ނަތީޖާ މޮޅުވުމަކީ އެ ސްކޫލުގައި ކިޔަވާ ހުރިހާ ކުދިން އެކި ގޮތްގޮތުން ކާމިޔާބު ކުދިންގެ ގޮތުގައި ނުކުމެގެން ދިއުން،" ނަދީމް ވިދާޅުވި އެވެ.

އައްޑޫ ހައި ސްކޫލުގެ ޕްރިންސިޕަލް ނަދީމު "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އައްޑޫ ހައި ސްކޫލުގެ ޕްރިންސިޕަލް ނަދީމު "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭނާ ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ ނަތީޖާތައް ރަނގަޅުކުރަން ވަރުގަދަ ޕްލޭނެއް އެބައޮތް ކަމަށެވެ.

އޭ ލެވެލް ގަދަ 10ގައި ބީޓެކް ނުހެމުނަސް، އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ރާފިއު ޖަމީލް ވިދާޅުވީ އައްޑޫ ހައި ސްކޫލުގެ ދަރިވަރަކު ބީޓެކް ސްޓްރީމުން ތިން މާއްދާއިން ޑިސްޓިންކްޝަން ހޯދާފައިވާ ކަމަށެވެ. އެ ދަރިވަރު މިހާރު އަންނަނީ އިނގިރޭސިވިލާތުގެ ވޭލްސް ޔުނިވާސިޓީން އިންޖީނިއަރިން ކިޔަވަމުންނެވެ. އެއީ ވެސް ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ރާފިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްކޫލުގައި ޕްރޮމޯޓުކުރަނީ ވެސް އަހުލާގު ކަމަށެވެ. ބޭނުންވަނީ ޑިސިޕްލިން އެންމެ ރަނގަޅު ސްކޫލަށް ވުމަށް ކަމަށާއި ސްކޫލުގައި ކިޔަވައިދެނީ ވެސް އެ ހުރިހާ ކަމެއް ހިމަނައިގެން ކަމަށް ރާފިއު ވިދާޅުވި އެވެ.

އައްޑޫ ހައި ސްކޫލުން މިހާރު އެންމެ ދެކެން ބޭނުންވަނީ އޭ ލެވެލް އަށް ރާއްޖޭގެ އެކި ހިސާބުތަކުން ދަރިވަރުން ދާނެ ދުވަހަކަށެވެ. ރާއްޖޭގައި އޭ ލެވެލްގެ ވަރުގަދަ ސްކޫލަކަށް ވެ، ދެކުނުގައި މަތީ ތައުލީމުގެ މައި ހަބަކަށް ވެގެންދާނެ ދުވަހަކަށެވެ.

"އަޅުގަނޑުމެންގެ އުއްމީދެއް އައްޑުއަށް އެކި ރަށްރަށުން ކުދިން ކިޔަވަން އައުން. އަޅުގަނޑުމެން އެކަމަށް މަރުހަބާ ވެސް ކިޔާނަން. އެގޮތަށް ރަށަކުން ކިޔަވަން އަންނަން ބޭނުންވާ ކުއްޖާއަށް އެ ދިމާވާ ދައްޗެއް އޮތްނަމަ އެކަން ހައްލުކޮށްދޭން މަަސައްކަތް ކުރެވޭތޯ ބަލަން،" ނަދީމް ވިދާޅުވި އެވެ.

އެ ސްކޫލުގައި މި ވަގުތު 107 ކުދިން އޭ ލެވެލް ހަދާއިރު، ޓާގެޓަކީ މަދުވެގެން 26 ކުދިން ގަދަ 10ގައި ހިމެނުމެވެ.

ހިޒާމް: ތިން މާއްދާއިން ދުނިޔޭގެ ގަދަ ތިނެއްގައި

ކުދިމާ ޕްރީ ސްކޫލުން ތައުލީމުގެ ބިންގާ އެޅި ހިޒާމަށް، ގްރޭޑު މުހިއްމުވާން ފެށީ ގްރޭޑު ހަތަކާ ހިސާބުން، ސްކޫލުގެ ޖޫނިއާ ކެޕްޓަނަކަށް އިންތިހާބުމުންނެވެ. އޭގެ ކުރިން ރަން ވަނަތައް ހޯދަމުން ދިޔަކަމުގައި ވިއަސް އެއީ އޭނާއަށް އެހާ މުހިއްމު އެއްޗަކަށް ނުވި އެވެ.

މަންމަ ދަސްކޮށްދިން ކަމަކީ ވެސް މޮޅު ނަތީޖާ ހޯދަނީ ވަކި އެއްޗެއް ހޯދުމުގެ ބޭނުމުގައި ނޫންކަމެވެ. އެއީ، އޭގެ މުހިއްމުކަން އަމިއްލައަށް އެނގި ބޭނުންވެގެން ކުރާ ކަމެއް ކަމެވެ. ނަމަވެސް ގްރޭޑު ހަތަކަށްފަހު، ގްރޭޑަކަށް ސަމާލުކަން ދެމުން ގޮސް، 2016 ވަނަ އަހަރު، ގްރޭޑު 9ގެ ނަތީޖާ ރަނގަޅުވުމުން އޯ ލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދޭނެކަމުގެ ޔަގީންކަން އޭނާއަށް ލިބުނެވެ.

ބިޒްނަސް އިން އެއް ވަނަ ހޯދި އައްޑޫ ހައި ސްކޫލުގެ ހިޒާމަށް، ފަސްޓްލޭޑީ ފަޒްނާ އެވޯޑު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ބިޒްނަސް އިން އެއް ވަނަ ހޯދި އައްޑޫ ހައި ސްކޫލުގެ ހިޒާމަށް، ފަސްޓްލޭޑީ ފަޒްނާ އެވޯޑު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އެކަމަކު، އޯ ލެވެލް ގަދަ 10 ހޮވާ ކްރައިޓީރިއާ ބަދަލުކުރީ އިމްތިހާނު ފަށަން ހަ މަސް ދުވަހަށް ވެފައި އޮތުމުން އިތުރު ހިތްވަރެއް ލާފައި ކިޔަވަން ޖެހުނެވެ.

އޭރު އޯ ލެވެލްގައި ދުނިޔޭގެ އެކި ވަނަތައް ހޯދި ކުދިން ތިއްބެވެ. އެ ހިސާބަށް ވާސިލްވުމަށް ހިޒާމް ބޭނުންވި އެވެ.

އެ މަސައްކަތުން އޭނާ ވަނީ އޯ ލެވެލްގައި އެކައުންޓިން އިން ރާއްޖެއިން އެއްވަނަ އަދި ގައުމީ ގަދަ 10ގެ ފަސް ވަނަ ހޯދައިފަ އެވެ.

އޯ ލެވެލްގައި ކޮމާސް ކިޔެވުމަށްފަހު، އޭ ލެވެލްއާ ގުޅި، ބިޒްނަސް ކިޔަވަން ޖެހުމަކީ ވެސް، އޭ ލެވެލްގައި ސްކޫލު ކެޕްޓަންކަން އަދާކުރި ހިޒާމަށް ކުރިމަތިވި ގޮންޖެހުމަކަށެވެ. ނަމަވެސް، އޭނާ ކިޔެވި ހަ މާއްދާގެ ތެރެއިން ހަތަރު މާއްދާއިން އޭ ސްޓާ އަދި ދެ މާއްދާއިން އޭ ހޯދައިގެން އޭ ލެވެލްގައި ރާއްޖޭގެ ދެ ވަނަ ލިބިފައިވެ އެވެ.

ބިޒްނަސް އިން އެއް ވަނަ ހޯދި އައްޑޫ ހައި ސްކޫލުގެ ދަރިވަރު، ހިޒާމު "މިހާރު" އަށް އިންޓަވިއުދެނީ.-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ބިޒްނަސް އިން އެއް ވަނަ ހޯދި އައްޑޫ ހައި ސްކޫލުގެ ދަރިވަރު، ހިޒާމު "މިހާރު" އަށް އިންޓަވިއުދެނީ.-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އޭގެ އިތުރުން، ބިޒްނަސް އިން އެއްވަނަ، އިކޮނޮމިކްސް އިން ދުނިޔެއިން ދެ ވަނަ އަދި އެކައުންޓިން އިން ދުނިޔެއިން ތިން ވަނަ ހޯދާފައިވެ އެވެ.

"ވަރަށް، ވަރަށް ބޮޑު ސަޕްރައިޒަކަށް ވީ އެގޮތަށް ނަތީޖާ އައުން. އެއްގޮތަކަށް ވެސް އުއްމީދެއް ނުކުރަން އެ ނަތީޖާ ލިބޭނެ ކަމަކަށް،" ހައި އެޗީވާސް ސްކޮލަޝިޕްގައި އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން އިކޮނޮމިކްސް އަށް ކިޔަވަމުން އަންނަ ދަރިވަރު ބުންޏެވެ.

ލަޔާލީ: ނަފްސާނީ ހާލަތު ބަދަލުކުރަން ނުކުންނަނީ

ހާސިލްކުރަން ބޭނުންވި ބައެއް ކަންކަން ކާމިޔާބުނުވުމުން ލަޔާލީ، އޭނާ އަމިއްލަ ނަފްސު ސިފަކުރީ ވެސް ފެއިލްވެފައި ހުރި މީހެއްގެ ގޮތުގަ އެވެ. އަމިއްލައަށް "ރިޖެކްޓު ޓެގް" އަޅައިގެން، އޯ ލެވެލް ނިންމުމަށްފަހު ކިޔެވުން ކުރިއަށްގެންދަން ބޭނުމެއް ނުވި އެވެ.

އިތުރު އެހެން ގޮތެއް ނެތުމުން އޭނާއަށް ޖެހުނީ އޭ ލެވެލްއަށް ވަންނާށެވެ. އެކަމަކު، އެ ނިންމުމާމެދު ލަޔާލީ މިއަދު ފަހުރުވެރިވެ އެވެ.

އެކައުންޓިން އިން ދުނިޔެއިން އެއް ވަނަ ހޯދި ލަޔާލީ "މިހާރު" އަށް އިންޓަވިއުދެނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އެކައުންޓިން އިން ދުނިޔެއިން އެއް ވަނަ ހޯދި ލަޔާލީ "މިހާރު" އަށް އިންޓަވިއުދެނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

"އޯ ލެެވެލްގެ ނަތީޖާ ދަށްވީމަ ހިތަށްއެރި އޭ ލެވެލް ނުކިޔަވާނަމޭ، އޭ ލެވެލް މާ އުނދަގޫވާނެއޭ. މަންމަ ކައިރި ވެސް ބުނިން އޭ ލެވެލް އަށް ނުފޮނުވާށޭ، ކޮންމެ ވެސް ކޯހެކޭ ހަދާނީ. އޭރު ހިލޭ ޑިގްރީއެއް ވެސް ނެތް. ސްކޮލަޝިޕެއް ވެސް ނުލިބޭ އޯ ލެވެލް ނިމުމާއެކު. އިތުރު ގޮތެއް ނެތީމަ އޭ ލެވެލް އަށް ދިޔައީ،" ލަޔާލީ ބުންޏެވެ.

އޭނާ ގްރޭޑު 6 ގައި ސްކޫލު ކެޕްޓަނަށް ކުރިމަތިލައިގެން އިންޓަވިއުއިން ފެއިލްވުމުން އަމިއްލަ ނަފްސަށް ކުރަމުންދިޔަ އިތުބާރު ގެއްލުނެވެ. އެއާއެކު، އޯ ލެވެލްގައި ލިބުނީ ލަޔާލީ އުއްމީދު ކުރި ވަރަށް ވުރެ ދަށް ނަތީޖާއެކެވެ. އޭނާއަށް އޯ ލެވެލްގައި ލިބުނީ ރާއްޖެއިން ހަ ވަނަ އެވެ.

ނަމަވެސް އަމިއްލަ ހިޔާލުތަކާ ދެކޮޅަށް ހަނގުރާމަކޮށް އޭ ލެވެލްގައި ލަޔާލީ ވަނީ ރަނގަޅު ކުރިއެރުމަކާއެކު މޮޅު ނަތީޖާއެއް ހޯދައިފަ އެވެ. އެކައުންޓިން އިން ދުނިޔެއިން އެއް ވަނަ ހޯދައި، ގައުމީ ގަދަ 10ގެ ތިން ވަނަ ހޯދާފައިވެ އެވެ. އެއާއެކު އޭނާއަށް ވަނީ، އޭ ލެވެލް ކިޔެވުމުގެ މަގުސަދު ވެސް ހާސިލްވެފަ އެވެ. އެއީ ހައި އެޗީވާސް ސްކޮލަޝިޕް ލިބިގެންނެވެ.

ސްކޮލަޝިޕަށް އަމާޒުކޮށްގެން އޭ ލެވެލް ކިޔަވަމުން ދިޔައިރު، އޭގެ ކުރިން ދުނިޔޭގެ ވަނަ ހޯދާފައި ތިބި ކުދިންގެ މައުލޫމާތުތައް ސްކޫލުގައި ދިޔައީ ގެނެސްދެމުންނެވެ. ނަމަވެސް އަމިއްލައަށް އެ ހިސާބަށް ދެވޭނެތޯ ލަޔާލީ ސުވާލު އުފެއްދި އެވެ.

އެކައުންޓިން އިން ދުނިޔެއިން އެއް ވަނަ ހޯދި ލަޔާލީއަށް، ފަސްޓްލޭޑީ ފަޒްނާ އެވޯޑު ހަވާލޮށްދެއްވަނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އެކައުންޓިން އިން ދުނިޔެއިން އެއް ވަނަ ހޯދި ލަޔާލީއަށް، ފަސްޓްލޭޑީ ފަޒްނާ އެވޯޑު ހަވާލޮށްދެއްވަނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

"އަމިއްލައަށް ރިޖެކްޓު ސްޓޭމްޕު ޖަހައިގެން އުޅުނީ. ހިތަށް އެރީ އެއީ އެހެން ލެވެލްއެކޭ. އެހެން ޓެލެންޓެކޭ އެއީ. ކިހިނެއްހޭ ދުނިޔެއިން އެއްވަނަ ހޯދާނީ. ދެން އަމިއްލަ ނަފްސާ ސުވާލުކުރީ، ހާޑް ވޯކްގެ މާނައަކީ ކޮބައިތޯ،" ލަޔާލީ ބުންޏެވެ.

"ވަރަށް އުފާވެ، ވަރަށް ގޮންޖެހުންތަކާއެކު އޭ ލެވެލްގެ ދެ އަހަރު ކިޔަވައިގެން އޭ ސްޓާ ލިބިގެން ފޯނު ކޯލެއް ލިބުނީ އެކައުންޓިން އިން އެއް ވަނަ ލިބިގެން. އެއްވެސް ހާލެއްގައި އެކައުންޓިން އިން އެއްވަނަ ލިބޭނެ ކަމަށް އުއްމީދެއް ނުކުރަން. ހީކުރީ ލިބުނަސް ލިބޭނީ ބިޒްނަސް އިން ކަމަށް އެއްވަނަ ލިބޭނީ،"

ތައުލީމީ ހަޔާތާއި އަމިއްލަ ދިރިއުޅުމުގައި ނަފްސާނީ ގޮތުން ކުރިމަތ ކަންތައްތަކުގެ ސަބަބުން ނަފްސާނީގޮތުން ވެސް އޭނާއަށް ވަރަށް އަސަރުކުރި އެވެ. ޕްރޮފެޝަނަލް އެހީތެރިކަން ބޭނުންވި ވަގުތު އެ އެހީ ލިބޭނެ ގޮތެއް ނެތެވެ. މެލޭޝިޔާގެ ސަންވޭ ޔުނިވާސިޓީން ސައިކޮލޮޖީން ޑިގްރީ ހަދަމުން ނިންމީ އެ ސަބަބާ ހެދި އެވެ.

"އަޅުގަނޑު ޕްރޮފެޝަނަލް އެހީ ބޭނުންވި އިރު އެ އެހީއެއް ނުލިބުނު. އެހެންވެ، ހިތަށް އެރީ އެއަށް އެބަޖެހެއޭ ބަދަލެއް ގެންނަން. އެހެންވިއްުޔާ، އަޅުގަނޑާ ހަމައިންނޭ މަސައްކަތް ފަށަންވީ. އެހާ ހިސާބުން ހިތަށްއެރީ ސައިކޮލޮޖީ ހަދަން،" ލަޔާލީ ބުންޏެވެ.