Roadha Mihaaru
ނިއޯސް އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފި

އިޓަލީގެ ނިއޯސް އެއާލައިނުން ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފި

25 އޮކްޓޯބަރ 2021

އިޓަލީގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ނިއޯސް އިން ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އިޓަލީގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ނިއޯސް އިން ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފި އެވެ.

އެ އެއާލައިނުން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލީ ކޮވިޑް-19އާ ގުޅިގެން މިދިޔަ އަހަރު ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެންނެވެ.

ނިއޯސް އިން މި ދަތުރުތައް ފެށުމާއެކު އިޓަލީގެ ރޯމާއި މިލާން އިން ރާއްޖެއަށް ހަފުތާއަކު އެއް ދުވަހު ދަތުރު ކުރާނެ އެވެ.

އިޓަލީއަކީ ކޮވިޑް-19ގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ. މިދިޔަ އަހަރު ވެސް އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތަކުގެ ތެރޭގައި އިޓަލީ ހިމެނެ އެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އެ ގައުމުގެ އެއާލައިންތަކުން ދަތުރުތައް މެދުކަނޑާލުމުން މިއަހަރުގެ މިހާތަނަށް އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު ވަނީ ދަށްވެފަ އެވެ.

ނިއޯސް އިން ރާއްޖެއަށް ދަތުރު ފެށުމުން ވީއައިއޭއިން މަރުހާބާ ކިޔައި ކުރި ޓްވީޓެއް--

ނިއޯސް އިން ރާއްޖެއަށް އަލުން ދަތުރުތައް ފެށީ ކުރިއަށް އޮތީ ފެސްޓިވަލް ސީޒަނަށް ވާތީ އެވެ. ކޮންމެ އަހަރަކު މި ދުވަސްވަރު އެ ގައުމުގެ ޓޫރިސްޓުންގެ މެދުގައި ރާއްޖެއަށް އޮންނަ ޑިމާންޑު އިތުރުވެ އެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 962,490 ޓޫރިސްޓުން އައިސްފައިވާއިރު މި މަސް ނިމޭއިރު އެއް މިލިއަން ހަމަވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވަނީ ލަފާކުރައްވައިފަ އެވެ.