Roadha Mihaaru
ގުރައިދޫ މަރުކަޒުން އަށް މީހަކު ހުޅުމާލެ ފެސިލިޓީއަށް

ގުރައިދޫ މަރުކަޒުން ހައި ރިސްކް އަށް މީހަކު ހުޅުމާލޭ ފެސިލިޓީއަށް

25 އޮކްޓޯބަރ 2021

ކ. ގުރައިދޫގައި ހިންގާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކޮވިޑް ފެތުރި ހާލަތު ގޯސްވެފައިވާތީ، އެތަނުން ހައި ރިސްކު އަށް މީހަކު ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ބަދަލުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކ. ގުރައިދޫގައި ހިންގާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކޮވިޑް ފެތުރި ހާލަތު ގޯސްވެފައިވާތީ، އެތަނުން ހައި ރިސްކު އަށް މީހަކު ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ބަދަލުކޮށްފި އެވެ.

ގުރައިދޫގައި ކޮވިޑް ބަލި އޮތްއިރު، މިހާތަނަށް 117 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. މީގެތެރޭގައި ގިނައީ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ މީހުންނެވެ. އެތަނުގެ ހަ މުވައްޒަފަކާއި 86 މީހުން ބައްޔަށް ޕޮޒިޓިވްވެ މިހާރު ތިބީ ކަރަންޓީންގަ އެވެ.

"މިހާތަނަށް ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒާ ނުގުޅޭ އެއްވެސް ބަޔަކު ގުރައިދޫން ޕޮޒިޓިވްވެފައެއް ނެތް،" ގުރައިދޫ ހެލްތު ސެންޓަރުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ރަށުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނީ 17 މީހެކެވެ. އެ މީހުންނަކީ ވެސް ގުރައިދޫ މަރުކަޒުގައި މަސައްކަތްކުރާ މީހުންނާ ބައްދަލުވި ބައެކެވެ.

ގުރައިދޫ މަރުކަޒުން ހާލު ދެރަވެގެން މާލެ ގެނައި މީހަކު މަރުވި ފަހުން ޓެސްޓްކުރިއިރު ބައްޔަށް ޕޮޒިޓިވްވި ނަމަވެސް އެއީ ކޮވިޑް މަރެއްގެ ގޮތުގައި އެޗްޕީއޭ އިން ނުނިންމަ އެވެ.

މިވަގުތު ގުރައިދޫއަށް އަރައި ފޭބުން ވެސް މަނާކޮށްފައި އޮތްއިރު އެރަށް ހުޅުވާލާނީ ބަލި ރަށު ތެރޭގައި ނެތް ކަން ޔަގީން ކުރެވުމުން ކަމަށް އޮފިޝަލް ވިދާޅުވެ އެވެ.

"ރަށުން ތެރެއިން ކޮވިޑްގެ ކޭހެއް ނުފެނު ނަމަވެސް އަޅުގަނޑުމެން ހުޅުވާލާނީ ރެންޑަމް ސާމްޕަލް ނަގައިގެން ރަށުގައި ބަލި ނެތްކަން ޔަގީންކުރެވުނީމަ. މިވަގުތު މަރުކަޒު ވެސް ލޮކްޑައުނެއްގައި އޮތީމަ ބެލެވެނީ ކޮންޓްރޯލްވާނެ ކަމަށް އަވަހަށް،" އޭނާ ވިދާޅުވި އެވެ.

ގުރައިދޫ މަރުކަޒު ލޮކްޑައުންކޮށް އެތަނަށް ސިއްހީ ހިދުމަތްތެރިންގެ ޓީމެއް ވެސް ވަނީ ފޮނުވައިފަ އެވެ.