Roadha Mihaaru
ފަސްޓް ލޭޑީ، ހުޅުމާލެ ފެސިލިޓީގެ ވޮލެންޓިއަަރަކަށް

ފަސްޓް ލޭޑީ، ވޮލެންޓިއަރެއްގެ ގޮތުގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި

24 މެއި 2021

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އެންމެ ގިނަ މީހުންނަށް ފަރުވާދޭ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު، ވޮލެންޓިއާކޮށް މަސައްކަތްޕުޅު ކުރައްވަން ފައްޓަވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އެންމެ ގިނަ މީހުންނަށް ފަރުވާދޭ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު، ވޮލެންޓިއާކޮށް މަސައްކަތްޕުޅު ކުރައްވަން ފައްޓަވައިފި އެވެ.

މިއަދަކީ ފަސްޓް ލޭޑީ ފަޒްނާގެ އުފަން ދުވަސް ކަމަށް ވުމުން، އެ ކަމަނާ އަށް ދުވަހުގެ ތަހުނިޔާ ފޮނުވަމުން، މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނުން ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ، ޗީފް ގައިޑް ފަޒްނާ މިއަދު ވެސް ހުންނެވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ވޮލެންޓިއަރެއްގެ ގޮތުގައި ހިދުމަތުގައި ކަމަށެވެ. އެކަމަކު، ކޮވިޑާ ގުޅިގެން ފަރުވާދޭ މީހުން އެޑްމިޓްކުރާ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ވޮލަންޓިއަރެއްގެ ގޮތުގައި ފަސްޓް ލޭޑީ މަސައްކަތްޕުޅު ކުރައްވަން ފެއްޓެވީ ކޮން ދުވަހަކުން ފެށިގެން ކަމެއް ނޭނގެ އެވެ.

ފަސްޓް ލޭޑީ އަކީ އަންހެނުންނާއި އަންހެން ކުދިންނަށް ވެސް ނަމޫނާއެއް ކަމަށް ގާލް ގައިޑް އެސޯސިއޭޝަނުން ބުންޏެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަން ގޯސްވަމުންދާތީ ވޮލަންޓިއާކޮށް މަސައްކަތް ކުރާނެ މީހުން ހޯދުމަށް ހެލްތު މިނިސްޓްރީން އިއުލާންކުރުމާ ގުޅިގެން އެކަމުގެ ޝައުގުވެރިކަން ފަސްޓް ލޭޑީ ކުރިން ވެސް ފާޅުކުރެއްވި އެވެ.

ފޭސްބުކްގައި އާންމުކުރެއްވި ޕޯސްޓެއްގައި އެ ކަމަނާ ކުރިން ވިދާޅުވެފައި ވަނީ ފުރުސަތު ދީފި ނަމަ ކޮވިޑްގެ ކަންކަމުގައި އެހީތެރިވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

މިދިޔަ އަހަރު، މާލެ އިން އެންމެ ފުރަތަމަ ކޮވިޑްގެ ބަލިމަޑުކަން ފެނުމާ އެކު ވެސް ފަޒްނާ ވަނީ ވޮލެންޓިއާކޮށް ބައެއް މަސައްކަތުގައި އުޅުއްވައިފަ އެވެ.

މިދިޔަ މަހު ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯއްދެވި ފަސްޓް ލޭޑީ ފަޒްނާ އަނެއްކާ ވެސް ވޮލެންޓިއާކޮށް މަސައްކަތް ކުރައްވަން ފެއްޓެވިއިރު، މިއީ ރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެކެވެ. ހާއްސަކޮށް މި ބަލީގައި އެންމެ ގިނަ މީހުން މިހާރު މަރުވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީން ކަމަށް ވާއިރު، ބަލިމީހުން ބޭނުންވާ ވަރުގެ ހިދުމަތްތައް ނުދެވޭ ކަމުގެ ޝަކުވާ ވަރަށް ބޮޑެވެ.

މީގެ ކުރިން ކޮވިޑްގެ އެއްވެސް ރާޅެއްގައި ހާލަތު ގޯސް ނުވާ ވަރަށް ރާއްޖޭގެ ހާލަތު ގޯސްވެފައިވާއިރު މިހާރު ސިއްހީ ހިދުމަތްތެރިންްގެ އަދަދު ވެސް ވަރަށް މަދެވެ. މިހެންވެ، ކޮވިޑް ފެސިލިޓީތަކުގައި ތިބި ބަލި މީހުންނަށް އެންމެ ރަނގަޅަށް އަޅާ ނުލެވޭ ކަމަށް ޑޮކްޓަރުން ބުނެ އެވެ.