Roadha Mihaaru
އިންތިހާބުގެ ނަތީޖާއާ ދެކޮޅު އަޑުތައް ގަދަވަނީ

އިރާގުގައި އިންތިހާބުގެ ނަތީޖާއާ ދެކޮޅު އަޑުތައް ގަދަވަނީ

25 އޮކްޓޯބަރ 2021

މިމަހުގެ 10 ވަނަ ދުވަހު އިރާގުގައި އޮތް އާންމު އިންތިހާބުގެ ނަތީޖާއާ ދެކޮޅަށް އުފުލާ އަޑުތައް ގަދަވާން ފަށާފައިވާ އިރު، މައްސަލަ އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި، ރައީސް ބަރްހަމް ސާލިހް މައްސަލައިގެ ތެރެއަށް ވަދެވަޑައިގެން ހައްލެއް ހޯއްދަވައިދެއްވުމަށް ގޮވާލަން ފަށައިފި އެވެ.

އިންތިހާބުގެ ނަތީޖާއާ ދެކޮޅަށް އިރާގުގެ އެކި ސަރަހައްދުތަކުގައި ބާއްވާ މުޒާހަރާތައް އިތުރުވެ، ބައިވެރިންގެ އަދަދުވެސް މިހާރު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އިންތިހާބުގެ ނަތީޖާ ބަލައިގަތުމަށް ދެކޮޅު ހަދާ ފަރާތްތަކުން، އެ ގައުމުގެ ރައީސް ބަރްހަމް ސާލިހަށް މިހާރު ގޮވާލަމުން ދަނީ، ހުރިހާ ވޯޓު ކަރުދާސްތައް ވަކިވަކިން އަތުން ގުނުމުގެ، ރިއާސީ އަމުރެއް ނެރެދެއްވައިގެން މައްސަލަ ހައްލު ކުރުމަށެވެ.

އޮކްޓޫބަރ 19، 2021؛ އިރާގުގައި ބޭއްވި އާންމު އިންތިހާބުގެ ނަތީޖާއާ ދެކޮޅު ހެދުމުގެ ގޮތުން ވެރިރަށް ބަގުދާދުގައި ބޭއްވި މުޒާހަރާއެއްގެ ބައިވެރިން ލިޔުންތައް ހިފައިގެން އަޑު އުފުލަނީ. --އޭއެފްޕީ

އޮކްޓޫބަރ 19، 2021؛ އިރާގުގައި ބޭއްވި އާންމު އިންތިހާބުގެ ނަތީޖާއާ ދެކޮޅު ހެދުމުގެ ގޮތުން ވެރިރަށް ބަގުދާދުގައި ބޭއްވި މުޒާހަރާއެއްގެ ބައިވެރިން ލިޔުންތައް ހިފައިގެން އަޑު އުފުލަނީ. --އޭއެފްޕީ

އިރާގުގައި ބޭއްވި އިންތިހާބުގެ ވޯޓު ކަރުދާސްތައް މައިގަނޑު ގޮތެއްގައި ގުނާފައިވަނީ މެޝިންތައް ބޭނުންކޮށްގެން އިލެކްޓްރޯނިކް ކޮށެވެ. ކޮންމެ ވޯޓު ކަރުދާހެއް ވަކިވަކިން ގުނާފައިވަނީ، ނަތީޖާއާ މެދުގައި ހިޔާލު ތަފާތުވުން އެފެދުނު ވަރަށް މަދު ސަރަހައްދެއްގަ އެވެ.

އިންތިހާބުގެ ނަތީޖާއާ މެދު މިހާރު އެންމެ ބޮޑަށް ދެކޮޅު ހައްދަވަނީ، އިރާގުގެ ކުރީގެ ބޮޑުވަޒީރު ނޫރީ އަލްމާލިކީގެ ޕާޓީ އާއި އެ ޕާޓީއާ ގުޅިފައިވާ ކުދި ޝީއީ ޕާޓީތަކެވެ. މާލިކީގެ ކޯލިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބުގެ އެކި ދާއިރާތަކުގެ ނަތީޖާއާ ގުޅޭ ގޮތުން މިހާތަނަށް ހުށަހަޅާފައި ހުރި ހުރިހާ ޝަކުވާތަކެއް ބަލަންޖެހޭނެ ކަމަށެވެ. އަދި ޝަކުވާ ނިސްބަތްވާ ހުރިހާ ދާއިރާތަކުގެ ވޯޓުތައް ވަކިވަކިން އަތުން ގުނަންޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އޮކްޓޫބަރ 20، 2021؛ އިރާގުގައި ބޭއްވި އާންމު އިންތިހާބުގެ ނަތީޖާއާ ދެކޮޅު ހެދުމުގެ ގޮތުން ވެރިރަށް ބަގުދާދުގައި ބޭއްވި މުޒާހަރާގައި ބައިވެރިވި ބަޔަކު އިރު އޮއްސުމުން މަޣުރިބު ނަމާދު ކުރަނީ. --އޭއެފްޕީ

މާލިކީގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ގައުމުގެ ރައީސަކީ ގައުމުގެ ގާނޫނުއަސާސީ ހިމާޔަތް ކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތް ކަމަށްވާއިރު، އިންތިހާބުގެ ނަތީޖާއާ މެދުގައި އުފެދިފައިވާ ދެބަސްވުންތައް ސުލްހަވެރި ގޮތެއްގައި ހައްލުކުރުމަށްޓަކައި، ރައީސް ބަރްހަމް ސާލިހް، މައްސަލައިގެ ތެރެއަށް ވަދެވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.

މިފަހަރުގެ އިންތިހާބުގެ ނަތީޖާ އަށް އެންމެ ބޮޑަށް ދެކޮޅު ހަދަމުން ގެންދަނީ، އިންތިހާބުގައި ބޮޑު ނާކާމިޔާބެއް ކުރިމަތިވި، އަލްފަތަހް ކޯލިޝަނެވެ. މިއީ އީރާންގެ މަދަދު ލިބިގެން ހަރަކާތްތެރިވާ ޝީއީންގެ ކުދި ޕާޓީތަކެއް ގުޅިގެން އުފައްދާފައި އޮންނަ ކޯލިޝަނެކެވެ. މިކޯލިޝަންގައި އިސްވެ ހުންނަވަނީ އިރާގުގެ ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ ހައިދަރު އަލްއައްބާދީ އެވެ.

އެ ކޯލިޝަނުން ބުނި ގޮތުގައި އިންތިހާބުތަކާ ބެހޭ ކޮމިޝަނުން މިހާރު އިއުލާންކޮށްފައިވާ ނަތީޖާއާ އެއްގޮތަށް ކުރިއަށް ދާން ވިސްނައިފި ނަމަ، އިރާގުގައި އިތުރު ދާހިލީ ހަނގުރާމައެއް ފެށުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

މިހާތަނަށް އިއުލާންކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން، ގާނޫނު ހަދާ މަޖިލީހުގެ 329 ގޮނޑީގެ ތެރެއިން އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ، ޝީއީންގެ ނުފޫޒު ގަދަ ލީޑަރު މުގްތަދާ އައް ސަދްރުގެ ޕާޓީ އެވެ. އެ ޕާޓީ އަށް 73 ގޮނޑި ލިބިފައިވެ އެވެ.

ސިޔާސީ ބައެއް ފަރާތްތަކުން އިންތިހާބުގެ ވަގުތީ ނަތީޖާއާ ދެކޮޅު ހަދައި ޝަކުވާ ހުށަހެޅި ކަމުގައި ވިޔަސް، އެ މައްސަލަ ހައްލުކުރުމުގައި ބޭރުގެ އެއްވެސް ގައުމެއްގެ ބައިވެރިވުން ހިމަނައިގެން ނުވާނެ ކަމަށް ސަދްރުގެ ޕާޓީން ބުނެ އެވެ. އޭނާ އެ އިޝާރާތް ކުރައްވަނީ، އީރާންގެ ނުފޫޒު ފޯރުވިޔަ ނުދިނުމަށެވެ.