09 އެޕްރީލް 2023
އީރާންގެ އާންމު ތަންތަނުގައި ބުރުގާ ނާޅައި އުޅޭ އަންހެނުން ވަކިކޮށް ދެނެގަތުމުގެ ބޭނުމުގައި، އެ ގައުމުގެ އާންމު ތަންތަނުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ގައުމުގެ ފުލުހުން އިއްޔެ ބުނެފި އެވެ.
އީރާންގެ އާންމު ތަންތަނުގައި ބުރުގާ ނާޅައި އުޅޭ އަންހެނުން ވަކިކޮށް ދެނެގަތުމުގެ ބޭނުމުގައި، އެ ގައުމުގެ އާންމު ތަންތަނުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ގައުމުގެ ފުލުހުން އިއްޔެ ބުނެފި އެވެ.
އީރާން ފުލުހުން ބުނި ގޮތުގައި އާންމު ތަންތަނުގައި ކެމެރާ ހަރުކުރުމަށް ފަހު، ބުރުގާ ނާޅައި އުޅޭ އަންހެނުން ދެނެގަތުމަށް ފަހު، އެފަދަ އަންހެނުންގެ ފޯނަށް، އިންޒާރުގެ ޓެކްސްޓް މެސެޖެއް ފޮނުވާނެ އެވެ. އެ މެސެޖްގައި ހަނދާންކޮށްދީފައި ވާނީ، އެ ގައުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ބުރުގާ ނާޅައި އާންމު ތަންތަނުގައި އުޅޭ ނަމަ، ކުރިމަތިވެދާނެ ނަތީޖާއަކާ މެދު ސަމާލުވުމަށެވެ.
ފުލުހުން ބުނާ ގޮތުގައި ބުރުގާ ނާޅައި އާންމު ތަންތަނަށް ނުކުމެ އުޅޭ އަންހެނުންނަށް މެދު އަމަލުކުރުމަށް ކަނޑައެޅި އާ އުސޫލުގެ ސަބަބުން، ބުރުގާ އެޅުން މަޖުބޫރުކުރާ ގާނޫނާ ދެކޮޅު ހަރަކާތްތައް މަދުވެގެން ދާނެ އެވެ.
ބުރުގާ ނާޅައި އުޅޭ އަންހެނުން ދެނެގަތުމަށް ކެމެރާ ހަރުކުރުމުގެ މަސައްކަތް އީރާން ސަރުކާރުން މި ފެށީ، ބުރުގާ އެޅުން މަޖުބޫރުކުރާ ގާނޫނާ ދެކޮޅަށް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އެ ގައުމުގައި މުޒާހަރާކޮށް ބޮޑެތި ހަމަނުޖެހުންތައް ހިންގާފައިވަނިކޮށެވެ. އީރާން ސަރުކާރާ ދެކޮޅަށް އެ ގައުމުގައި މުޒާހަރާތައް ފެށީ، ސަރުކާރުގެ މިންގަނޑާ ޚިލާފަށް ބުރުގާ އަޅައިގެން އުޅެނިކޮށް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ހައްޔަރުކުރި، މަހްސާ (ޒީނީ) އަމީނީ، 22، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުރި އަނިޔާތަކުގެ ސަބަބުން މަރުވުމާ ގުޅިގެންނެވެ.
އޭނާ މަރުވީ، ފުލުހުންގެ އަނިޔާތަކުން އޭނާގެ ސިކުޑިއަށާއި އެތެރެ ހަށްޓަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ކޯމާއެއްގައި އޮންނަތާ ތިން ދުވަސް ފަހުން، ސެޕްޓެމްބަރު 16، 2022ގަ އެވެ.
އޭގެ ފަހުން މުޅި އީރާނަށް ފެތުރިގެން ދިޔަ މުޒާހަރާތަކުގައި، 200 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާ އިރު، ސަރުކާރުން ހައްޔަރު ކުރި މީހުންގެ ފުރިހަމަ އަދަދެއް މުޅިން ޔަގީނެއް ނުވެ އެވެ. ނަމަވެސް ހައްޔަރު ކުރި މީހުންގެ ތެރެއިން 40 އަށް ވުރެ ގިނަ މީހުންގެ މައްސަލަ ޝަރީއަތަށް ހުށަހަޅާފައިވާ އިރު، މަރުގެ ހުކުމް އިއްވައި މިހާތަނަށް ހަތަރު މީހަކު ވަނީ ދަންޖައްސައި މަރާލައިފަ އެވެ.
އީރާންގެ ރަސްމީ ނޫސް އޭޖެންސީގައި އިއްޔެ އާންމު ކުރި ފުލުހުންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އާންމުން ނުކުމެ އުޅޭ ތަންތަނުގައި ހަރުކުރާނީ ސްމާޓް ކެމެރާތަކެކެވެ. އެ ކެމެރާތަކުން އެފަދަ އަންހެނުންގެ މޫނު ދެނެގަތުމުން، އެމީހުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފޯނަށް، އިންޒާރުގެ މެސެޖެއް ފޮނުވާނެ އެވެ.
އާންމު ތަންތަނަށް ނުކުމެ އުޅޭ އިރު، އިސްތަށިގަނޑު ނިވައިވާ ގޮތަށް ބުރުގާ އެޅުން އީރާނުގައި މަޖުބޫރު ކުރީ، 1979 ވަނަ އަހަރު އެ ގައުމަށް ގެނައި އިސްލާމީ އިންގިލާބަށް ފަހު، އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚުމައިނީ އުފެއްދެވި ސަރުކާރުން އަމަލުކުރަން ފެށި ގާނޫނެއްގެ ދަށުންނެވެ. އޭގެ ފަހުން އެ ގާނޫނާ ޚިލާފަށް އުޅޭ އަންހެނުން ހައްޔަރުކުރުމާއި ޖޫރިމަނާ ކުރުމުގެ އަދަބު އަންނަނީ ތަންފީޒުކުރަމުންނެވެ.
އދ.ގެ އަންހެނުންގެ ކޮމިޝަނުން އީރާން ބޭރުކޮށްފި
އީރާންގެ މަޝްހޫރު ފިލްމީ ތަރި ހައްޔަރުކޮށްފި
މަހްސާގެ ބައްޕަ ހައްޔަރުކޮށް، ހަނދާން އާކުރުން މަނާ
މުޒާހަރާތަކުން ހައްޔަރުކުރި އިތުރު ދެ މީހަކު މަރައިފި
އީރާނުގައި 39 މީހުން ދަންޖެއްސުން އެކަށީގެންވޭ
މުޒާހަރާގެ އިތުރު ބައިވެރިއަކު ދަންޖައްސައިފި
މުޒާހަރާއިން ހައްޔަރުކުރި މީހުން ދަންޖައްސަނީ
އީރާންގެ މުޒާހަރާތަކުގައި 200 އަށް ވުރެ ގިނަ މަރު
"ހަމަނުޖެހުމާއި ޓެރަރިޒަމްގެ މައި ޝައިތޯނަކީ އެމެރިކާ"
ގައުމީ އެއްބައިވަންތަކަމަށް ރައީސީ ގޮވާލައްވައިފި