Roadha Mihaaru
އީރާނުގައި 39 މީހުން ދަންޖެއްސުން އެކަށީގެންވޭ

އީރާނުގައި 39 މީހުން ދަންޖެއްސުން އެކަށީގެންވޭ

19 ޑިސެމްބަރ 2022

އީރާން ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒަހަރާތަކުން ހައްޔަރުކޮށް ޝަރީއަތަށް ހުށަހަޅާފައިވާ މީހުންގެ ތެރެއިން 39 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުން ވަރަށް ބޮޑަށް އެކަށީގެންވާ ކަމަށް، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެމްނެސްޓީ އިންޓަނޭޝަނަލް އިން އިއްޔެ ބުނެފި އެވެ.

އީރާން ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒަހަރާތަކުން ހައްޔަރުކޮށް ޝަރީއަތަށް ހުށަހަޅާފައިވާ މީހުންގެ ތެރެއިން 39 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުން ވަރަށް ބޮޑަށް އެކަށީގެންވާ ކަމަށް، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެމްނެސްޓީ އިންޓަނޭޝަނަލް އިން އިއްޔެ ބުނެފި އެވެ.

އެ ޖަމާއަތުން ބުނި ގޮތުގައި މުޒާހަރާތަކުން ހައްޔަރުކޮށް މިހާތަނަށް މަރުގެ ހުކުމް އިއްވާފައި ތިބި މީހުންގެ ޖުމްލަ އަދި މުޅިން ސާފު ނުވި ނަމަވެސް، މިހާތަނަށް ދެ މީހަކު ވަނީ، ހުކުމް ތަންފީޒުކުރުމުގެ ގޮތުން ދަންޖައްސައި މަރައިފަ އެވެ. އަދި މިހާރު ޝަރީއަތަށް ހުށަހަޅާފައި ތިބި މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ބަލާއިރު، މަދުވެގެން 27 މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވައި ދަންޖައްސައިގެން މަރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

މިހާރު ޝަރީއަތް ކުރިއަށް ދާ ގޮތަށް ބަލާއިރު، ހައްޔަރުކޮށްފައި ތިބި ބައެއް މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވުން އެކަށީގެންވާ ފަދަ ދައުވާތައް ހުރުމުން، ގިނަވެގެން 39 މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވާނެ ކަމަށް ބެލެވެ އެވެ. މަރުގެ ހުކުމް އިއްވާނެ ކަމަށް ލަފާ ކުރެވޭ މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުދިން ވެސް ހިމެނެ އެވެ.

ތުހުމަތުތަކުން ދިފާއުވުމަށް އެކަށީގެންވާ ގާނޫނީ ފުރުސަތު ދިނުމެއް ނެތި، ކުރިއަށް ގެންދާ ޝަރީއަތުގެ މަރުހަލާތަކުގައި ކަން ހިނގާ ގޮތާ މެދު ކަންބޮޑުވާކަން ހާމަކޮށް، އެމްނެސްޓީގެ ފަރާތުން ވަނީ އީރާންގެ އުއްތަމަ ފަނޑިޔާރު ޣުލާމް ހުސައިން މުހްސިނީ އީޖޭ އަށް ސިޓީއެއް ފޮނުވައިފަ އެވެ.

އީރާންގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން މިދިޔަ ހޮނިހިރު ދުވަހު ބުނި ގޮތުގައި މުޒާހަރާތަކުން ހައްޔަރު ކުރި މީހުންގެ ތެރެއިން މަރުގެ ހުކުމް އިއްވާނީ ކިތައް މީހުންކަން ބުނާކަށް ނޭނގެ އެވެ. މިހާރު ލަފާ ކުރެވޭ މިންވަރަށް ވުރެ އެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ އިރު، ހައްޔަރުކުރި މީހުންގެ މައްޗަށް ހިންގާ ޝަރީއަތާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދެއްކުމަށް، އެ މީހުންގެ އާއިލާތަކަށް ސަރުކާރުން ފިއްތުންތައް ކުރިމަތިކޮށް ބިރުދައްކަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

އެމެނެސްޓީން ބުނި ގޮތުގައި ޝަރީއަތަށް ހުށަހަޅާފައިވާ މީހުންގެ ދިފާއުގައި ވަކާލާތު ކުރާނެ ގާނޫނީ ވަކީލުން ބޭނުންކުރުމުގެ ފުރުސަތާއި އަމިއްލަ ނަފްސުގެ ދިފާއުގައި އެކަށީގެންވާ މަސައްކަތް ކުރުމުގެ ފުރުސަތެއް، އީރާންގެ އިންގިލާބީ ކޯޓުގައި މިހާރު ހިންގާ ޝަރީއަތްތަކުގައި ނުލިބެ އެވެ. އެހެންކަމުން، އެމީހުންގެ މައްޗަށް އަދުލުވެރި ޝަރީއަތެއް ހިންގައި ކުށުން ބަރީއަވުމުގެ ފުރުސަތު ނެތް ކަމަށް އެ ޖަމާއަތުން ބުނެ އެވެ.

މުޒާހަރާތަކުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ 18 އަހަރުން ދަށުގެ ތިން ކުއްޖެއްގެ މައްޗަށް ވެސް، ޝަރީއަތް ކުރަމުން ދަނީ ބޮޑެތި މީހުންގެ މައްޗަށް ޝަރީއަތް ހިންގާ ކޯޓުގަ އެވެ. މިއީ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ ޚިލާފަށް އީރާނުން ކުރާ ކަމެކެވެ.