Roadha Mihaaru
ސެޓެލައިޓް ސްކޫލުތައް ހުޅުވުން ފަސްކޮށްފި

ސެޓެލައިޓް ސްކޫލުތައް ހުޅުވުން އަންނަ މަހަށް ފަސްކޮށްފި

24 އޮކްޓޯބަރ 2021

ރާއްޖޭގެ ތިން ރަށެއްގައި ގާއިމުކުރާ ސެޓެލައިޓް ސްކޫލުތައް ހުޅުވުން އަންނަ މަހަށް ފަސްކޮށްފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން އެ ގޮތަށް ނިންމިއިރު ކުރިން ތާވަލު ކޮށްފައި އޮތީ މިއަދު އެ ސްކޫލުތައް ހުޅުވާ ގޮތަށެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ ތިން ރަށެއްގައި ގާއިމުކުރާ ސެޓެލައިޓް ސްކޫލުތައް ހުޅުވުން އަންނަ މަހަށް ފަސްކޮށްފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން އެ ގޮތަށް ނިންމިއިރު ކުރިން ތާވަލު ކޮށްފައި އޮތީ މިއަދު އެ ސްކޫލުތައް ހުޅުވާ ގޮތަށެވެ.

"ސެޓެލައިޓް ސްކޫލް" ގާއިމު ކުރަނީ ސްކޫލް ނެތް ރަށްރަށާއި ކުދިން ހަމަނުވުމުގެ ސަބަބުން ސްކޫލް ނުހިންގޭ ރަށްރަށުގަ އެވެ. މި މަސައްކަތުގެ ދަށުން، ބ. ފެހެންދު އާއި ވ. ރަކީދޫ އަދި ވ. ތިނަދޫގައި ސެޓެލައިޓް ސްކޫލު އިމާރާތް ކުރުމުގެ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ވަނީ ފަށައިފަ އެވެ.

ސްކޫލްތައް ހުޅުވުން ފަސްކޮށްފައިވާ ކަން މި ތިން ރަށުގެ ކައުންސިލުން "މިހާރު" އަށް ކަށަވަރު ކޮށްދިނެވެ.

ފެހެންދޫ ކައުންސިލްގެ ރައީސް ޖާދުﷲ އަލީ "މިހާރު" އަށް ވިދާޅުވީ ސްކޫލު ހުޅުވުން ފަސްކުރަން ޖެހުނީ އަދިވެސް ބައެއް މަސައްކަތް ނުނިމޭތީ ކަމަށެވެ. ސްކޫލު ހުޅުވާނެ ސީދާ ތާރީހެއް އަދި ނޭނގުނު ނަމަވެސް، އަންނަ މަހު ހުޅުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އެންގި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ކުރަމުން އަންނަނީ އިމާރާތުގެ ފިނިޝިންގެ މަސައްކަތްތައް. ދެން ސެޓެލައިޓް ސްކޫލެއް ވީމާ ވަރަށް ގިނަ އިލެކްޓްރޯނިކް ސާމާނު އެބަ ބޭނުންވޭ. އެހެންވެ އެ އެއްޗެހި ގެނެސް އިންސްޓޯލްކުރުމާ އެ ކަހަލަ މަސައްކަތް މިހާރު ކުރިއަށް ދަނީ،" ޖާދުﷲ ވިދާޅުވި އެވެ.

މި ތިން ސްކޫލުގައި ކިޔަވަން ބޭނުންވާ ކުދިން މި މަހު 14 ގެ ކުރިން ފޯމު ހުށަހަޅަން ވެސް އެޑިއުކޭޝަން މިނިސްޓްރީން ހުޅުވައިލި އެވެ.

ސެޓެލައިޓް ސްކޫލް ހުޅުވުން ފަސްކުރުމާ ގުޅޭ ގޮތުން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.

ސެޓެލައިޓް ސްކޫލުތަކުގައި ކިޔަވައި ދިނުމަށްޓަކައި ކޮންމެ ރަށެއްގައި ކުދިން ހާޒިރުވެގެން ކިޔަވާނެ އިމާރާތަކާއި ކޮންމެ ގްރޭޑަކަށް ކިޔަވައިދޭނެ މުދައްރިސުން ވެސް ތިބޭނެ އެވެ. މި ގޮތަށް ކިޔަވައިދޭއިރު ކޮންމެ ދަރިވަރަކަށް ވެސް ބޭނުންވާނެ އިންޓަނެޓާއި ކޮމްޕިއުޓަރުގެ ވަސީލަތްތައް މިނިސްޓްރީން ހަމަޖައްސައިދޭނެ އެވެ.

ކިޔެވުމުގެ އިތުރުން އެހެނިހެން ތަޖުރިބާތައް ދަރިވަރުންނަށް ދޭނީ އެހެން ރަށްރަށުގެ ސްކޫލުތަކާ ވެސް ގުޅިގެންނެވެ. އެނގިފައިވާ ގޮތުގައި މި ތިން ސްކޫލްގެ މައި ހަބެއްގެ ގޮތުގައި ބޭނުން ކުރާނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލެވެ. އޮންލައިންކޮށް ކިޔަވައިދޭނީ ވެސް އެ ސްކޫލުގެ ޓީޗަރުންނެވެ.

ދައުލަތުގެ ބަޖެޓުން އެއް މިލިއަން ރުފިޔާ ހަރަދު ކޮށްގެން ފެހެންދޫގައި ސެޓެލައިޓް ސްކޫލް އިމާރާތްކުރަން ހަވާލުކުރީ ކޭޑީ އެންޓަޕްރައިސަސްއާ އެވެ. ތިނަދު އާއި ރަކީދޫގެ ސެޓެލައިޓް ސްކޫލް އިމާރާތްކުރަން ހަވާލުކުރީ އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާ އެވެ. ތިނަދޫ ސްކޫލަށް އެއް މިލިއަން ރުފިޔާ އަދި ރަކީދޫ ސްކޫލު އަޅަން ދެ މިލިއަން ރުފިޔާ ހަރަދުކުރެ އެވެ.