Roadha Mihaaru
ދައްތަ އާއި ކޮއްކޮ ޖާމިނުކޮށް އައްމަޓީ ދޫކޮށްލައިފި

ދައްތައަކާއި ކޮއްކޮ ޖާމިނުކޮށް އައްމަޓީ ދޫކޮށްލައިފި

20 އޮކްޓޯބަރ 2021

ހުޅުމާލޭގައި ފްލެޓް އިމާރާތްކޮށްދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި ހިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލިފައިވާ އަހްމަދު މުސާ (އައްމަޓީ) މިއަދު ބަންދުން ދޫކޮށްލައިފި އެވެ.

ހުޅުމާލޭގައި ފްލެޓް އިމާރާތްކޮށްދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި ހިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލިފައިވާ އަހްމަދު މުސާ (އައްމަޓީ) މިއަދު ބަންދުން ދޫކޮށްލައިފި އެވެ.

ކްރިމިނަލް ކޯޓުން ޝަރުތުތަކަކާ އެކު އޭނާ ބަންދުން ދޫކޮށްލީ ދައްތައަކާއި އަންހެން ކޮއްކޮއަކު ޖާމިނުކޮށެވެ. ރަށުން ބޭރަށް ނުދިއުމަށާއި ކޮންމެ ދުވަހަކު ހެނދުނު 9:30 އަށް ކަރެކްޝަންސަށް ހާޒިރުވުމާއި ހެކިންނަށް ނުފޫޒު ނުފޯރުވަން އޭނާ އަށް ޝަރުތުކޮށްފައިވެ އެވެ.

އައްމަޓީ ބަންދުން ދޫކޮށްލިއަސް ބޭރަށް ފުރައިގެން ނުދެވޭނެ އެވެ. އޭނާގެ ޕާސްޕޯޓް އޮތީ ހިފަހައްޓައިފަ އެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ބުކިން ފީގެ ގޮތުގައި ފައިސާ ނެގުމަށް ފަހު، ފައިސާ އަނބުރާ ނުދީ އަންމަޓީ ފިލައިގެން އުޅެނިކޮށް އޭނާ ރާއްޖެ ގެނެސް 42 ދައުވާއެއް އުފުލައި އޭނާ ބަންދުކުރީ އެ މައްސަލަތަކުގެ ޝަރީއަތް ނިމެންދެންނެވެ.

ޖިނާއީ އިޖުރާއަތުގެ ގާނުނުގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖައާކުރަން ޖެހޭތީ އެންމެ ފަހުން ބޭއްވި އަންމަޓީގެ ބަންދު އަޑުއެހުމުގައި އޭނާ އެދިފައި ވަނީ ނުފިލާނެކަން ކަށަވަރު ކުރެވޭ ފިޔަވަޅުތަކެއް އަޅާފައި ދޫކޮށްލާށެވެ. ނަމަވެސް، އޭނާ ފިލާފާނެ ކަމަށް ގަބޫލު ކުރެވޭތީ އެކަމަށް ދައުލަތުން މީގެ ކުރިން ދެކޮޅު ހެދީ އެވެ.

ސީލައިފް ޕްރޮޖެކްޓް ފެށުމުގެ ރަސްމިއްޔާތުގައި އައްމަޓީ ބައިވެރިވަނީ.

ސީލައިފް ޕްރޮޖެކްޓް ފެށުމުގެ ރަސްމިއްޔާތުގައި އައްމަޓީ ބައިވެރިވަނީ.

އައްމަޓީ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ތަހުގީގަށް ހާޒިރު ނުވެ ރާއްޖެއިން ބޭރުގައި އުޅެފަ އެވެ. އޭނާ ހޯދަން 2019 ވަނަ އަހަރު އިންޓަޕޮލް ރެޑް ނޯޓިސް ވެސް ނެރުނެވެ. ލަންކާގެ ފުލުހުން އޭނާ މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކުރުމުން ޖެހިގެން އައި މާޗް މަހު ދިވެހި ފުލުހުން ވަނީ އެ ގައުމަށް ގޮސް އޭނާ ރާއްޖެ ގެނެސްފަ އެވެ.

އަންމަޓީ ކޯޓުގައި ބުނެފައިވާ ގޮތުގައި އޭނާ އުޅުނީ ފިލައިގެންނެއް ނޫނެވެ. ލަންކާގައި އުޅުނީ އެ ގައުމުގެ މީހަކާ އިނދެގެން ކަމަށް ބުންޏެވެ.

ސީ ލައިފުން ފައިސާ އަނބުރާ ނުދިނުމުގެ ސަބަބުން ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ކޯޓުގައި ދައުވާކުރުމުން ސަރުކާރުން މައްސަލައިގެ ތެރެއަށް ވަދެ، ދައުވާކުރި މީހުންނަށް ބަދަލުދޭން ވަނީ ނިންމައިފަ އެވެ. އެގޮތުން، ފައިސާގެ ބަދަލުގެ އިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް ކޯޓުން ބޭރުގައި މައްސަލަ ވަނީ ނިންމައިފަ އެވެ.

އައްމަޓީ މިއަދު ދޫކޮށްލި އިރު، ސީ ލައިފަށް ފައިސާ ދެއްކި މީހުންނަށް ހުޅުމާލެ ވިނަރެސް އެޕާޓްމެންޓް ގަތުމަށް ރޭ ވަނީ ހުޅުވާލައިފަ އެވެ.