Roadha Mihaaru
"ތިއީ ކީއްކުރާ ތަނެއް؟" ހޭ ބުނުމުން ޖަލަށް

ކޯޓުގައި "ތިއީ ކީއްކުރާ ތަނެއް؟" ހޭ ބުނުމުން 15 ދުވަހަށް ޖަލަށް

15 މެއި 2022

ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހެއްގައި "ތިއީ ކީއްކުރާ ތަނެއް" ހޭ މީހަކު ބުނުމުން ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި އޭނާ 15 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހެއްގައި "ތިއީ ކީއްކުރާ ތަނެއް" ހޭ މީހަކު ބުނުމުން ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި އޭނާ 15 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

ރޭޕްގެ ދައުވާލިބޭ މީހަކު ކޯޓުގައި އެގޮތަށް ބުނީ ބަންދުގައި ތިބޭ މީހުންގެ ބޭސްފަރުވާއާ ގުޅިގެން ކްރިމިނަލް ކޯޓަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށާއި އެކަމުގައި ހައްލެއް ހޯދަން ދާންޖެހޭނީ ސިވިލް ކޯޓަށް ކަމަށް ގާޒީ ވިދާޅުވުމުންނެވެ. ގާޒީ އެގޮތަށް ވިދާޅުވީ ހައި ކޯޓުން ދާދިފަހުން އެގޮތަށް ނިންމާފައިވާތީ އެވެ.

ޝަރީއަތުގައި ގާޒީ އަލީ ނަދީމް އެގޮތަށް ވިދާޅުވުމުން އެ މީހާ ވަނީ ކްރިމިނަލް ކޯޓަށް ނިސްބަތްކޮށް، "ތިއީ ކީއްކުރާ ތަނެއް؟" ހޭ ބުނެފަ އެވެ. އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމުގައި ބަލައި، އޭނާ 15 ދުވަހަށް ޖަލަށްލާން ހުކުމްކުރީ މިދިޔަ ހަފުތާގަ އެވެ.

ކޯޓުގައި އަޑުގަދަކުރުމާއި ދައުލަތުގެ ވަކީލުންނާއި ގާޒީއާ ދިމާލަށް ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމުން ވެސް ދާދިފަހުން ބައެއް މީހުން ޖަލަށްލާން މީގެކުރިން ވެސް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. ކޯޓުގައި ހުރެގެން ކޯޓުގެ ހުރުމަތް ކެނޑުމަކީ ވަގުތުން އަދަބު ކަނޑައެޅޭ ކުށެކެވެ.