Roadha Mihaaru
ލަމްހާއަށް ކާން އަޅައިދޭނެ މީހުންނާއި ލޯންޑްރީ ސާވިސްދޭ

ލަމްހާއަށް ކާން އަޅައިދޭނެ މީހުންނާއި ލޯންޑްރީ ޚިދުމަތް ޖަލުގައި ދޭ: ދައުލަތް

19 މެއި 2022

ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާއަށް ޖަލުގައި ލޯންޑްރީ ޚިދުމަތާއި ތައްޓަށް ކާ އެއްޗެހި އަޅައި ދިނުމުގެ އިންތިޒާމާއި އިތުރު ގިނަ ލުއިތަކެއް ވެސް ހަމަޖައްސާފައިވާ ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ.

ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާއަށް ޖަލުގައި ލޯންޑްރީ ޚިދުމަތާއި ތައްޓަށް ކާ އެއްޗެހި އަޅައި ދިނުމުގެ އިންތިޒާމާއި އިތުރު ގިނަ ލުއިތަކެއް ވެސް ހަމަޖައްސާފައިވާ ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ.

ލަމްހާގެ މައްޗަށް ދައުވާ ކުރަނީ އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ނަރުހެއް ކަމަށްވާ މޭރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މަރާލުމުގައި އޭނާ ފިރިމީހާ މާވިންއާ ގުޅިގެން ލަމްހާ ބައިވެރިވި ކަމަށް ބުނެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން އެގޮތަށް ބުނީ ޑޮކްޓަރުންގެ ލަފައާ ގުޅިގެން ލަމްހާގެ ބޭސްފަރުވާގެ ކަންކަން ޖަލުގައި ހަމަޖައްސައިދީފައިވާ ގޮތް ތަފްސީލުކޮށް ދެމުންނެވެ. އެގޮތުން، ބަރު އެއްޗެހި ނުއުފުލަން ލަފާ ދީފައިވާތީ ފެން ބާލިދީ އުފުލަން ނުޖެހޭ ގޮތަށް އިސްކުރުގައި ހަރުކުރާނެ ހަ ފޫޓުގެ ހޮޅިއެއް ފޯރުކޮށްދީފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

ލަމްހާ ސިޑިން ތަންތަނަށް އަރާއިރު ކަރެކްޝަންސް އޮފިސަރުން އެހީތެރިވާން ތިބޭނެ ކަމަށާއި އަދި އަމިއްލައަށް އެއްޗެހި ދޮންނަން ނުޖެހޭ ގޮތަށް ލޯންޑްރީ ޚިދުމަތް ވެސް ލަމްހާއަށް ދިން ކަމަށް ދައުލަތުން ބުންޏެވެ. އެކަމަކު ދައުލަތުން ބުނިގޮތުގައި ލޯންޑްރީ ޚިދުމަތް ލަމްހާ ބޭނުމެއް ނުވި އެވެ.

ދައުލަތުން ބުނިގޮތުގައި ލަމްހާ ކައިރިއަށް މުވައްޒަފުން ގޮސް އޭނާގެ ތައްޓަށް ކާތަކެތި އަޅައިދޭނެ އިންތިޒާމް ވެސް އޮތީ ހަމަޖައްސައިފަ އެވެ.

ހޮޅިގަނޑެއް ދިން، ތެދެއް އެއީ. އެ ނޫން ކަމެއް ނުވޭ. ފުރަގަހަށް ބިޑި އެޅުވުން ފަދަ ކަންކަން އަދިވެސް ކުރޭ: ލަމްހާ

ލަމްހާގެ މައްޗަށް ކުރާ ދައުވާތައް

- އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ

- ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ

- އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ

ލަމްހާ ގޭ ބަންދަށް ބަދަލުކުރަން އޭނާގެ ފަރާތުން އެދިފައިވާތީ ދައުލަތުން ބުނިގޮތުގައި ލަމްހާގެ ސިއްހީ މައްސަލަތަކާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލަށް ދެއްކުމުން ދެ ތަނުން ދިން ލަފާގައި މާ ބޮޑު ތަފާތެއް ނެތެވެ. އެގޮތުން ފިޒިއޮތޮރަޕީ އާއި ކަސްރަތު ކުރަން ލަފާ ދީފައިވާތީ ޖަލުގައި އެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

ލަމްހާ ކުރީގެ އަޑުއެހުމެއްގައި

ލަމްހާ ކުރީގެ އަޑުއެހުމެއްގައި

ލަމްހާގެ ވަކީލުން ވިދާޅުވި ގޮތުގައި ދައުލަތުން ވާހަކަ ދައްކަނީ އޮޅުވާލައިގެންނެވެ. ލަމްހާ ގޭގައި ބެޑްރެސްޓް ކުރަން ޑޮކްޓަރުން ދެ ފަހަރަށް ލަފާ ދީފައިވާތީ އޭނާ ހުންނަން ޖެހެނީ ގޭގައި ކަމަށާއި އަދި ޖަލުގައި ކަސްރަތު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ ޑޮކްޓަރުގެ ލަފައަށް އަމަލު ކުރުން ނޫން ކަމަށް ވަކީލުން ވިދާޅުވި އެވެ.

ޑޮކްޓަރަށް ގެންދާއިރު ލަމްހާގެ އާއިލާ އާއި ވަކީލުންނަށް ނާންގާތީ އެކަމުގެ ޝަކުވާ ވެސް ވަކީލުންކުރި އެވެ.

ރައްދުގައި ދައުލަތުން ބުނީ ލަމްހާ ގޭގައި ބެޑްރެސްޓް ކުރަން ޑޮކްޓަރުން ލަފާ ނުދޭ ކަމަށެވެ. "ބެޑް ރެސްޓް އެޓް ހޯމް" ގެ މާނައަކީ އެ މީހަކު ހުންނަ ތަނެއްގައި އަރާމު ކުރުމުގެ ވާހަކަ ކަމަށް ދައުލަތުން ބުންޏެވެ. އަދި ބަންދުގައި ތިބޭ މީހުން ގޭގައި ބައިތިއްބަން އެންގުމުގެ ބާރު ޑޮކްޓަރުންނަކަށް ނޯންނާނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ދެން ދައުލަތުން ދެއްކީ ހައި ކޯޓުގެ ހުކުމެކެވެ. އެއީ ސިއްހީ ފަރުވާގެ މައްސަލާގައި ބަންދުން ދޫނުކުރެވޭނެ ކަމަށް ހައި ކޯޓުން ދާދިފަހުން ނިންމާފައިވާ ނިންމުމެވެ.

ރައްދުގައި ލަމްހާގެ ވަކީލުން ވިދާޅުވީ ހައި ކޯޓުގެ އެ ނިންމުމާއި ލަމްހާގެ މައްސަލަ ތަފާތު ކަމަށެވެ. ހައި ކޯޓުގެ އެ ނިންމުމަކީ ޖަލުގައި ފަރުވާ ދޭން ޑޮކްޓަރުން ދިން ލަފައަށް އަމަލު ނުކުރި މައްސަލައެއް ކަމަށް ވިޔަސް، ލަމްހާގެ މައްސަލައަކީ ގޭގައި ބަހައްޓަން ޑޮކްޓަރުން ލަފާ ދިން މައްސަަލައެއް ކަމަށް ވަކީލުން ވިދާޅުވި އެވެ.

"ދިނީ ހޮޅިގަނޑެއް އެކަނި، އަދިވެސް ފުރަގަހަށް ބިޑި އަޅުވާ"

އެ އަޑުއެހުމުގައި ލަމްހާ ބުނީ ހޮޅިގަނޑެއް ފޯރުކޮށް ދިނަސް، އަދިވެސް ބާލިދީ ބޭނުން ކުރަން ޖެހޭ ކަމަށެވެ. ނާރުގެ ޑޮކްޓަރަކަށް ދާދިފަހުން ދެއްކުމުން ވެސް ޑޮކްޓަރުގެ މާ ބޮޑު އަޅާލުމެއް ނުލިބުނު ކަމަށް ލަމްހާ ބުންޏެވެ.

ލަމްހާ ބުނިގޮތުގައި ގަދަ ކަނޑުގައި އެއް ގަޑިއިރުގެ ދަތުރެއް ކޮށްފައިވާ ޑޮކްޓަރަށް ގެންދިއުމުން މާ ބޮޑު އަޅާލުމެއް ނުލިބުނުއިރު، ދަތުރު ކުރަން ޖެހުމުން އޭނާގެ އުނަގަނޑު އިތުރަށް ރިއްސަން ވެސް ފެށި އެވެ. އަލުން ޑޮކްޓަރަށް ދެއްކުމުން ވެސް ލަފާ ދިނީ ބެޑްރެސްޓް ކުރަން ކަމަށް އޭނާ ބުންޏެވެ. ހޮޅިގަނޑެއް ދިނުން ފިޔަވައި އޭނާއަށް ލިބުނު އިތުރު ފަސޭހައެއް ނެތް ކަމަށް ލަމްހާ ބުންޏެވެ.

"ޕްރޮސެކިއުޓަރުން ބޭނުންވާ ކަންކަން އަވަހަށް ކުރަން ހަދައިގެން އަޅުގަނޑުގެ މައިބަދައިގެ ދެން ހުރި ތަންތަން ހަލާކު ކަން ނޭނގެ ވާނީ." ލަމްހާ ބުންޏެވެ.

"ހޮޅިގަނޑެއް ދިން، ތެދެއް އެއީ. އެ ނޫން ކަމެއް ނުވޭ. ފުރަގަހަށް ބިޑި އެޅުވުން ފަދަ ކަންކަން ވެސް އަދިވެސް ކުރޭ." ލަމްހާ ބުންޏެވެ.

ލަމްހާގެ ބަންދާ ގުޅޭގޮތުން ދައުލަތުން އިތުރަށް ޖަވާބުދާރީވާން ބޭނުންވާތީ އޭނާގެ ބަންދު މުރާޖާއާ މެދު މިއަދު ވެސް ފަހުގެ ނިންމުމެއް ނުނިންމަ އެވެ. އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވީ ދެން އޮންނަ އަޑުއެހުމެއްގައި އެ ބައި ކުރިއަށް ގެންދިއުމަށެވެ.