Roadha Mihaaru
އެމެރިކާއިން ރާއްޖެއަށް އާ ސަފީރެއް ކަނޑައަޅަނީ

އެމެރިކާއިން ރާއްޖެއަށް އާ ސަފީރެއް ކަނޑައަޅަނީ

20 އޮކްޓޯބަރ 2021

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ދައުރު ހަމަވާތީ އާ ބޭފުޅަކު އެ މަގާމަށް އައްޔަން ކުރަން އެ ގައުމުގެ ރައީސް ޖޯ ބައިޑެން އެމެރިކާގެ ސެނެޓަށް ފޮނުއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ދައުރު ހަމަވާތީ އާ ބޭފުޅަކު އެ މަގާމަށް އައްޔަން ކުރަން އެ ގައުމުގެ ރައީސް ޖޯ ބައިޑެން އެމެރިކާގެ ސެނެޓަށް ފޮނުއްވައިފި އެވެ.

އެމެރިކާއިން ސްރީލަންކާ އާއި ރާއްޖެއަށް ކަނޑައަޅުއްވާ ސަފީރެއްގެ ގޮތުގައި މިހާރު ހުންނެވި އެލެއިނާ ޓެޕްލިޓްޒްގެ ދައުރު އަންނަ މަހު ހަމަވާނެ އެވެ. އެހެންވެ، އޭނާ އިއްޔެ ވަނީ ރާއްޖެ ވަޑައިިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފަ އެވެ.

އާ ސަފީރެއްގެ ގޮތުން ސެނެޓަށް ރައީސް ބައިޑެން ފޮނުއްވީ ޖޫލީ ޗަންގްގެ ނަމެވެ. އޭނާއަކީ ކުރިން ޖަޕާނާއި ޗައިނާގެ އިތުރުން ކޮލަމްބިއާގައި ހުންނަ އެމެރިކާގެ އެމްބަސީގެ މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި އިރާގުގައި ހުންނަ އެމެރިކާ އެމްބަސީގައި ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ.

ޖޫލީގެ ނަމަށް ރުހުން ދިނުމާ މެދު ސެނެޓުން އަދި ގޮތެއް ނުނިންމަ އެވެ.

ސަފީރަކަށް މިހާރު ހުންނެވި އެލެއިނާ 2018 ގައި އެ މަގާމަށް އައްޔަން ކުރުމާ ހަމައަށް އޭނާ ހުންނެވީ ނޭޕާލުގައި ހުންނަ އެމެރިކާގެ ސަފީރުގެ މަގާމުގަ އެވެ. އޭނާއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސަފީރުކަމުގެ ފަތްކޮޅު ފުރަތަމަ އެރުވި ސަފީރެވެ. އޭނާ ރައީސަށް ފަތްކޮޅު އެރުއްވީ ރައީސް މަގާމާ ހަވާލުވެ ވަޑައިގަތްތާ 24 ގަޑިއިރު ވެސް ނުވަނީހެވެ. މިއީ ފަހުގެ ތާރީޚެއްގައި ވެސް ރާއްޖޭގެ ރައީސަކަށް އެހާ އަވަހަށް ފަތްކޮޅު އެރުވި ފަހަރެވެ.

އެލެއިނާގެ ސަފީރުކަމުގެ ދައުރުގައި އެމެރިިކާ އާއި ރާއްޖޭގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ. އެމެރިކާގެ ޚާރިޖީ ވަޒީރަކު ފަހުގެ ތާރީޚެއްގައި ފުރަތަމަ ފަހަރަށް މިދިޔަ އަހަރު ރާއްޖެ ވަޑައިގަތެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ވެސް ސިއްހީ ދާއިރާއަށް އެންމެ ބޮޑު އެހީތެރިކަމެއް ދިނީ އެމެރިކާއިންނެވެ.

މީގެ އިތުރުން އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ގާއިމްކުރަން ވެސް މިހާރު ވަނީ ނިންމައިފަ އެވެ.