Roadha Mihaaru
އަންހެނެއް ކަމަށް ހީކުރި ލިޔުންތެރިޔާ އަކީ ތިން ފިރިހެނުން

އަންހެނެއް ކަމަށް ހީކުރި ލިޔުންތެރިޔާ އަކީ ތިން ފިރިހެނުން

19 އޮކްޓޯބަރ 2021

ކާމެން މޯލާގެ ނަމުގައި ކްރައިމް ތުރިލާ ޖޯންރާގެ ވާހަކަތައް ލިޔެގެން ބޮޑު މަގުބޫލުކަމެއް ހޯދި ސްޕެއިންގެ ލިޔުންތެރިޔާ އަކީ ކުރިން ހީކުރި ގޮތާ ހިލާފަށް ތިން ފިިރިހެނުންކަން އެނގުމުން އާންމުންގެ ތެރޭގައި މިކަން ބޮޑު ބަހުސަކަށް މިކަންވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކާމެން މޯލާގެ ނަމުގައި ކްރައިމް ތުރިލާ ޖޯންރާގެ ވާހަކަތައް ލިޔެގެން ބޮޑު މަގުބޫލުކަމެއް ހޯދި ސްޕެއިންގެ ލިޔުންތެރިޔާ އަކީ ކުރިން ހީކުރި ގޮތާ ހިލާފަށް ތިން ފިިރިހެނުންކަން އެނގުމުން އާންމުންގެ ތެރޭގައި މިކަން ބޮޑު ބަހުސަކަށް މިކަންވެއްޖެ އެވެ.

މިކަމެއް ހާމަވީ ހުކުރު ދުވަހު ބޭއްވި ޕްލެނެޓާ ޕްރައިޒް އެވޯޑްގައި އަދަބިއްޔާތުގެ ދާއިރާ އިން މޯލާ އަށް ލިބުނު އެވޯޑް ބަލައި ފިރިހެން ތިން ލިޔުންތެރިން ސްޓޭޖަށް އެރުމުންނެވެ. އެ މީހުންނަކީ ޓީވީ ސްކްރީން ރައިޓަރުންގެ ގޮތުގައި ވެސް މަސައްކަތްކުރާ އަގަސްޓިން މާޓިނޭޒާއި ޖޯޖް ޑަޔަޒްގެ އިތުރުން އެންޓޯނިއާ މާސެރޯ އެވެ.

މޯލާގެ ނަމުގައި މިހާތަނަށް ވާހަކަތައް ގެނެސްދިނީ މި ތިން މީހުންނެވެ. އެކަމަކު މިހާތަނަށް ގިނަ ބަޔަކު ހީކޮށްގެން ތިބީ އެއީ ސްޕެއިންގެ އަންހެނެއް ކަމަށެވެ. މޯލާގެ ގޮތުގައި ތިން ލިޔުންތެރިން ފަރުދާހުގެ ފުރަގަހުން ނުކުމެ ބުނީ ކާމެން ކިޔާ މީހަކު ނުވެސް ނެތް ކަމަށެވެ.

ޕްލެނެޓާ ޕްރައިޒް އެވޯޑްގެ ތެރެއިން.

ޕްލެނެޓާ ޕްރައިޒް އެވޯޑްގެ ތެރެއިން.

ނޭވާ ހިފަހައްޓައިލަން ޖެހޭ ކަހަލަ ވާހަކަތަކެއް ގެނެސްދީގެން އާންމުންގެ ހިތްތަކުން ހާއްސަ ޖާގައެއް ހޯދި މޯލާއާ ބެހޭ ގޮތުން އެ ނަމުގައި ހަދާފައިވާ ވެބް ސައިޓްގައި އޭނާ އަކީ މެޑްރިޑަށް އުފަން ލިޔުންތެރިއެއް ކަމަށް ބުނެ، ސީދާ ކާކުކަން ފާޅުނުވާ ގޮތަށް ފޮޓޯތަކެއް ވެސް ހިމަނާފައިވެ އެވެ. އަދި މޯލާ ލިޔުންތެރިއެއްގެ ގޮތުގައި ހޯދި މަގުބޫލުކަން ސިފަކުރަނީ އިޓަލީގެ މަޝްހޫރު ލިޔުންތެރިއެއް ކަމަށްވާ އެލީނާ ފެރާންޓޭއާ އެވެ. މޯލާގެ ވާހަކަތަކުގައި އަބަދު ވެސް މައިގަނޑު ކެރެކްޓާ އަކީ އެލީނާ ބްލާންކޯ ކިޔާ ޑިޓެކްޓިވްއެކެވެ.

މިހާތަނަށް މޯލާގެ ހަގީގަތް ސިއްރު ކޮށްގެން އުޅުނު ތިން ލިޔުންތެރިން ކުރިން ބުނެފައިވާ ގޮތުގައި އެ މީހުންނަށް ވެސް ވަރަށް ގަޔާވާ ލިޔުންތެރިޔާ އަކީ މެޑްރިޑްގައި ފިރިމީހާ އާއި ތިން ދަރިންނާ އެކު ދިރިއުޅޭ ޔުނިވަސިޓީ ޕްރޮފެސަރެކެވެ.

މި ވީހާތަނަށް މޯލާ ކިޔާ އަންހެނެއްގެ ނިވަލުގައި ތިބީ ތިން ފިރިހެނުންކަން އެނގުމާ އެކު، އެ ވާހަކަ ވަރަށް ބޮޑަށް އަންނަނީ ދެކެވެމުންނެވެ. އެއް ބަޔަކަށް އެއީ ބޮޑު މައްސަލައަކެކެވެ. އަދި ބައެއް މީހުން ބުނެފައި ވަނީ ތިން ލިޔުންތެރިން ވަރަށް ވެސް ކުޅަދާނަ ކަމަށެވެ. މީޑިއާތަކުން ބުނީ މޯލާ އަކީ ފިރިހެން ލިޔުންތެރިންތަކެއްކަން އެނގިވަޑައިގަތުމުން ސްޕެއިންގެ ރަސްގެފާނު ފެލީލް އާއި ރާނީ ލެޓީޒިއާ ވެސް ތިއްބެވީ ޝޮކެއްގައި ކަމަށެވެ.

ޕްލެނެޓާ ޕްރައިޒް އެވޯޑްގެ ތެރެއިން.

ޕްލެނެޓާ ޕްރައިޒް އެވޯޑްގެ ތެރެއިން.

މިކަމާ ގުޅިގެން ސްޕެއިންގެ ވުމެންސް އިންސްޓިޓިއުޓްގެ ކުރީގެ ޑިރެކްޓަރު ބީޓްރިޒް ޖިމެނޯ ފިރިހެން ތިން ލިޔުންތެރިންނަށް ޓްވިޓާގައި ފާޑު ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވީ އަންހެނެއްގެ ނަމުގައި ތިން ލިޔުންތެރިން ކުރި ކަމަކީ ކިޔުންތެރިންނަށް އޮޅުވާލައި މަކަރު ހެދުން ކަމަށެވެ. އަދި އެއީ ލިޔުންތެރިކަމުގެ ދާއިރާ އަށް އެރުވި ހުތުރެއް ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ ފޭކް ޕްރޮފައިލް ހެދުމުގެ ލާމަސީލު ނުބައި ކުޅިގަނޑެއް." ބީޓްރިޒް ވިދާޅުވި އެވެ.

ހުކުރު ދުވަހު ޕްލެނެޓާ ޕްރައިޒް އެވޯޑް މޯލާ އަށް ލިބުނީ 1834 ގައި ކުރިމަތިވި ކޮލެރާ ބަލިމަޑުކަމުގެ ދުވަސްވަރުގެ ވާހަކައެއް ކިޔައިދިން ހިސްޓޮރިކަލް ތުރިލާ "ދަ ބީސްޓް" އިންނެވެ. މޯލާގެ ގިނަ ވާހަކަތަކުގެ ޕަބްލިޝިން ހައުސް އަކީ ޕެންގްއިން ރޭންޑަމް ހައުސް އެވެ.