Roadha Mihaaru
ޒާރާ އިން ބިއުޓީ ލައިނެއް ލޯންޗްކުރަނީ

ޒާރާ އިން ބިއުޓީ ލައިނެއް ލޯންޗްކުރަނީ

08 މެއި 2021

ސްޕެއިންގެ މަޝްހޫރު ފެޝަން ކުންފުނި ޒާރާ އިން މުޅިން އަށް ބިއުޓީ ލައިނެއް ލޯންޗްކުރަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްޕެއިންގެ މަޝްހޫރު ފެޝަން ކުންފުނި ޒާރާ އިން މުޅިން އަށް ބިއުޓީ ލައިނެއް ލޯންޗްކުރަން ތައްޔާރުވެއްޖެ އެވެ.

މި މަހުގެ 12 ގައި "ޒާރާ ބިއުޓީ" ގެ ނަމުގައި ލޯންޗްކުރާ ބިއުޓީ ލައިންގެ ދަށުން، މޭކަޕްކުރަން ބޭނުންކުރާ އަސާސީ ގިނަ އުފެއްދުންތަކެއް ނެރޭނެ އެވެ. އޭގެ ތެރޭގައި މޭކަޕްކުރާ ސާމާނާއި ލޮލާއި ނިޔަފައްޗަށް ހާއްސަ އުފެއްދުންތައް ވެސް ހިމެނޭނެ އެވެ. އެގޮތުން ނަރިޝް ޖެލީ ލިޕް އޮއިލް، މެޓަލް ފޮއިލް ލޫޒް ޕިގްމަންޓް އަދި ރީފިލަބްލް ޗީކް ޕެލެޓް ފަދަ އެއްޗެހި ހިމެނެ އެވެ.

އެ އެއްޗެހީގެ ފޮޓޯ އާއި ވީޑިއޯ ވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ އިރު "ޒާރާ ބިއުޓީ" ގެ ދަށުން ނެރޭ އުފެއްދުންތަޖުގެ ތެރޭގައި ތަފާތު 130 ޝޭޑެއްގެ އުފެއްދުންތައް ހިމެނޭނެ އެވެ. އެ އެއްޗެހީގެ އަގުތައް އުޅޭނީ 7.90-25.90 ޑޮލަރާ ދެމެދުގަ އެވެ. ރިފިލްކޮށްދޭ އަގުތައް ފެށޭނީ 4.90 ޑޮލަރުންނެވެ.

"ޒާރާ ބިއުޓީ" އިން ބުނި ގޮތުގައި ރިފިލްކުރެވޭ އުފެއްދުންތަކެއް ނެރެން ނިންމީ ކުނީގެ މައްސަލަ އަށް ވިސްނައިގެންނެވެ. އެގޮތުން އުފެއްދުމެއް ބޭނުންކޮށް ހުސްވުމުން އުކައިލުމުގެ ބަދަލުގައި އެ އެއްޗެއް އަލުން ރިފިލްކުރެވޭނެ އެވެ.

"ޒާރާ ބިއުޓީ" ގެ އުފެއްދުންތައް ތައްޔާރުކޮށްފައި ވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު މޭކަޕް އާޓިސްޓް ޑަޔަން ކެންޑާލްއާ ގުޅިގެންނެވެ.