Roadha Mihaaru
ބޯވަ ނަގަން ގޮސް އުޅެނިކޮށް އޮޔާދިޔަ މީހަކު ސަލާމަތްކޮށްފި

ބޯވަ ނަގަން ގޮސް އުޅެނިކޮށް އޮޔާދިޔަ މީހަކު ސަލާމަތްކޮށްފި

18 އޮކްޓޯބަރ 2021

މާލެ އަށް މިހާރު ކުރަމުންދާ ވިއްސާރަ އާއި ކަނޑުގަދަ ވެފައި ވަނިކޮށް، އުސްފަސްގަނޑު ސަރަހައްދަށް ބޯވަ ނަގަން ގޮސް އުޅެނިކޮށް އޮޔާދިޔަ މީހަކު މިއަދު ސަލާމަތްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ އަށް މިހާރު ކުރަމުންދާ ވިއްސާރަ އާއި ކަނޑުގަދަ ވެފައި ވަނިކޮށް، އުސްފަސްގަނޑު ސަރަހައްދަށް ބޯވަ ނަގަން ގޮސް އުޅެނިކޮށް އޮޔާދިޔަ މީހަކު މިއަދު ސަލާމަތްކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ، އެ ފިރިހެން މީހާ ފެނުނީ ވާދޫ ކަނޑުގައި ފަތަމުންދަނިކޮށް އެ ސަރަހައްދުން ދަތުރުކުރި ބަޔަކަށް ކަމަށެވެ. އޭނާ މާލެ ގެނެސް ފުލުހުންނާ މިހާރު ހަވާލު ކޮށްފައިވާ ކަމަށް ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އޮޔާދަނިކޮށް ސަލާމަތްކުރި އުމުރުން 48 އަހަރުގެ މީހަކު ހެނދުނު 8:30 ހާއިރު ފުލުހުންގެ އިދާރާ އަށް ގެންދިޔަ ކަމަށެވެ. އެ މީހާގެ ހާލު ރަނގަޅު ކަމަށާއި ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"މި ދުވަސްވަރު މޫސުން ގޯސްވުމުން އެ ކަމަށް ސަމާލުކަން ދިނުމަށް ނަސޭހަތް މި ދިނީ،" އޭނާ ވިދާޅުވި އެވެ.

މާލޭގެ ރަސްމީ ފާލަން ކައިރިން ބޭރު ތޮށިގަނޑުމަތީގައި މަސް ބާނަން ހުރި މީހަކު ވެސް ވައިގަދަވެގެން މޫދަށް ވެއްޓި މިއަދު ހެނދުނު ވަނީ މަރުވެފަ އެވެ.

އޭނާ މޫދަށް ވެއްޓުނު ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހެނދުނު 6:52 ގަ އެވެ. އެ 59 އަހަރުގެ މީހާ މޫދުން ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް 7:20 ގައި އެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާ އިން ބުންޏެވެ.

މިއީ އާދަޔާ ހިލާފަށް ކަނޑުގަދަ ދުވަސްވަރަކަށް ވުމުން ކަނޑުދަތުރު ކުރާއިރު ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމަށް ކަމާބެހޭ އިދަރާތަކުން ވަނީ އެދިފަ އެވެ.