Roadha Mihaaru
ތިލަފުށި ކައިރިން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި

ތިލަފުށި ކައިރިން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި

19 ޖުލައި 2020

ކ. ތިލަފުށި ކައިރިން ދިޔަ މުދާ އުފުލާ ދޯންޏެއް މިއަދު ހަވީރު ބަންޑުން ޖަހާލައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކ. ތިލަފުށި ކައިރިން ދިޔަ މުދާ އުފުލާ ދޯންޏެއް މިއަދު ހަވީރު ބަންޑުން ޖަހާލައިފި އެވެ.

އެމްއެންޑީއެފުން ބުނީ، ހަވީރު ފަހެއް ޖަހާކަންހާއިރު، "ސެކިއޯ ބޭގް" ދޯނި ބަންޑުން ޖަހައިލުމުން، އޭގައި ތިބި ތިން ފަޅުވެރިން "ވިލާ ހަކަތަ" ދޯންޏަށް ނަގާފައިވާ ކަމަށެވެ.

މާލެ އިން ފުރައިގެން ތިލަފުއްޓަށް ދަތުރުކުރަނިކޮށް "ސެކިއޯ ބޭގް" ދޯނި ބަންޑުން ޖަހައިލީ ކަނޑު ގަދަވެ، ދޯނި އަރި އަޅައިގެން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފްގެ ޓްވީޓު

ކޯސްޓް ގާޑާއި ސިފައިންގެ ޑައިވަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ރާއްޖޭގެ މޫސުން އިއްޔެ އިން ފެށިގެން ގޯސްވުމުން، ކަނޑުމަތީގައި ހާދިސާތަކެއް ހިނގައި، ބައެއް މީހުންގެ މުދަލަށް ގިނަ ގެއްލުންތަކެއް ލިބިފައި ވެ އެވެ. އެވެ. އޭގެ ތެރޭގައި ދޯންޏެއް ބަންޑުން ޖަހާލައި ބަޔަކު ކަނޑުވުމާއި ސަޕްލައި ދޯންޏެއް ދިޔަވުން ފަދަ ކަންކަން ހިމެނެ އެވެ. މި ދުވަސްވަރަކީ ވިއްސާރަ ދުވަހެއް ކަމަށް ވުމުން ކަނޑުދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ބަހައްޓަން އެމްއެންޑީއެފް އާއި މޫސުމާ ގުޅޭ އިދާރާ އިން ވަނީ އެދިފަ އެވެ.