Roadha Mihaaru
އެންމެ ހުނަރުވެރި ކުދިންވާންވީ ޓީޗަރުންނަށް: މިނިސްޓަރު

އެންމެ ހުނަރުވެރި ކުދިންގެ ކިބައިން މިނިސްޓަރު އެދިވަޑައިގަތީ ޓީޗަރުންނަށް ވުމަށް

17 އޮކްޓޯބަރ 2021

އަހަރަކަށްވުރެ އަހަރެއް ތައުލީމީ ގޮތުން ރާއްޖެ ކުރިއަށްދާނީ ހުނަރުވެރި ޓީޗަރުން ތަމްރީނުވެގެން ކަމަށާއި އެ މަގަށް ވާސިލުވުމަށް އެންމެ މޮޅު ކުދިން ޓީޗަރުންނަށް ވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ އެދިވަޑައިގެންފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އަހަރަކަށްވުރެ އަހަރެއް ތައުލީމީ ގޮތުން ރާއްޖެ ކުރިއަށްދާނީ ހުނަރުވެރި ޓީޗަރުން ތަމްރީނުވެގެން ކަމަށާއި އެ މަގަށް ވާސިލުވުމަށް އެންމެ މޮޅު ކުދިން ޓީޗަރުންނަށް ވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ އެދިވަޑައިގެންފި އެވެ.

އޭލެވެލްގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމަށް ތާޖުއްދީން ސްކޫލުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ފިންލޭންޑާއި ސިންގަޕޫރު ފަދަ ބައެއް ގައުމުތަކުގައި އެންމެ ހުނަރުވެރި ކުދިން ހިޔާރުކުރާ އެއް މަސައްކަތަކީ ޓީޗަރުކަން ކަމަށާއި ރާއްޖޭގައި ވެސް އެންމެ ހުނަރުވެރި ކުދިން ޓީޗަރުކަމުގެ ދާއިރާއިން ކުރިއަށްދާ ނަމަ ތައުލީމީ ދާއިރާ ކުރިއަރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ދާއިރާގެ މަސައްކަތަކީ އެތައް ޖީލަކަށް ފެތުރިގެންދާ އަދި ހެޔޮކަން ލިބިގެންވާ މަސައްކަތެކެވެ.

"މިރޭ، އަޅުގަނޑު މި ހަފްލާގައި ތިބި ދަރިވަރުންގެ ފަރާތުން އެދޭ އެންމެ ބޮޑު އެދުމަކީ، ތިޔައިގެ ތެރެއިން އެންމެ ހުނަރުވެރި ކުދިން ޓީޗަރުންނަށް ވުން. އުނގަންނައިދިނުމުގެ މަސައްކަތަކީ، އޭގެ އަސަރުތައް އެތައް ޖީލަކަށް ފެތުރިގެންދާ، ދުނިޔެ އާއި އާހިރަތުގައި ހެޔޮ ޖަޒާ ލިބޭ، އަބުރުވެރި މަސައްކަތެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އެއީ ރަނގަޅު މުޖުތަމައުއެއް ބިނާކުރުމަށް ތިޔަ ކުދީންނަށް ކޮށްދެވޭނޭ އެންމެ ބޮޑު އެއް ހިދުމަތް -- މިނިސްޓަރު

ތަމްރީނުން ނުކުންނަ ޓީޗަރުންގެ ފެންވަރު އެންމެ ބޮޑަށް ބިނާވެފައި ވަނީ ކޯހަށް ވަންނަ ދަރިވަރުންގެ ފެންވަރުގެ މައްޗަށް ކަމަށާއި މޮޅު ޓީޗަރުން ތައުލީމީ ނިޒާމަށް ވަނުމަކީ، މޮޅު ދަރިވަރުން ތަރުބިއްޔަތު ކުރެވޭނެ މަގެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކީއްތާނި އުޔަކުން، ފަށުވި ފޭރާމެއް ނުވިޔެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަތީ ސާނަވީ އިމްތިހާނު ނިންމާލުމަށްފަހު މިހާރު ދަރިވަރުން މަސައްކަތުގެ މުސްތަގުބަލްގެ ދޮރޯށީގެ ކުރިމަތީގައި ތިބިއިރު އެ ކުދިންގެ ކުރިމަތީގައި އެތައް ފުރުސަތެއް އެބަ އޮތް ކަމަށެވެ. އެކަމަކު ދިރިއުޅުމުގައި ކާމިޔާބު މީހަކަށްވަނީ ހަމައެކަނި އުނގެނޭ ތަކެތިން ނޫންކަމަށާއި ކާމިޔާބު މީހަކަށްވުމަށް ގިނަ ސިފަތަކެއް ހުންނަން ޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ މޮޅު ނަތީޖާތައް ހޯދި ކުދިންގެ ހަޔާތުގެ ނަތީޖާތަކަށް ނަޒަރު ހިންގާލުމުން ފާހަގަކުރެވެނީ އެންމެ ބޮޑު އަސަރެއް މުޖުތަމައުއަށް ގެނެސްފައި ވަނީ ހަމައެކަނި ތައުލީމީ ގޮތުން މޮޅު ކުދިން ނޫން ކަމަށެވެ. އެންމެ ކާމިޔާބީ އެ ކުދީން ހޯދި އިލްމާއި ހުނަރު އެންމެ ފުޅާ ދާއިރާއެއްގައި ގައުމަށް ފޯރުކޮށްދީ، އެންމެ ގިނަ ބަޔަކަށް އެކުދީންގެ ހެޔޮ އަސަރުތައް ފޯރުކޮށްދީ، ލިބޭ މުސާރައަށް ވުރެ، އިޖްތިމާއީ މަންފާއަށް ހިދުމަތުގެ އަތުކުރި އޮޅާލި ކުދިން ކަމަށް މިނިސްޓަރު ވިދާޅުވި އވެެ.

މިނިސްޓަރުގެ ވާހަކައިގައި ވަނީ މޮޅު ކުދިންތަކަކަށް ދަރިން ހެދުމަށް ބެލެނިވެރިން ކުރި މަސައްކަތް ފާހަގަކުރައްވައިފަ އެވެ. އެކަމަކު ދަރިންދެކެ ވާ ލޯބިން ނުވަތަ ކިޔެވުމަށް ބުރޫއަރައިފާނެތީ އެ ކުދިން ލައްވާ އެއްވެސް މަސައްކަތެއް ނުކުރުވާ ބޭތިއްބުމަކީ ރަނގަޅުކަމެއް ނޫން ކަމަށާއި ކޮންމެ ކުއްޖަކީ ވެސް މައިންބަފައިންނާއި ވަކިން ދިރިއުޅޭނެ ދުވަހެއް އަންނާނެ ކުދިންކަމުން، އެ ކުދިނަށް މަސައްކަތް ހަވާލުކުރުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

"އެ ދުވަހަކުން އެ ކުދިންނަށް މާއްދާތަކުން ލިބުނު ގްރޭޑަށްވުރެ މުހިއްމުވެގެންދާނީ އުނގެނުނު ތަކެއްޗާއި މައްސަލަތައް ހައްލުކުރުމުގެ ހުނަރާއި ފުންކޮށް ވިސްނުމުގެ ހުނަރާއި ކަންކަމުގައި ގޮތް ނިންމުމުގެ ހުނަރުތައް ފަދަ ހުނަރުތައް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ އިލްމު އުނގެނުމަށް އޮންނަ އެންމެ ބޮޑު ހުރަހަކީ މާގިނަ ތަކެތި އެނގޭ ކަމަށް ހީވުން ކަމަށް ވިދާޅުވެފަ އެވެ. އެއީ ބޮޑު މައްސަލައެއްކަން ފާހަގަކޮށް މިނިސްޓަރު ވަނީ ކާމިޔާބުގެ ވަގުތުގައި ހިތްތިރިކުރުމަށް ގޮވަލައްވައިފަ އެވެ. އަދި ކުދިންނަށް އެނގޭ މިންވަރަކީ ވެލިފުކެއްގެ މިންވަރުކަމަށް ދެކުމަށް ވެސް އެދިވަޑައިގަތެވެ.